30 އޮކްޓޯބަރ 2024
މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމި ނިންމުން ހުއްޓުވައިދޭން ޑްރައިވާސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމި ނިންމުން ހުއްޓުވައިދޭން ޑްރައިވާސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވައިލި "މާލެ ފެހި" ޕްރޮގްރާމްގައި ސަރުކާރުން ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް "ޓެކްސީ ލައިނެއް" ހެދުމަށް ހިމެނުމާ އެކު މިދިޔަ ޖުލައި މަހު ޑްރައިވަރުންގެ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުންތަކާ އެކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ލިޔުމުން ޖަވާބުދެއްވަން މަޖިލީހުން އެދުނު ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބޭނުންވީ ކޮމިޓީ އަށް ވަޑައިގެން އެކަމުގެ ތަފުސީލު ދެއްވާށެެވެ.
އިއްޔެ އޮތް އިގްތިސާދީ ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ، އުސޫލުތަކާއި ގާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ "ބަންޑުންވާ" ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަން މިއަދު ވަނީ އިގްތިސާދީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އެ އެސޯސިއޭޝަންގެ މެމްބަރު އިބްރާހިމް ނިޔާޒު ބުނީ، މީގެ ކުރިން ޑްރައިވަރުންނާ ބައްދަލުކުރައްވައި، މިނިސްޓަރު އަމީޏް ވަނީ މަޝްވަރާތަކާ ނުލައި އެފަދަ ނިންމުމެއް ނުނިންމަވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.
މިއީ އެ މީހުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ކަމަކަށް ވާއިރު މި ނިންމުން ބަދަލުކޮށް ދޭން މަސައްކަތް ކޮށްދިނުމަށް އޭނާ އެދުނެވެ.
"މި އިއްޒަތްތެރި މަޖިލީހުން ކުރާ ބުރަ މަސައްކަތުގެ ތެރެއިން މި ޓެކްސީ ފްލީޓްގެ މަސައްކަތް ހުއްޓުވައިދިނުން އެއި ވަރަށް ބޮޑު އެދުމެއް،"
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށް ކަމަށް ބުނެ ވާހަކަތައް ދައްކަމުންދާ މިދަނޑިވަޅުގައި ސަރުކާރުން ޓެކްސީގެ ތެރެއަށް ވަނުމަކީ ވެސް އިތުރު ހަރަދުތަކެއް ހިނގާނެ ކަމެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ފާހަގަކުރި އެވެ.
އެ ކޮމިޓީ އަށް ޑްރައިވާސް އެސޯސިއޭޝަންގެ މެމްބަރުން މިއަދު ހާޒިރުކުރުމުން ވަނީ ޑްރައިވަރުންގެ ޝަކުވާތައް އޮއްސާލައިފަ އެވެ.
ޑްރައިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ މިދިޔަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު، ޓެކްސީ ޑްރައިވަރުންނާ މިނިސްޓަރު ބައްދަލުކުރައްވައި ސަރުކާރުން ޓެކްސީގެ ހިދުމަތުގެ ތެރެއަށް ވަނުމަށް ނުވިސްނާ ކަމަށް ވިދާޅުވުމަށް ފަހު، އެއްވެސް މަޝްވަރާ ކުރުމެއް ނެތި އެ ޓެކްސީ ލައިނެއް ހެދުމުގެ ތައްޔާރީތައް ވަމުންދާތީ އެވެެ.
"އަމީން ދެއްވި މައުލޫމާތަކީ މިގޮތަށް ހިންގާ ކަމެއް ނޫނޭ މިއީ. ޓެކްސީ ފްލީޓަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށް. އަދި އެކަން އަމީން ދޮގު ކުރެއްވި. މިކަމުގައި ދެއްކެވުނީ މާލޭ ފަހި ޕްރޮގްރާމެއްގައި ހިމެނޭ ޕޭޕަރެއްގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވި،" ޑްރައިވާސް އެސޯސިއޭޝަން ހަސަން ޒަރީރު ބުންޏެވެ.
ޒަރީރު ބުނީ ޓެކްސީގެ ހިދުމަތް ސަރުކާރުން ވަނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭގެ ސަބަބުން ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާއި އެ މީހުންގެ އާއިލާތަކަށް ވެސް އޭގެ އަސަރުކުރާނެ އެވެ.
"ދިވެހި ސަރުކާރުގެ މި ނިންމުމާ އެކު ދިވެހި ސަރުކާރުގެ ޓެކްސީގެ ހިދުމަތުގައި ހަރަކާތްތެރިވާ މީހުންގެ ދިރިއުޅުމަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަސަރުތަކެއް ކުރާނެ،" އިގްތިސާދީ ކޮމިޓީގައި އޭނާ ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ.-- ފޮޓޯ: މަޖިލިސް
ޒަރީރު ބުނީ، ސަރުކާރުން އެކަމުގެ ތެރެއަށް ވަދެއްޖެ ނަމަ ޓެކްސީ ހިދުމަތް ދެމުން އަންނަ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ވެސް ހުރަސް އެޅި، އެ މީހުންގެ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޓެކްސީ ވިޔަފާރީގެ ކޮލިޓީ ރަނގަޅު ކުރުމަށް ވެސް އަމިއްލަ ފަރާތްތަކުން ޓެކްސީގެ ހިދުމަތް ދޭން ޖެހޭ ކަން ފާހަގަކުރި އެވެ. ޓެކްސީތަކަށް ގަޑިއަކު 100ރ. ދޭން ސަރުކާރުން ނިންމި ނިންމުމާއި މަސައްކަތް ކުރަންޖެހޭ ވަގުތު ކަނޑައެޅުމުން ވެސް އެކަމަށް ފާޑުކިޔެވެ. އަދި 11،000 ޓެކްސީ އޮތް ކަމަށް ދޭހަކޮށް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް އިޝާރާތްކޮށް، އޭނާ ވަނީ އެއީ ވެސް ދޮގެއް ކަމަށް ބުނެފަ އެވެ.
މެމްބަރުން ކުރިމަތިކުރި ސުވާލުތަކަށް ރައްދު ދެއްވަމުން ޒަރީރު ބުނީ، ވަކި ސަރަހައްދުތަކަކަށް ދަތުރު ނުކުރެވެނީ މަގު ހަނިވެފައި، އަދި ދެ ފަޅީގައި ވެސް ޕާކުކުރާތީ ކަމަށެވެ. އެކަމާ ގުޅިގެން ވެހިކަލްތައް ނަގައިދޭން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުނަސް އެކަމަށް އިޖާބަދީފައި ނުވާ ކަމަށް ބުންޏެވެ.
"މިހާތަނަށް މިނިސްޓްރީން އެބައިންތޯ އެއްވެސް ފިޔަވަޅެއް އަޅާފައި ސެންޓަރުތަކުން އަޅާ ވަރަށް ވެސް ގޯސްކޮށް އަމަލުކުރާ ޑްރައިވަރުންނަށް. ނެތް އަޅާފައި،" ޒަރީރު ބުންޏެވެ.
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން އެ އެސޯސިއޭޝަންގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން ބައްދަލުކުރުން pic.twitter.com/GnkAwTzJUB
— People's Majlis (@mvpeoplesmajlis) October 30, 2024
ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފަށަން އުޅޭތީ އެކަމާ ކަންބޮޑުވެ، ޓެކްސީ ޑްރައިވަރުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލޭގައި މުޒާހަރާ ވެސް ކުރި އެވެ. ހުޅުމާލެ 1 ގައި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ އުމަރު ޒާހިރު ބިލްޑިންގްގެ ބޭރުގައި ޑްރައިވަރުން އަޑުއުފުލަން ފެށުމުން މިނިސްޓަރު އަމީން ވަނީ އެ މީހުންނާ ބައްދަލު ކުރައްވައި، ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ޑްރައިވަރުންގެ މުޒާހަރާ އޭރު ހުއްޓާލީ އެހެންވެ އެވެ.
އެ މުޒާހަރާގައި ބައިވެރިވި ޑްރައިވަރުން ބުނާ ގޮތުގައި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މި ވިޔަފާރިއަކީ ސަރުކާރުން ވަންނަން ގަސްދުކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަން އުޅޭތީ އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަނީ--
ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޓެކްސީ ލައިނެއްގައި މައްސަލަ އަންނަ ހިސާބަކީ އެކަން ކުރުމަށް ކަނޑައަޅާފައިވާ އަގުތަކާ ހިލާފަށް އެކަން ކުރާ ހިސާބުން ކަމަށެވެ. އަދި ޓެކްސީތަކުން ދަތުރު ނަގަނީ އެ ވަގުތަކު ޑްރައިވަރު ދާން ބޭނުންވާ ހިސާބަކަށް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ޓެކްސީ ލައިނެއްގެ މައްސަލަ މި އަންނަ ހިސާބަކީ އެބަ އޮވޭ މިކަން ކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކެއް. މީގެ ހަގީގަތަކީ ޓެކްސީ ބޭނުންވާ ވަގުތުތަކުގައި ޓެކްސީއެއް ވަކި ތާކަށް ދާންވެއްޖެއްޔާ ނުލިބޭ ޓެކްސީއެއް. އެކަމަކު މާލެ އިން ހުޅުމާލެ އަށް ނޫނީ މާލެއިން ފޭސް ދެއަކަށް ޖަހަފިއްޔާ ވަގުތުން ލިބޭ. ރައިޑުތަކުން ވެސް ޓެކްސީ ލައިންތަކުން މިގޮތަށް މި ހަދަނީ،" ނުރުހުން ފާޅުކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ޓެކްސީ ލައިންތަކުގެ ފެންވަރު ވެސް ވަރަށް ބޮޑަށް ދަށް ކަމަށެވެ. ޓެކްސީގެ ވިޔަފާރި ކުރަނީ ޓެކްސީ ދުއްވާ މީހާ ބޭނުންވާ ގަޑިއަކު ނުކުމެ، އެމީހާ ބޭނުންވާ ގަޑިއަކަށް ހުއްޓާލައި އުސޫލުން ކަމަށެވެ. އަދި ޑްރައިވަރާއި ފަސެންޖަރުގެ ރައްކާތެރިކަން ވެސް ކަށަވަރުނުވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، ރާއްޖެއަށް ވެސް އެންމެ ބޭނުންވަނީ "އޫބާ" ކަހަލަ ސިސްޓަމެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި 24 ގަޑިއިރު ހިދުމަތްދޭ، ކޮމްޕިއުޓާ ނިޒާމަކުން ހުރިހާ ކަމެއް ކުރެވޭ ފަދަ ނިޒާމެއް ރާއްޖެއަށް ބޭނުންވެ އެވެ.
"ކޮމްޕިއުޓާ ނިޒާމުގެ ދަށުން ޑްރައިވަރުންގެ ބާރު ނުހިންގާ ގޮތަށް ސިސްޓަމުން އެންގީމަ އެމީހަކު އެތަނަށް ދާން. އަދި ފައިސާގެ މުއާމަލާތް ވެސް ކުރަން ނުޖެހޭ ގޮތަށް. ވާހަކައަކީ ޑްރައިވަރަކީ މިވެނި އަދަދަކަށޭ ފައިސާ ނެގޭނީ މިހެން ބުނެވޭނެ މީހެއް ނޫން. އެކަކު އަރުވާފައި ތިން މީހުން އަރުވާފައި ދިއުން ފަދަ ކަންކަމުން ކޮންޓްރޯލް ނަގަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ، ބަހުގެ ހިދުމަތް ދެމުންދާ ގޮތަށް ޓެކްސީގެ ހިދުމަތުގެ ކޮންޓްރޯލް ނަގަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
- ބިދޭސީންނަށް ޓެކްސީ ނުކުރެވޭނެ.
- ޓެކްސީކުރާ 25 ޕަސަންޓު، އިލެކްޓްރިކް ޓެކްސީތަކަށް ހެދުން.
- ޑްރައިވަރެއް ކަން އެނގޭނެ ވަކި ޔުނީފޯމެއް ލުން.
- ޓެކްސީ ކުރާ ކޮންމެ ގަޑިއިރަކަށް ދޭ ފީ، 100 ރުފިޔާއަށް ވުރެ ދަށް ނުކުރުން.
- ސަރުކާރުން އެ ޓެކްސީއެއްގެ މެއިންޓަނެންސާއި ޕެޓްރޯލް އެޅުން ހަމަޖައްސައިދިނުން.
- ކޮންމެ ހަފުތާއަކު މުސާރަ ދިނުން.
- 24 ގަޑިއިރު ހިދުމަތް ދޭ ޓެކްސީ ލައިނަކަށް ހެދުން.
މިނިސްޓަރު ވިދާޅުވީ ސަރުކާރު ކުންފުނީގެ ދަށުން ހިންގާ ޓެކްސީ ލައިންގައި ހިމެނޭ މުވައްޒަފުންގެ 50 ޕަސެންޓަކީ ދާއިމީ މުވައްޒަފުންނަށް ހަދާނެ ކަމަށެވެ. އަދި ވަޒީފާގައި އުޅެމުން ޓެކްސީ ކުރަން ބޭނުންވާ މުވައްޒަފުންނަށް، ބާކީ 50 ޕަސެންޓް ޖާގަ ހާއްސަކުރާނެ ކަމަށެވެ.
އޭގެ ސަބަބުން މިހާރު ޓެކްސީގެ ހިދުމަތް ދޭ މީހުންނަށް ވެސް އުނިކަން ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ގޮތެއް ނުހަދާނެ"
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
އެންމެންގެ ރައްކަލަކަށް ވާތީ ޑްރައިވަރުން އުފަލުން
ތެލުގެ އަގާ އެކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަނީ
ބަލަބަލައި ތިއްބާ ޓެކްސީގެ މައްސަލަ އަތްނުފޯރާ ފަށަށް
ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން އެހީވާނެ: ނަހުލާ
ޓެކްސީތަކުން ބޮޑު އަގު ނަގާ ނަމަ ޖޫރިމަނާ ކުރަނީ
އާ އުސޫލާ މެދު ނުރުހުންވެ ޓެކްސީ ޑްރައިވަރުން ކޯޓަށް!
ޓެކްސީގެ އާ އުސޫލު ރަނގަޅު، ދަމަހައްޓާނަން: ސަރުކާރު
ޓެކްސީ ޑްރައިވަރުން އަނެއްކާވެސް މުޒާހަރާ އަށް