Roadha Mihaaru
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!

ޓެކްސީގައި ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު 10-15ރ. އާ ދެމެދުގެ އަގެއް ނަގާނެ!

14 މެއި 2024

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރުގައި ޓެކްސީ ކުރެވޭނެ އަގުތައް ސަރުކާރުން އަލުން ކަނޑައަޅައި މި މަހުގެ 20 ގައި އަމަލުކުރަން ތައްޔާރުވެފައިވާއިރު، އެ އުސޫލުގެ ދަށުން ޓެކްސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދާ ނަމަ ރަސްމީ ދަތުރުގެ އަގުގެ އިތުރުން 10-15ރ. އާ ދެމެދުގެ އަދަދެއް ނެގުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރުގައި ޓެކްސީ ކުރެވޭނެ އަގުތައް ސަރުކާރުން އަލުން ކަނޑައަޅައި މި މަހުގެ 20 ގައި އަމަލުކުރަން ތައްޔާރުވެފައިވާއިރު، އެ އުސޫލުގެ ދަށުން ޓެކްސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދާ ނަމަ ރަސްމީ ދަތުރުގެ އަގުގެ އިތުރުން 10-15ރ. އާ ދެމެދުގެ އަދަދެއް ނެގުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ.

އެކަމަކު، އެ އަގު ނެގޭނީ މި މަހުގެ 20 އިން ފެށިގެންނެވެ.

ޓެކްސީ ދަތުރުތަކަށް ޑްރައިވަރުން ބޭނުން އަގެއް ނަގާ މައްސަލަ ބޮޑުވެފައިވަނިކޮށް މިރޭ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ޓެކްސީ ދަތުރު ކޮށްދޭނެ އާ އަގުތައް ކަނޑައަޅައި އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި އާ ފީއެއް ކަމަށް ކަނޑައަޅާފައިވާ އެއް ބަޔަކީ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދާ ނަމަ އަގުގެ އިތުރު ޗާޖެއް ނެގުމެވެ.

ޓްރާންސްޕޯޓުން އަލަށް ހަމަޖެއްސި ގޮތުން ނަމަ ހަ ސީޓަށް ވުރެ މަދު އުޅަނދުތަކުގައި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭނީ 70ރ. އަށެވެ. ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް 80ރ. ކަނޑައަޅާފައިވާއިރު ހުޅުމާލެ 2 އިން އެއާޕޯޓަށް ގެންގޮސްދޭނެ އަގަކީ 85ރ. އެވެ. އެކަމަކު އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދާން ބޭނުން ނަމަ، އެ އަގުގެ އިތުރަށް 10ރ. ދައްކަން ޖެހެ އެވެ.

އެ އިއުލާނުގައި ބުނީ 7-10 ސީޓުގެ އުޅަނދުތަކުގައި ދަތުރުކުރާ ނަމަ، އެއާޕޯޓަށް ދިއުމަށް ކަނޑައަޅާފައިވާ އަގުގެ އިތުރުން ޑޮމެސްޓިކް ޓާމިނަލަށް ގެންދިއުމަށް 15ރ. ގެ ޗާޖެއް ނަގާނެ ކަމަށެވެ.

ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ގެންދިއުމަށް ސީދާ ވަކި އަގެއް އަލަށް ކަނޑައެޅިއިރު ކުރިން އެ ހިސާބަށް ގެންދިއުމަށް ވެސް ޑްރައިވަރުން އައީ އެމީހުން ހިތުހުރި އަގެއް ނަގަމުންނެވެ. ޑްރައިވަރުން އާންމުކޮށް ކުރިން ޓެކްސީ މަޑުކުރަމުން އައީ އިންޓަނޭޝަނަލް ޓާމިނަލަށް ކަމަށް ވިޔަސް ޑޮމެސްޓިކް ޓާމިނަލަށް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 10 އިން ފެށިގެން މަޑުކުރެވޭނެ އިންތިޒާމު އެމްއޭސީއެލުން ހަމަޖެއްސީ އެވެ.

އެ ބަދަލާ އެކު، ޑްރައިވަރުން ބުނީ، ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީގައި ދިއުމަށް ހަމަޖެއްސި ރޫޓުގެ ގޮތުން އިތުރަށް ދަތުރު ކުރަންޖެހޭތީ އިތުރު ޗާޖެއް އަމިއްލަ އަށް ނަގަން ފެށީ ކަމަށެވެ.

7-10 ސީޓުގެ އުޅަނދުތަކުގައި އެއާޕޯޓަށް ދިއުމަށް ނަގާ އަގު (އަމަލުކުރަން ފަށާނީ މި މަހުގެ 20ގައި)

- މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 110ރ.

- ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 125ރ.

- ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓަށް 130ރ.

މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ އަގުގެ ދަށުން ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތަކަށް ނަގާނީ 30ރ. އެވެ.

އާ އަގުތައް ކަނޑައަޅައި މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައި ވަނީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލުގެ ހަރަދުގެ އިތުރުން ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ހޯދާ މީހުންގެ މަސްލަހަތަށް ބުރޫނާރާނެ ގޮތަށް ބެލުމަށް ފަހު ކަމަށެވެ.

ޓެކްސީ ހިދުމަތް ދެނީ އެ އަގުތަކުގައިތޯ ކަށަވަރުކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.