Roadha Mihaaru
އައްޑޫގެ އަވަށްތަކަށް ވަރަށް ބޮޑަށް އުދަ އަރަނީ

އައްޑޫގެ އަވަށްތަކަށް ވަރަށް ބޮޑަށް އުދަ އަރަނީ

01 ޖުލައި 2022

އައްޑޫގެ އެކި ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫގެ އެކި ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ހުޅުމީދޫ ފިޔަވައި އައްޑޫގެ ހުރިހާ ރަށަކަށް ވެސް ދަނީ މިވަގުތު އުދަ އަރަމުންނެެވެ.

ގާތްގަނޑަކަށް މެންދުރު 2:00 އިން ފެށިގެން އައްޑުއަށް ވަރަށް ބޮޑަށް އުދަ އަރަމުން އަންނައިރު ނިޒާރު ވިދާޅުވީ މަރަދޫގެ ދެ ގެއަކަށް ވަރަށް ބޮޑަށް ލޮނުގަނޑު ވަދެ ގެއްލުންވެފައިވާ ކަމަށެވެ. އަދި މަރަދޫގެ އިތުރު ގެތަކާއި ހިތަދޫގެ ބައެއް ގެތަކަށް ވެސް ލޮނުވަދެގެން ރިޕޯޓް ލިބެމުން އަންނަ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"މަރަދޫއަށް ބޮޑަށް ގެއްލުން ލިބިގެން ރިޕޯޓް ލިބިފައި ވަނީ. ވަރަށް ބޮޑަށް އުދަ އަރަމުންދަނީ،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގެތަކަށް އުދައިގެ އަސަރު ނުކުރާނެ ގޮތަށް ވެލި ބަސްތާ ޖަހައި އުސްކުރުމުގެ މަސައްކަތް އެެމްއެންޑީއެފާއި ކައުންސިލްގެ މުނިސިޕަލް ސާވިސް އިން އަންނަނީ ކުރަމުންނެވެ.

"މިރޭ އަދި އުދަ އަރާނެ ކަމަށް މައުލޫމާތު ލިބެނީ. އެހެންވެ މިދަނީ ވެލިބަސްތާ ޖަހައި ތައްޔާރުވުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފައިވާ ގޮތުގައި މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައި ވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވާތީ އެވެ. އެހެންވެ ކުރިއަށް އޮތް ތިން ދުވަހަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެޓުން ބުނީ ރެއިން ފެށިގެން ހަފްތާ ބަންދާ އެކު ހާއްސަކޮށް އުތުރާއި މެދު ރާއްޖެ ތެރޭގައި އާންމު ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ހުރިހާ ސަރަހައްދަކަށް ވެސް އުދައިގެ އަސަރުކުރާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.

މެޓުން ވަނީ ކަނޑުތައް އާންމުކޮށް ގަދަވެފައިވާތީ ދަތުރުކުރާއިރު ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.