Roadha Mihaaru
ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ ލީޑް ދަމަހައްޓައިފި

ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ ލީޑް ދަމަހައްޓައިފި

02 ޖުލައި 2022

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް 2-0 އިން ބަލިކޮށް، އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީޑު ދަމަހައްޓައިފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް 2-0 އިން ބަލިކޮށް، އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީޑު ދަމަހައްޓައިފަ އެވެ.

ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމުނުއިރު މާޒިޔާ އެއްވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑެއްގަ އެވެ. ތިންވަނަ ބުރުގެ ކުޅުން އިއްޔެ ފެށިއިރު، ދެވަނައިގައި އޮތް އީގަލްސް ވަނީ މެޗު ކާމިޔާބުކޮށް، ދެ ޕޮއިންޓަށް ގާތް ކޮށްފަ އެވެ. އެކަމަކު މިއަދުގެ މޮޅާ އެކު މާޒިޔާ ވަނީ އަލުން އެ ލީޑު ހޯދައިފަ އެވެ.

މާޒިޔާ އެއްވަނައިގައި އޮތީ 15 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެވަނައިގައި އޮތް އީގަލްސް އަށް ލިބިފައި ވަނީ 37 ޕޮއިންޓެވެ. ގްރީން އަށް މެޗު ކާމިޔާބު ކޮށްގެން ގަދަ ހަތަރަކަށް ވާދަކުރާ ޓީމުތަކާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން ފުރުސަތު އޮތް ނަމަވެސް، ކާމިޔާބު ނުވެ، އެޓީމު އަދުވެސް އޮތީ 17 ޕޮއިންޓާ އެކު ހަވަނައިގަ އެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން މާޒިޔާ ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. ގްރީންގެ ޑިފެންޑަރު ހަސަން ސާއިފް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ 42 ވަނަ މިނިޓުގައި ކާމިޔާބު ކުރީ ސްޕެއިން ފޯވާޑް ޓަނާ ޑޮމިންގޭޒް އެވެ.

އޭގެ ކުރިން ގްރީންގެ ސާއިފް އާއި ފޯވާޑް ހުއާން ކާލޯސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ހަސަން ނަޒީމް (ޗޯޓު) ނަގައިދިން ކޯނަރަކުން ސާއިފް ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވި އިރު، އަންސަރު އިބްރާހިމް (އަންކޮ) ނަގައިދިން ބޯޅައެއް ހުއާން ކާލޯސް ފޮނުވާލި ނަމަވެސް މާޒިޔާގެ ގޯލު ބެލެހެއްޓި ކީޕަރު ހުސެއިން ޝަރީފް (ހުސެން) ދިފާއު ކުރި އެވެ.

މާޒިޔާގެ ދެވަނަ ގޯލު ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭގެ ކުރިން ހަމްޕު ފޮނުވާލި ބާރު ހަމަލާއެއް ގްރީންގެ ކީޕަރު އަހުމަދު ރަމީޒް ދިފާއު ކުރި އެވެ. އޭނާ ދިފާއު ކުރުމުން ކުޅުމުގެ ތެރެއަށް އައި ބޯޅަ ހުސެއިން ނިހާން (ނިހާޓް) އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ގްރީން ޓްރީޓްސް ގެ ބިދޭސީ ކީޕަރު ހަނީފް ސާގިބާއި ފޯވާޑް ހޯސޭ އަވީލާގެ އިތުރުން، މާޒިޔާގެ މިޑްފީލްޑަރު އައިސަމް އިބްރާހިމް ވެސް ހުރީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ.

ލީގުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.