Roadha Mihaaru
ސަޕޯޓަރުން ނެތި ފުޓްބޯޅައިގައި އުފަލެއް ނެތް: މިލޯ

ސަޕޯޓަރުން ނެތް ހުސް ދަނޑެއްގައި ކުޅެގެން އުފަލެއް ނެތް: މިލޯ

20 ޖުލައި 2023

ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންގެ އެޓިޓިއުޑް ބަދަލު ކޮށްގެން އެކަނި ފުޓްބޯޅައިގެ ފޯރި ނުގެނެވޭނެ ކަމަށާއި، ސަޕޯޓަރުން ނެތް ހުސް ދަނޑެއްގައި ކުޅެން ޖެހުމުން ކުޅިވަރު ކުޅެގެން ލިބޭނެ އުފަލެއް ނެތް ކަމަށް މާޒިޔާގެ ކޯޗު ބޮސްނިއާގެ މިލޯމިރް ސެސިލިއާ (މިލޯ) ބުނެފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންގެ އެޓިޓިއުޑް ބަދަލު ކޮށްގެން އެކަނި ފުޓްބޯޅައިގެ ފޯރި ނުގެނެވޭނެ ކަމަށާއި، ސަޕޯޓަރުން ނެތް ހުސް ދަނޑެއްގައި ކުޅެން ޖެހުމުން ކުޅިވަރު ކުޅެގެން ލިބޭނެ އުފަލެއް ނެތް ކަމަށް މާޒިޔާގެ ކޯޗު ބޮސްނިއާގެ މިލޯމިރް ސެސިލިއާ (މިލޯ) ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މިލޯ ބުނީ، އޭނާ ރާއްޖެ އައީ އޭނާގެ މޮޅުކަން ބަޔަކަށް ސާބިތު ކޮށްދޭކަށް ނޫން ކަމަށާއި، އޭނާގެ މަގްސަދަކީ އޭނާ ހަވާލުވި ކުޅުންތެރިންގެ ގާބިލުކަން ސާބިތު ކޮށްދިނުން ކަމަށެވެ. އަދި ރާއްޖެ އައިސް ބެލި މެޗުތަކުން ކުޅުންތެރިންގެ ގާބިލް ކަން ވެސް އޭނާ އަށް ފެނިފައި ވާކަން އޭނާ ފާހަގަ ކުރި އެވެ.

"ޕޮޓެންޝަލް ފެނޭ ދިވެހި ކުޅުންތެރިންގެ، އެންމެ މުހިއްމީ ކުޅުންތެރިން ޑެވެލޮޕް ކުރާ ގޮތް. އަހަރެން އައީ އަހަރެންގެ މޮޅުކަން ސާބިތުކުރާކަށް ނޫން، އަހަރެން ހަވާލުވާ ކުޅުންތެރިން މޮޅުކަން ސާބިތު ކޮށްދޭން. ވަރަށް އުފާވޭ ކުޅުންތެރިންގެ ފަރާތުން ވެސް އެކަމަށް މަސައްކަތް ކުރާތަން ފެނުމުން،" މިލޯ ބުންޏެވެ.

"މެޗު ކުޅޭއިރު މި ސްޓޭޑިއަމް ފުލް ވާން ޖެހޭ. ނޫނީ މިއީ ވަރަށް ދެރަ ކަމެއް. ކުޅުންތެރިން އެޓިޓިއުޑް ބަދަލު ކުރުމަކުން ވެސް އަދި ނުފުދޭ. މިތާނގައި މާ ގިނަ ފައިސާ ނުހުރެދާނެ. އެކަމަކު މި ގައުމުގެ ޒުވާން ކުޅުންތެރިންނަށް ސަޕޯޓް ދޭން ޖެހޭ. އެކުދިން ކުޅޭ ޓީމުތަކަށް ސަޕޯޓް ކޮށްދޭން އެބަ ޖެހޭ. ސަޕޯޓަރުން ނުލައި ފުޓްބޯލައިގައި އުފަލެއް ނެތް. ފުލް ސްޓޭޑިއަމެއްގައި ކުޅެލަން ލިބުމުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ. އޭރުން އެންމެން ވެސް ފުޓްބޯޅައިގެ ވާހަކަ ދައްކާނީ، މިއީ ހަމައެކަނި ޓީމްތަކުގެ ވާހަކައެއް ނޫން. ގައުމީ ކަމެއް ގޮތުގައި ދެކިގެން ސަގާފަތެއް އާލާކުރަން އެބަ ޖެހޭ."

މާޒިޔާ މިއަދު ބުރު ސްޕޯޓްސް އާ ދެކޮޅަށް ނުކުންނައިރު، އެޓީމު ވަނީ ޕްރެޒިޑެންޓްސް ކަޕްގައި އެޓީމު އަތުން ބަލިވެފަ އެވެ. ކޯޗު ބުނީ އެ މެޗުގައި މާޒިޔާ ބަލިވީ ޓީމުގެ އެޕްރޯޗް ގޯސް ވުމުން ކަމަށާއި، ފުޓްބޯޅައިގައި ގިނަ ކަންކަން ދަސްވާނީ ބަލިވެގެން ކަމަށެވެ. އަދި މިއަދުގެ މެޗުގައި ފެންނާނީ ތަފާތު ފުޓްބޯޅައެއް ކަމަށް ވެސް ކޯޗު ބުންޏެވެ.

"ބަލިވި ގޮތް އެނގޭ، އެއީ ގޭމަށް އެޕްރޯޗް ކުރި ގޮތުން ކަމަށް ގަބޫލު ކުރަނީ. އެމީހުން މިހާރު ސީރިއަސް، ބަލި ވުމަކީ ބައިވަރު ކަންކަން ދަސްވާ ކަމެއް ފުޓްބޯޅައިގައި. މި މެޗުގައި ތަފާތު ވާނެ، މާ ގިނަ ގޯލުތަކެއް ވެސް ނުފެނިދާވެ. ދެތިން މިސްޓޭކަކުން މެޗުގައި ނަތީޖާ އަންނާނީ،" މެޗާ ގުޅޭގޮތުން ކޯޗު ބުންޏެވެ.

"ކޮންމެ މެޗެއް މަރަށް ކުޅެން ޖެހެންޏާ އެންމެ ބެސްޓް ނުދެވިދާނެ. ކުޅުންތެރިންގެ ކޮމިޓްމެންޓް ދެވޭ ފަދަ މާހައުލެއް ގާއިމް ކުރަން ޖެހޭ. ވަރަށް އުފާވޭ ކުޅުންތެރިން ބައިވަރު ކަންކަން ބަދަލު ކޮށްފި، ޓްރޭނިން އަށް އާދޭ 30 މިނިޓު ކުރިން. ފޫޓްބޯޅައަކީ ޓްރޭނިން އެކަންޏެއް ނޫން، ޕްރިވެންޝަން ޓްރޭނިން އާ، ކެއުމާއި، ރެސްޓް ކުރުން ހިމެނޭ. ފުޓްބޯޅައަށް އިސްނަކް ދެންންޏާ ގުރުބާނީތަކެއް ވެސް ވާން އެބަ ޖެހޭ."

މާޒިޔާއާ ދެކޮޅަށް މިއަދު ނުކުންނަ ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ، މި ސީޒަންގައި މާޒިޔާ ބަލިކުރެވުމަކީ ޓީމު މޯޓިވޭޓް ކޮށްދިން ކަމެއް ކަމަށެވެ. އަދި ޓީމު މިހާރު އޮތް ފޯމަށް ބަލައި، މޯޓިވޭޝަނާއި ކޮންފިޑެންސް ދަމަހައްޓަން މެޗުގެ ނަތީޖާ ގޯސް ވިޔަ ނުދީ ހިފަހައްޓާލުމަކީ މުހިއްމު ކަމެއް ކަމަށް ކޯޗު ފާހަގަ ކުރި އެވެ.

މާޒިޔާ އާއި ބުރު ސްޕޯޓްސް މިއަދު ހަވީރު ބައްދަލުކުރާ މެޗަށް ފަހު މިރޭ އޮންނާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗެވެ.

ގްރީންގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ، މިރޭގެ މެޗަށް ނުކުންނައިރު، އެންމެ ބޮޑު ދައްޗަކީ ޑިފެންޑަރު އިބްރާހިމް ހަސީބް އާއި ފޯވާޑް ހުސެއިން ހާފިޒް މިރޭގެ މެޗުގައި ބޭނުން ނުކުރެވުން ކަމަށެވެ.