Roadha Mihaaru
ވޮލީ ލީގު: ފަހުމެޗުން އޮފު އެފްސީން ގުޑީސް ބަލިކޮށްފި

ގައުމީ ވޮލީ ލީގު: ފަހު މެޗުގައި އޮފު އެފްސީން ގުޑީސް ބަލިކޮށްފި

04 ޖުލައި 2022

ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބު 3-1 ސެޓުން ބަލިކޮށް، މޮޅަކާ އެކު އޮފު އެފްސީ ސީޒަން ނިންމާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބު 3-1 ސެޓުން ބަލިކޮށް، މޮޅަކާ އެކު އޮފު އެފްސީ ސީޒަން ނިންމާލައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓް، 25-22 އަދި 25-17 އިން ގެންގޮސް، ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކުރާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ތިންވަނަ ސެޓުގައި ވާދަވެރިކޮށް ފެނުނު ގުޑީސް ވަނީ 28-26 އިން ސެޓު ހޯދައިފަ އެވެ. އޮފު އެފްސީ މޮޅުވީ، ހަތަރު ވަނަ ސެޓް ފަސޭހަ ކަމާ އެކު 25-14 އިން ގެންގޮސްގެންނެވެ.

މިއީ އޮފު އެފްސީ މި ސީޒަނުގައި ހޯދި ދެވަނަ މޮޅެވެ. އެޓީމު ދެ މެޗުން ވެސް މޮޅުވީ ގުޑީސް އަތުންނެވެ. އެންމެ ފުރަތަމަ އެސޯސިއޭޝަން ކަޕުގެ ލީގް ބުރުގައި ވެސް ގުޑީސް އަތުން އޮފު އެފްސީ މޮޅުވީ ހަމަ 3-1 ސެޓުންވެ. ގުޑީސް އަށް ސީޒަނުގައި މޮޅެއް ނުހޯދެ އެވެ. ގައުމީ ލީގުގެ ގަދަ ހަތަރެއްގައި ނުހިމެނޭތީވެ، ރޭގެ މެޗާ އެކު މި ދެ ޓީމަށް ވެސް ވަނީ ސީޒަން ނިމިފަ އެވެ.

ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށް 15 ޕޮއިންޓް ހޯދައިގެން ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދީ، ސްޕޯޓްސް ކްލަބް ސިޓީ އެވެ. ދެވަނަ ހޯދީ 12 ޕޮއިންޓް ހޯދައިގެން ދިވެހި ސިފައިންގެ ކުލަބެވެ. ތިންވަނައިގައި ނިންމި ވެމްކޯ އަށް އަށް ޕޮއިންޓް ލިބުނު އިރު، ހަތަރު ވަނައިގައި ނިންމި ޕޮލިސް ކުލަބަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ވޮލީބޯޅަ ގައުމީ މުބާރާތުގައި ވާދަކުރާނީ މި ހަތަރު ޓީމެވެ.

ރޭގެ މޮޅާ އެކު އޮފު އެފްސީ ނިންމާލީ ތިން ޕޮޮއިންޓް ހޯދައިގެން ފަސްވަނައިގަ އެވެ. ގުޑީސް ސްޕޯޓްސް ކްލަބް ލީގު ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ލީގު ފަހު މެޗަށް ފަހު މުބާރާތުގެ ވަނަތައް ކަނޑައަޅާފައި ވާއިރު، އެންމެ މޮޅު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ސިޓީގެ ވިނާޔަކް ރޮކާޑޭ އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ހައިލަމް ހަަސަން އެވެ. އެންމެ މޮޅު ކޯޗަކަށް ސިޓީގެ ހުސެއިން ޝަރީފް (ނަލަ) ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔަކީ ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ސިޓީގެ އަހުމަދު ނަބީލް (ނައްބަ)، ހުސެއިން ފަޒީލް، ސިފައިންގެ އާދަމް ނަސީމް (އެޑަމް)، ހުސެއިން ޝާހިދު (ޝާޑު)، ވެމްކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، އާދަމް ފަައިރޫޒް އަދި ގުޑީސްގެ ގުޑީސްގެ ހަސަން ނިލާމް (ޕާޓޭ) އެވެ.

ގައުމީ މުބާރާތުގެ ކުޅުން މިއަދު ފަށާއިރު، ފުރަތަމަ މެޗުގައި ހަވީރު 4:30 ގައި ވެމްކޯ އާއި ޕޮލިސް ބައްދަލު ކުރާނެ އެވެ. އަދި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ އާއި، ދެވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބެވެ.

ސިޓީ އާއި ސިފައިން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް، ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. މި މެޗުން ބަލިވާ ޓީމެއް ޖެހޭނީ، ހަވީރު ވެމްކޯ އާއި ޕޮލިހާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށް މާދަމާ ރޭ ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ މާދަމާ ރޭގެ މެޗުން މޮޅުވާ ޓީމަކަށެވެ.