Roadha Mihaaru
ގުޑީސް އާއި ސިފައިންނަށް ދެ ވަނަ މޮޅު

ގުޑީސް އާއި ސިފައިންނަށް ދެ ވަނަ މޮޅު

29 ޑިސެމްބަރ 2019

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބާއި ގުޑީސް ސްޕޯޓްސް ކްލަބް މުބާރާތުގެ ދެ ވަނަ މޮޅު ހޯދައިފި އެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބާއި ގުޑީސް ސްޕޯޓްސް ކްލަބް މުބާރާތުގެ ދެ ވަނަ މޮޅު ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުން ސްޕޯޓްސް ކްލަބް ހޯކްސްގެ މައްޗަށް ސިފައިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. ރޭ ކުޅުނު މެޗުން ގުޑީސް އިން ވަރުގަދަ ޕޮލިސް ބަލިކުރީ ތިން ސެޓު އެއް ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ސިފައިންގެ ޓީމުން ހޯކްސް ބަލިކުރިއިރު ސެޓުތައް ގެންދިޔައީ 25-09، 25-10 އަދި 25-11 އިންނެވެ. އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އެވެ. ޝާޑު އަކީ ސިފައިންގެ ޓީމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އިއްޔެގެ މެޗުގައި އެ ޓީމަށް ބޮޑު ލީޑެއްގައި ކޮންމެ ސެޓެއް ނިންމާލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމަކީ ސިފައިންނެވެ.

ކުޅުންތެރިން ގެނެސް އެންމެ ވަރުގަދަ އަށް ތައްޔާރުވި ދެ ޓީމު ކަމަށްވާ ޕޮލިހާއި ގުޑީސްގެ ކުރިމަތިލުމުން ގުޑީސް އަށް ކުރި ލިބުމަކީ އެ ޓީމަށް ކުރިއަށްދާން ލިބުނު ހިތްވަރެކެވެ. ގުޑީސް ކުޅުނު ފުރަތަމަ މެޗުން ހޯކްސް އަތުން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ވަނީ ސިފައިން އަތުން ބަލިވެފަ އެވެ. ޖެހިޖެހިގެން ދެ މެޗުން ބަލިނުވުމުގެ އަޒުމުގައި ނުކުމެ ރޭ ގުޑީސް އިން ވަނީ ޕޮލިސް ކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރޭގެ މެޗުގެ ފުރަަތަމަ ސެޓު ވާދަވެރި ކުޅުމަކަށް ފަހު ޕޮލިހުން ގެންދިޔައީ 27-25 އިންނެވެ. ގުޑީސް މޮޅުވީ ފަހަތުން އަރައި މޮޅު ކުޅުމެއް ދައްކައިގެންނެވެ. ގުޑީސް އިން ސެޓުތައް ގެންދިޔައީ 23-25، 20-25 އަދި 17-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގުޑީސް ޓީމުގެ ޒުވާން ކުޅުންތެރިޔާ ޝަމާއިލް ހުސެއިން އެވެ. އޭނާ އަކީ ގައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. މި ފަހަރުގެ މުބާރާތުގައި ގުޑީސް ޓީމުން އޭނާ އަށް ކުޅުމުގެ ފުރުސަތު ގިނައިން ދެމުން އަންނައިރު އޭނާ އަންނަނީ އޭގެ ބޭނުން ރަނގަޅަށް ހިފަމުންނެވެ.

މެދުކެނޑުމަކަށް ފަހު މި އަހަރު ގައުމީ ލީގު ކުޅޭއިރު، ބާއްވަނީ ހަަމައެކަނި ފިރިހެން ޑިވިޝަނެވެ. މުބާރާތުގައި މިއަދު ކުޅޭނީ އެއް މެޗެވެ. ބައްދަލުކުރާނީ ސްޕޯޓްސް ކްލަބް ސިޓީ އާއި ގުޑީސް އެވެ.