Roadha Mihaaru
ގައުމީ ވޮލީ ލީގުގައި ޕޮލިހާއި ސިފައިން ވެސް މޮޅުވެއްޖެ

ގައުމީ ވޮލީ ލީގުގައި ޕޮލިހާއި ސިފައިން ވެސް މޮޅުވެއްޖެ

27 ޖޫން 2022

ގައުމީ ވޮލީބޯޅަ ލީގުގައި މިއަދު ކުޅުނު މެޗުތަކުން ޕޮލިސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް މޮޅު ވެއްޖެ އެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި މިއަދު ކުޅުނު މެޗުތަކުން ޕޮލިސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް މޮޅު ވެއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސިފައިން، އެ ޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފަހަތުން އަރައި ކްލަބް ވެމްކޯ ބަލި ކޮށްފަ އެވެ.

މިއަދު ކުޅުނު ދެވަނަ މެޗުގައި އޮއްފު އެފްސީއާ ވާދަކޮށް ސީދާ ތިން ސެޓުން ސިފައިން މެޗު ކާމިޔާބުކުރި އެވެ.

އޮއްފު އެފްސީއާ ދެކޮޅަށް ސިފައިން މެޗުގެ ސެޓްތައް ގެންދިޔައީ 25-21، 25-23 އަދި 25-15 އިންނެވެ.

ސިފައިންގެ ޓީމުގެ ކެޕްޓަން ހުސެއިން ޝާހިދު (ޝާޑު) އާއި އާދަމް ނަސީމް (އެޑަމް)ގެ އިތުރުން ބިދޭސީ ކުޅުންތެރިން ކަމަށްވާ، ޝޯން ޓީ ޖޯން އާއި މަނޫ ޖޯސެފް ޓީމުގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގިނަ ޕޮއިންޓުތަކެއް ހޯދައިދިން ޝޯން ޓީ ޖޯން އެވެ.

އޮއްފު އެފްސީގެ ސެޓަރު އަލީ މައުރޫފް (މާއްޓޭ) އާއި ބިދޭސީ ކުޅުންތެރިޔާ ގުުރޫ ޕްރަސަންތު ރަނގަޅު ހަމަލާތަކެއް ފޮނުވާލި އިރު، ސިފައިންގެ ޓީމުގެ ލިބަރޯ މުހައްމަދު މިމްރާހް ހަސަން (މިންމި) އެ ޓީމުގެ ޑިފެންސް ބޯޅަތަކުގައި މޮޅަށް ކުޅުނެވެ.

އެސޯސިއޭޝަން ކަޕުގެ މެޗެއްގައި ޕޮލިސް ކްލަބްގެ ކުޅުންތެރިން.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސޯސިއޭޝަން ކަޕުގެ މެޗެއްގައި ޕޮލިސް ކްލަބްގެ ކުޅުންތެރިން.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕޮލިސް ކްލަބް މޮޅުވީ މިރޭ ސްޕޯޓްސް ކުލަބް ގުޑީސްއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފުރަތަމަ ސެޓް ޕޮލިސް ކްލަބުން ގެންދިޔައީ ފަސޭހަ ކަމާ އެކު 25-12 އިންނެވެ. ނަމަވެސް ގުޑީސް އިން ވަނީ ދެވަނަ ސެޓުގައި ޕޮލިހާ ރަނގަޅު ވާދައެއް ކޮށް ކާމިޔާބު ވެސް ކޮށްފަ އެވެ. ގުޑީސް އިން ދެވަނަ ސެޓް ގެންދިޔައީ 25-23 އިންނެވެ.

ވީއޭއެމުން ވަނީ ލީގު ޝެޑިއުލަށް ބަދަލު ގެނެސްފަ އެވެ. މިރޭ 8:30 ގައި ވެމްކޯ އާއި ގުޑީސް ބައްދަލުކުރަން އޮތް މެޗު ވަނީ ހުކުރު ދުވަހުގެ ރެއަށް ބަދަލު ކޮށްފަ އެވެ. މުބާރާތުގައި ދެން އެންމެ އަވަހަށް ކުޅޭނީ މާދަމާ ހަވީރު 4:15 ގައި، ސިޓީ އާއި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބެވެ. އަދި މާދަމާ ރޭ 8:30 ގައި ކްލަބް ވެމްކޯ ނުކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.