Roadha Mihaaru
ޑެޕް އަލުން ޑިޒްނީ އަށް؟

ޑެޕް އަލުން ޑިޒްނީ އަށް؟

05 ޖުލައި 2022

ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން ޑިޒްނީގެ ބޮޑެތި ޕްރޮޖެކްޓުތަކުން ބޭރުކޮށްލި އެމެރިކާގެ މަޝްހޫރު އެކްޓަރު ޖޮނީ ޑެޕަށް އަލުން އެ ރޯލުތައް ދޭން ފަށާފައިވާ ކަމުގެ އިޝާރާތެއް ދީފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން ޑިޒްނީގެ ބޮޑެތި ޕްރޮޖެކްޓުތަކުން ބޭރުކޮށްލި އެމެރިކާގެ މަޝްހޫރު އެކްޓަރު ޖޮނީ ޑެޕަށް އަލުން އެ ރޯލުތައް ދޭން ފަށާފައިވާ ކަމުގެ އިޝާރާތެއް ދީފި އެވެ.

ޑެޕާ ދެކޮޅަށް އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑް، ގެވެށި އަނިޔާގެ ތުހުމަތުތައް ކުރުމާ އެކު، ގިނަ ޕްރޮޖެކްޓުތަކަކުން ޑެޕް ބޭރުކޮށްލި އެވެ. އޭގެ ތެރޭގައި ޑިޒްނީގެ އެންމެ ބޮޑު އެއް ފްރެންޗައިޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ފިލްމު ސީރީޒް ވެސް ހިމެނެ އެވެ.

އެ ފިލްމު ސީރީޒްގައި ޖޮނީ ޑެޕް ކުޅުނު ކެރެކްޓަރު "ޖެކް ސްޕެރޯ" އަކީ މުޅި ފިލްމު ސީރީޒް ވެސް މަގުބޫލުވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބެވެ. އަދި ޑެޕް އެ ރޯލުން ދުރުކުރުމުން އެތައް ފޭނުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

ޑެޕް އަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރުމަށް އޭނާ މީގެ ދެ މަސް ކުރިން އެމެރިކާގެ ކޯޓަކަށް ހުށަހެޅި މައްސަލަ ވަނީ ކާމިޔާބުކޮށްފަ އެވެ. އެއާ އެކު، ބޮޑެތި ކުންފުނިތަކުން އަންނަނީ ޑެޕަށް އަލުން ޕްރޮޖެކްޓުތައް ދެމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ޑިޒްނީން ތައްޔާރު ވަނީ ޑެޕަށް އަލުން "ޕައިރޭޓްސް އޮފް ދަ ކެރީބިއަން"ގެ ރޯލު ދިނުމަށެވެ. ޑިޒްނީގެ އިންޓާނަލް މެމޯއަކުން އެނގޭ ގޮތުގައި ޑެޕަަށް އެ ޕްރޮޖެކްޓު ހަވާލުކުރަނީ 300 މިލިއަން ޑޮލަރަށެވެ.

އެ އެއްބަސްވުމާ ގުޅިގެން ޑިޒްނީން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ޑެޕް ވެސް އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައިނުވާއިރު، ޑިޒްނީގެ ޕްރޮޖެކްޓަކާ އަލުން ގުޅެން ބޭނުންނުވާ ކަމަށް މީގެ ކުރިން އޭނާ ބުނެފައިވެ އެވެ.