Roadha Mihaaru
ޑެޕާ ދެކޮޅަށް ހާޑް ހެކިބަސް ދޭން ފަށައިފި

ޑެޕާ ދެކޮޅަށް ހާޑް ހެކިބަސް ދޭން ފަށައިފި

06 މެއި 2022

މަޝްހޫރު އެކްޓަރުން ޖޮނީ ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްގެ ހައި ޕްރޮފައިލް މައްސަލައިގައި ހާޑް ކޯޓުގައި ހެކިބަސް ދޭން ފަށައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

މަޝްހޫރު އެކްޓަރުން ޖޮނީ ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްގެ ހައި ޕްރޮފައިލް މައްސަލައިގައި ހާޑް ކޯޓުގައި ހެކިބަސް ދޭން ފަށައިފި އެވެ.

މީގެ ދެ ހަފުތާ ކުރިން ފެށިގެން ކޯޓުގައި ކުރިއަށްދާ އެ މައްސަލައަކީ ޑެޕް ވާޖިނިއާގެ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައަކީ ޑެޕަކީ އަނިޔާވެރި އަދި ގެވެށި އަނިޔާކޮށްފައިވާ މީހެއް ކަމަށް ހާޑް ދައުވާކޮށްފައިވާ މައްސަލައަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން މި ވީ ދެ ހަފުތާގައި ޑެޕް ވަނީ އޭނާގެ ހެކިބަސް ދީފަ އެވެ. އަދި ހާޑް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރުމަށް ހެކި ދެއްކުމަށް ވެސް ޑެޕް ވަނީ މަސައްކަތް ކޮށްފަ އެވެ.

އެ މައްސަލައިގައި ހާޑް ހެކިބަސް ދޭން ފަށާފައި ވަނީ އިއްޔެ އެވެ. އެއާ އެކު ހާޑް އަންނަނީ ތަފާތު ވާހަކަތައް އާންމުކުރަމުންނެވެ. އެ ދެމީހުންގެ ކައިވެނީގެ ތެރެއިން އެންމެ ފުރަތަމަ ޑެޕް އޭނާ އަށް ގެވެށި އަނިޔާކުރަން ފެށިގޮތް އޭނާ ކޯޓުގައި ކިޔައިދިނެވެ.

ކޯޓުގައި ރޮމުން ހާޑު ވަނީ ޑެޕާ ދެކޮޅަށް ތަފާތު އެކި ކަހަލަ ތުހުމަތު ކޮށްފަ އެވެ. ކައިވެނިކުރި ފަހުން އޭނާ އަށް އަނިޔާކޮށް އެކި ކަހަލަ ގޮތްގޮތަށް ގެއްލުން ދޭން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކުރި އެވެ.

ޑެޕް މަސްތުވާތަކެތި ބޭނުންކުރާ ގޮތާއި އޭގެ ސަބަބުން އެމީހުންގެ އަންހެން ދަރި ރޯޒް އަށް ވެސް ނަފުސާނީ ގެއްލުންވެފައިވާ ކަމަށް ބުންޏެވެ.

އިއްޔެގެ އަޑުއެހުމުގައި ހާޑު ހަމައެކަނި ހެކިބަސް ދީފައިވާއިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އޭނާގެ ފަރާތުން އިތުރު ހެކިތަކާއި ހެކިވެރިން ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.