Roadha Mihaaru
"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އާ ފިލްމަށް މާގޯ

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އާ ފިލްމަށް މާގޯ ރޮބީ

29 ޖޫން 2020

އެކްޓަރު ޖޯނީ ޑެޕް މައިގަނޑު ކެރެކްޓާ ކުޅެމުން ދިޔަ ކާމިޔާބު ފްރެންޗައިޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އާ ފިލްމުން އޭނާ ފެންނާނެކަމާ ދޭތެރޭ ބޮޑެތި ސުވާލުތަކެއް އުފެދިފައި ވަނިކޮށް، ފިލްމަށް ބަތަލާ މާގޯ ރޮބީ ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ޖޯނީ ޑެޕް މައިގަނޑު ކެރެކްޓާ ކުޅެމުން ދިޔަ ކާމިޔާބު ފްރެންޗައިޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އާ ފިލްމުން އޭނާ ފެންނާނެކަމާ ދޭތެރޭ ބޮޑެތި ސުވާލުތަކެއް އުފެދިފައި ވަނިކޮށް، ފިލްމަށް ބަތަލާ މާގޯ ރޮބީ ނަގައިފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނި ގޮތުގައި މި ފަހަރު ފިލްމުގެ އެންމެ ވަރަގަދަ ކެރެކްޓާއެއް ކުޅޭނީ އޮސްޓްރޭލިއާ އަށް އުފަން 29 އަހަރުގެ ބަތަލާ އެވެ.

ވެރައިޓީން ބުނި ގޮތުގައި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އާ ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ކްރިސްޓީނާ ހޮޑްސަނެވެ. އޭނާ އަކީ މި އަހަރުގެ ފެބުރުއަރީގައި ރިލީޒްކުރި މާގޯގެ ފިލްމު "ބާޑްސް އޮފް ޕްރޭ" ގެ ވެސް ސްކްރީންރައިޓަރެވެ. ޑިޒްނީން ގެނެސްދޭނެ މި ފިލްމާ ގުޅުން ހުރި މަސައްކަތްތައް މިހާރު ކުރަމުން ދިޔަ ނަމަވެސް ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.

އެކަމަކު ޕްރި-ޕްރޮޑަކްޝަން މަރުހަލާގައި ފިލްމު އޮއްވައި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އާ ފިލްމުގެ ރޯލެއް މާގޯ އަށް ދިނުންވެގެން ދިޔައީ މީޑިއާތަކުން ބުނި ގޮތުގައި އެ ފިލްމުގެ މައިގަނޑު ޕްލޮޓް މި ފަހަރު ބަތަލާއަކަށް ހާއްސަވާތީ އެވެ.

ޑެޕް ވަނީ އެ ސީރީޒްގެ އެންމެ މުހިއްމު ކެރެކްޓާ ކަމަށްވާ ޖެކް ސްޕެރޯގެ ރޯލް ކުޅެގެން ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދައިފަ އެވެ. ނަމަވެސް އޭނާ އާ ފިލްމުން ނުފެނުން ވެގެންދާނީ "ޕައިރޭޓްސް" ގެ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު މާޔޫސީއަކަށެވެ. ޑެޕްގެ އިތުރުން އެ ސީރީޒްގެ ކާސްޓުންގެ ތެރޭގައި އޯލަންޑޯ ބްލޫމާއި ކެއިރާ ނައިޓްލީ ވެސް ހިމެނެ އެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފަސް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ އިރު، އާ ފިލްމު ވެސް ޕްރޮޑިއުސްކުރާނީ ޖެރީ ބްރުކެއިމާ އެވެ. އެކަމަކު ހަ ވަނަ ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި ނުނިންމަ އެވެ.

ފަސް ފިލްމަށް ބޮކްސް އޮފީހުގައި 1.274 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.