Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ހައިވޭގައި ޕިކަޕަކާއި ބަހެއް ޖެހި އިތުރު އެކްސިޑެންޓެއް

ބްރިޖުގެ ހައިވޭގައި ޕިކަޕަކާއި ބަހެއް ޖެހި އިތުރު އެކްސިޑެންޓެއް

04 ޖުލައި 2022

ސިނަމާލެ ބްރިޖުގެ ހައިވޭ އިން ހުޅުމާލެ އަށް އަރާ ހިސާބުގައި އެމްޓީސީސީގެ ބަހަކާއި ޕިކަޕެއް ޖެހި، މިރޭ އިތުރު އެކްސިޑެންޓެއް ވެސް ހިނގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސިނަމާލެ ބްރިޖުގެ ހައިވޭ އިން ހުޅުމާލެ އަށް އަރާ ހިސާބުގައި އެމްޓީސީސީގެ ބަހަކާއި ޕިކަޕެއް ޖެހި، މިރޭ އިތުރު އެކްސިޑެންޓެއް ވެސް ހިނގައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ އަށް އަރާ ހިސާބުގައި ބަހަކާއި ޕިކަޕެއް ޖެހުނު ކަމުގެ ރިޕޯޓެއް މިރޭ 8:20 ހާއިރު ލިބުނު ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެެވެ. ތަފުސީލެއް ނުދެ އެވެ.

ހައިވޭގައި ބަހަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓުވިއިރު މާލޭގައި ވެސް މިރޭ އިރުއޮއްސުނުހާއިރު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކު މަރުވެފަ އެވެ.

އެ އެކްސިޑެންޓު ހިނގީ އެކުވެނި ދަނޑު ކައިރިން ބޭރުމަގުން ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް، އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެމްޓީސީސީގެ ބަހެއްގައި ޖެހިގެންނެވެ.

ކާރު ވަރަށް ބޮޑަށް ހަލާކުވެ އޭގައި ތިބި މީހުންނަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. ކާރުގައި ތިބި ތިން މީހަކަށް އައިޖީއެމްއެޗުގައި މި ވަގުތު ފަރުވާދެމުން އެބަދެ އެވެ. އޭގެ ތެރެއިން އެކަކުގެ ސާޖާރީއެއް ހަދަމުން އަންނައިރު އިތުރު މީހެއްގެ ސީޓީ ސްކޭނެއް ހަދައި އޭނާ އަށް ލިބިފައިވާ ގެއްލުން ދަނީ ބަލަމުންނެވެ. އަދި އަނެއް މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ވެ އެވެ.

އެ އެކްސިޑެންޓުގައި މާބޮޑު އަނިޔާތަކެއް ބަސް ދުއްވަން އިން މީހާ އާއި އޭގައި ތިބި ދެ އެހީތެރިންނަށް ނުލިބުނު ނަމަވެސް އޭޑީކޭގައި އެމީހުންނަށް ވެސް ފަރުވާ ދިނެވެ.

ފުލުހުން އަންނަނީ އެ ދެ އެކްސިޑެންޓާ ގުޅޭ ކަންކަން ތަހުގީގު ކުރަމުންނެވެ.