Roadha Mihaaru
ޓެކްސް ބޮޑު ކުރުމުން ދައުލަތަށް އިތުރު 2.5 ބިލިއަން

ޓެކްސް ބޮޑު ކުރުމުން ދައުލަތަށް އިތުރަށް 2.5 ބިލިއަން ރުފިޔާ ލިބޭނެ

07 ޖުލައި 2022

ޓޫރިޒަމާއި އާންމު މުދަތުން ނަގާ ޖީއެސްޓީ ބޮޑުކުރުމުން ދައުލަތުގެ އާމްދަނީ އަށް އިތުރު 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިޒަމާއި އާންމު މުދަތުން ނަގާ ޖީއެސްޓީ ބޮޑުކުރުމުން ދައުލަތުގެ އާމްދަނީ އަށް އިތުރު 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މި ހިސާބުތައް ބަލާފައި ވަނީ މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ލިބުނު އާމްދަނީ އަށް ބެލުމަށް ފަހު ހެދި ހިސާބުތަކަށް ބުރަވެ އެވެ.

މިދިޔަ އަހަރު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބުނު އިރު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ޓީޖީއެސްޓީ އަށް ލިބުނު އަދަދަށް ހަތަރު ޕަސެންޓު އިތުރު ކުރުމުން ޓީޖީއެސްޓީން 1.5 ބިލިއަން ރުފިޔާ އިތުރަށް ލިބެ އެވެ. އަދި ޖީއެސްޓީ އަށް އިތުރު 850 މިލިއަން ރުފިޔާ ލިބެ އެވެ. ޓެކްސް އަށް ގެންނަ އާ ބަދަލުތަކާ އެކު ޓީޖީއެސްޓީން ލިބޭ އާމްދަނީ ހަ ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ. އަދި ޖީއެސްޓީ ތިން ބިލިއަނަށް ވުރެ މައްޗަށް އަރާނެ އެވެ.

އިގްތިސާދީ ހާލަތު ކޮވިޑްގެ ކުރީގެ ހާލަތަށް ބަދަލުވެ، ދައުލަތަށް 2019 ވަނަ އަހަރު ލިބުނު ވަރުގެ އާމްދަނީއެއް ވަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އެ އަހަރު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޖީއެސްޓީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓީޖީއެސްޓީ އަށް ލިބުނު އަދަދަށް ހަތަރު ޕަސެންޓު އިތުރު ކުރުމުން ދައުލަތަށް ޓީޖީއެސްޓީން އިތުރަށް 1.6 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި އެ އަހަރު ޖީއެސްޓީ އަށް ލިބުނު އާމްދަނީ އަށް ދެ ޕަސެންޓު އިތުރު ކުރުމުން ދައުލަށް ޖުމްލަ އާމްދަނީ އަށް 950 މިލިއަން ރުފިޔާ އިތުރުވާނެ އެވެ. އެހެންވެ އެ އަހަރުގެ ހިސާބުތަކާ އެއް ހަމައަކަށް އަންނަ އަހަރުގެ ޓީޖީއެސްޓީ އާއި ޖީއެސްޓީގެ އަދަދުތައް މައްޗަށް ޖައްސައިފި ނަމަ ދައުލަތުގެ އާމްދަނީ އަށް 2.6 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ.

ސަރުކާރުގެ އަންދާޒާ އަކީ ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް އިތުރު ތިން ބިލިއަން ރުފިޔާ ހޯދުމެވެ. ތިން ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާ ކުރަނީ ރާއްޖެ އަށް އަންނަ އަހަރު އިތުރު ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފަ އެވެ.

ޓީޖީއެސްޓީން މި ވަގުތު ނަގަމުން އަންނަނީ 12 ޕަސެންޓެވެ. އަދި ޖީއެސްޓީ އަށް ނަގަމުން އަންނަނީ ހަ ޕަސެންޓެވެ. ސަރުކާރުން ބޭނުންވަނީ ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކޮށް، ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ކުރާށެވެ. އަދި މި ބަދަލުތައް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ގެންނަން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ އަންގާރަ ދުވަހުގެ ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި ވިދާޅުވި އެވެ.