Roadha Mihaaru
ޓީޖީއެސްޓީގެ އާމްދަނީ 65 ޕަސެންޓް އިތުރުވެއްޖެ

ޓެކްސް ބޮޑުކުރުމުން ޓީޖީއެސްޓީގެ އާމްދަނީ 65 ޕަސެންޓް އިތުރުވެއްޖެ

11 ފެބުރުއަރީ 2023

ޓީޖީއެސްޓީ ބޮޑުކުރުމުން ދައުލަތަށް އެއިން ލިބުނު އާމްދަނީ 65 ޕަސެންޓް ޕަސެންޓު އިތުރުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓީޖީއެސްޓީ ބޮޑުކުރުމުން ދައުލަތަށް އެއިން ލިބުނު އާމްދަނީ 65 ޕަސެންޓް ޕަސެންޓު އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަސް ނިމުނު އިރު ޓީޖީއެސްޓީ އާއި ޖީއެސްޓީގެ ގޮތުގައި ވަނީ 1.6 ބިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ ތެރެއިން ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 1.2 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީޖީއެސްޓީ އާއި ޖީއެސްޓީން ލިބުނީ އެއް ބިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 405 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޖީއެސްޓީގެ ގޮތުގައި ލިބުނީ 298 މިލިއަން ރުފިޔާ އެވެ. އެހެންވެ އެއީ މި އަހަރު ޖީއެސްޓީގެ ގޮތުގައި ލިބުނީ މިިދިޔަ އަހަރަށް ވުރެ 70 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ އަށް ޕަސެންޓަށް، އަދި ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް 16 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ. އޭގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ނެގީ 12 ޕަސެންޓް އަދި ޖީއެސްޓީ ގޮތުގައި ނެގީ 6 ޕަސެންޓެވެ.

މީރާގެ ކައުންޓަރަކުން މީހަކު ހިދުމަތް ހޯދަނީ. މިދިޔަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބުނު--ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މީރާގެ ކައުންޓަރަކުން މީހަކު ހިދުމަތް ހޯދަނީ. މިދިޔަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބުނު--ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިދިޔަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 3.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާ އިރު 70 ޕަސެންޓުގެ އިތުރުވުމެކެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް އިން ވެސް ވަނީ 1.3 ބިލިއަން ރުފިޔާ ލިބިފަ އެވެ.

މިއަހަރު ޓީޖީއެސްޓީ އާއި ޖީއެސްޓީއިން ދައުލަތަށް 13.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ބަޖެޓުގައި ލަފާކޮށްފަ އެވެ.

ޓެކްސް އިން ލިބުނު އާމްދަނީ ބޮޑުވި ނަމަވެސް، ޓެކްސް ނޫން އެހެން ދާއިރާތަކުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ 60 ޕަސެންޓު ވަނީ ދަށްވެފަ އެވެ. ޓެކްސް ނޫން އެހެން ދާއިރާތަކުން މިދިޔަ މަހު ދައުލަތަށް ލިބުނީ 403 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 650 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 70 ޕަސެންޓުގެ އިތުރުވުމެކެވެ.

މިއަހަރު ނިމޭ އިރު ދައުލަތުގެ އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 24 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.