Roadha Mihaaru
ޗެލްސީން ވެސް ރޮނާލްޑޯ ބޭނުމެއް ނުވޭ

ޗެލްސީން ވެސް ރޮނާލްޑޯ ބޭނުމެއް ނުވޭ

14 ޖުލައި 2022

ލަންޑަން (ޖުލައި 14) - ޗެލްސީގެ ކޯ އޯނަރު ޓޮޑް ބޯލީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭޒްއާ އެކު ޓްރާންސްފާގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، ޗެލްސީ އަށް ރޮނާލްޑޯ ނުގެންނަން ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ނިންމައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖުލައި 14) - ޗެލްސީގެ ކޯ އޯނަރު ޓޮޑް ބޯލީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭޒްއާ އެކު ޓްރާންސްފާގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، ޗެލްސީ އަށް ރޮނާލްޑޯ ނުގެންނަން ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ނިންމައިފި އެވެ.

އަލުން އެނބުރި މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށް ފަހު އަހަރެއް ނުވަނީސް ރޮނާލްޑޯ ވަނީ އޭނާ ކުލަބު ދޫކޮށްލަން ބޭނުންވާކަން ހާމަ ކޮށްފަ އެވެ. އަދި އަމިއްލަ ސަބަބުތަކަކާހުރެ ކަމަށް ބުނެ، އާ ކޯޗު އެރިކް ޓެން ހަގް އާއެކު ތައިލެންޑާއި އޮސްޓްރޭލިއާ ގައި ކުރިއަށް ގެންދާ ޕްރީސީޒަނުގައި ވެސް ރޮނާލްޑޯ ބައިވެރިއެއް ނުވެ އެވެ.

މެނޭޖިން ޑިރެކްޓަރު މަރީނާ ގްރަނޮވްސްކައި އަދި ޓެކްނިކަލް ޑިރެކްޓަރު ޕީޓަ ޗެކް ޓީމު ދޫކޮށްލުމާ އެކު ޗެލްސީގެ ވަގުތީ ސްޕޯޓިން ޑިރެކްޓަރުކަމުގެ މަގާމު އަދާކުރަނީ ކޯ އޯނަރު ބޯލީ އެވެ. ނަމަވެސް ޓްރާންސްފާގައި ގޮތް ނިންމުމުގެ ފުރިހަމަ ބާރު ޓުޗެލް އަށް ލިބިފައި ވެއެވެ. ޗެލްސީން އަންނަނީ ކުރީގެ މެންޗެސްޓާ ސިޓީގެ އޮފިޝަލެއް ކަމުގައިވާ ޓޮމް ގްލިކް، އެޓީމުގެ ޗީފް އެގްޒެކެޓިވް ގެ މަގާމަށް ހަމަޖައްސަން ތައްޔާރު ވަމުންނެވެ.

ފްރާންސްގެ ޕީއެސްޖީން ވެސް ރޮނާލްޑޯ ގެންދަން ބޭނުން ނުވާކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. ޖަރުމަނުގެ ބެޔާން މިއުނިކުން ވެސް ވަނީ ރޮނާލްޑޯ އެޓީމަށް ގެންދަން ދެކޮޅު ހަދައިފަ އެވެ. އެހެން ނަމަވެސް ސައުދީ އަރަބިއްޔާގެ ކުލަބަކުން ދެ އަހަރުގެ މުއްދަތަކަށް، އަހަރަކު 125 މިލިއަން ޔޫރޯގެ މުސާރައަކަށް ރޮނާލްޑޯ ގެންދަން ހުށަހަޅައިފައި ވާކަމަށް ޕޯޗުގަލްގެ މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ ގެންދަން ޔުނައިޓެޑަށް 35 މިލިއަން ޔޫރޯގެ ފީއެއް ހުށަހަޅައިފައި ވާއިރު، ރޮނާލްޑޯގެ އެޖެންޓު ފީއެއްގެ ގޮތުގައި 24 މިލިއަން ޔޫރޯ ހަމަޖެހިފައި ވެއެވެ.

ޗެލްސީން ވަނީ މެންޗެސްޓާ ސިޓީ އަށް ކުޅޭ ވިންގާ ރަހީމް ސްޓާލިންގެ ސޮއި ހޯދައިފަ އެވެ. ސްޓާލިން ވަނީ ޗެލްސީއާ އެކު ފަސް އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށް، އެމެރިކާގައި ކުރިއަށްދާ ޗެލްސީގެ ޕްރީ ސީޒަން ޓުއާގައި ބައިވެރިވާ ސްކޮޑާ ގުޅިފަ އެވެ.

"އިތުރު ސްޓްރައިކަރެއް ހޯދަން ކުރާ މަސައްކަތް ހުއްޓައެއް ނުލަން، އެކަމަކު އެއީ މިވަގުތަށް އެންމެ މުހިއްމު ކަންތައް ކަމުގައި ނުދެކެން. މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އަހަރެމެންގެ ޑިފެންސަށް، އެއީ އެއްވެސް ވަރަކަށް ސިއްރު ވެފައި އޮތް ކަމެއް ނޫން. އަހަރެމެންގެ ވަރަށް މުހިއްމު ދެ ކުޅުންތެރިން ގެއްލިއްޖެ، އެތަން ފޫބައްދަން އެބަ ޖެހޭ،" ޓުޗެލް ބުންޏެވެ.

ތޯމަސް ޓުޗެލްގެ ޓްރާންސްފާ ޓާގެޓެއް ކަމުގައިވާ ބްރެޒިލްގެ ވިންގާ ރަފީނިއާ ބާސެލޯނާއަށް ގުޅުނު ނަމަވެސް، ޗެލްސީން ވަނީ ނަޕޯލީ އަށް ކުޅޭ ސެނެގާލުގެ ޑިފެންޑަރު ކަލިދޫ ކުލިބަލީގެ ސޮއި ހޯދަން، ނަޕޯލީއާ އެކު 40 މިލިއަން ޔޫރޯގެ އަގަކަށް އެއްބަސް ވެފަ އެވެ. އަދި ވަރަށް އަވަހަށް ކުލިބަލީ އެއްބަސްވުމުގައި ސޮއިކޮށް، ކުލަބާ ގުޅެން އެމެރިކާއަށް ފުރަން ވަނީ ހަމަޖެހިފަ އެވެ.

ޗެލްސީގެ ޑިފެންޑަތުންކަމަށްވާ އެންޓޯނިއޯ ރުޑިގާ އާއި އަންޑްރެސް ކްރިސްޓެންސެން ޓީމު ދޫކޮށްލުމާ އެކު ޗެލްސީން އަންނަނީ މެންޗެސްޓާ ސިޓީ އަށް ކުޅޭ ނޭތަން އަކީ އާއި ޕީއެސްޖީ އަށް ކުޅޭ ޕްރެސްނެލް ކިމްޕެމްބޭ ހޯދަން ވެސް މަޝްވަރާތައް ކުރަމުންނެވެ. އަދި ބެލެވޭ ގޮތުގައި ޓީމަށް ބޭނުންވާ ޑިފެންޑަރުންގެ ސޮއި ހަމަވާއިރަށް، ކުލަބުގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ވެސް ކުލަބު ދޫކޮށްލާނެ އެވެ.