Roadha Mihaaru
ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ޓީމުގައި ރޮނާލްޑޯ ނުހިމެނޭ

ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑްގެ ބެންޗުން ވެސް ރޮނާލްޑޯ އަށް ޖާގައެއް ނެތް

21 އޮކްޓޯބަރ 2022

މެންޗެސްޓާ (އޮކްޓޫބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނޭ ކަމަށް ޔުނައިޓެޑުން ހާމަ ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (އޮކްޓޫބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނޭ ކަމަށް ޔުނައިޓެޑުން ހާމަ ކޮށްފި އެވެ.

ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން ޓޮޓެންހަމް ހޮޓްސްޕާ 2-0 އިން ބަލިކުރި މެޗުގައި ރޮނާލްޑޯ އިނީ ބެންޗުގަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް އޭނާ ވަނީ ބެންޗު ސަރަހައްދު ދޫކޮށް، ޗޭންޖިން ރޫމަށް ގޮސްފަ އެވެ.

"ޕްރިމިއާ ލީގުގައި މި ހަފްތާ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނޭނެ" ޔުނައިޓެޑުން ނެރުނު ބަޔާނުގައި ވެއެވެ.

"ޓީމުގެ ސްކޮޑުގައި ހިމެނޭ އިތުރު ކުލުންތެރިން ތިބީ އެ މެޗަށް ފުރިހަމައަށް ތައްޔާރު ވުމުގެ އަޒުމުގައި."

ޓޮޓެންހަމް އަތުން ހޯދި މޮޅާ އެކު ޔުނައިޓެޑް މިވަގުތު ލީގުގެ ފަސްވަނައިގައި އޮތީ، ހަތަރު ވަނައިގައި އޮތް ޗެލްސީއާ އެންމެ ޕޮއިންޓެއް ފަހަތުގަ އެވެ. ޔުނައިޓެޑަށް 10 މެޗުން 19 ޕޮއިންޓް ލިބިފައި ވާއިރު، ޗެލްސީ އަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ.

އުމުރުން 37 އަހަރުގެ ޕޯޗުގަލް ފޯވާޑް ރޮނާލްޑޯގެ ހިތްހަމަ ނުޖެހުންތަކާ އެކު ވެސް، އޭނާއަކީ ޔުނައިޓެޑްގެ ސްކޮޑުގެ މުހިއްމު ހިއްސާއެއް ކަމަށް އެޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، ޓޮޓެންހަމާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އަރަން ރޮނާލްޑޯ ބޭނުމެއް ނުވި އެވެ. ރޮނާލްޑޯ ޗޭންޖިން ރޫމާ ދިމާއަށް މިސްރާބު ޖެހި އިރު، ޔުނައިޓެޑުން ވަނީ ފަސް ބަދަލުގެ ތެރެއިން ތިން ބަދަލު ކޮށްފަ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ޓެން ހަގް ބުނީ، ރޮނާލްޑޯގެ މައްސަލައާ މެދު އޭނާ ފަހުން ގޮތެއް ނިންމާނެ ކަމަށެވެ. ޓެން ހަގް ނިންމީ، ކުރިއަށް އޮތް ޗެލްސީ މެޗަށް ޓީމުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރި ނުކުރާށެވެ.

ރޮނާލްޑޯ ވަނީ މި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑް ދޫކޮށްލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޓެން ހަގް ބުނަމުން އައީ، ރޮނާލްޑޯ އަކީ އޭނާގެ ޕްލޭނުގައި ހިމެނޭ، ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް ރޮނާލްޑޯ އަށް މި ސީޒަންގައި އޭނާގެ އެންމެ އެދެވޭ ކުޅުން ދެއްކިފައި ނުވާއިރު، ލީގުގައި އޭނާއަށް ގިނަ ފަހަރު ފުރުސަތު ދެނީ ބަދަލު ކުޅުންތެރިއެއް ގޮތުގަ އެވެ.

މިހާތަނަށް ލީގުގައި ޔުނައިޓެޑް ކުޅުނު 10 މެޗުގެ ތެރެއިން އޭނާ ސްޓާޓް ކުރީ ދެ މެޗުގަ އެވެ. އަދި 90 މިނިޓް ފުރިހަމަ ކޮށްފައި ވަނީ އެންމެ މެޗެއްގަ އެވެ. ޓޮޓެންހަމް އަތުން މޮޅުވި މެޗުގެ އިތުރުން، ވާދަވެރި މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗުގައި ވެސް ރޮނާލްޑޯ އަށް ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.

މިދިޔަ ސީޒަންގައި އެނބުރި މެންޗެސްޓާ ޔުނައިޓެޑާ ގުޅި، ރޮނާލްޑޯ ވަނީ ލީގުގައި ޔުނައިޓެޑަށް 18 ލަނޑު ޖަހައިދީފަ އެވެ. ނަމަވެސް މި ސީޒަންގައި ލީގުގައި ރޮނާލްޑޯ އަށް އަދި ކާމިޔާބު ކުރެވުނީ އެންމެ ގޯލެކެވެ.