Roadha Mihaaru
ހަތަރު އަހަރަށްފަހު ވިކްޓަރީ މެޗަކުން މޮޅުވެއްޖެ

ބީޖީ ބަލިކޮށް ހަތަރު އަހަރަށްފަހު ވިކްޓަރީ މެޗަކުން މޮޅުވެއްޖެ

16 ޖުލައި 2022

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިރޭ ބީޖީ ސްޕޯޓްސް ކުލަބާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށް، ގާތްގަނޑަކަށް ހަތަރު އަހަރަށް ފަހު، ވިކްޓްރީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް މެޗަކުން މޮޅު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިރޭ ބީޖީ ސްޕޯޓްސް ކުލަބާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށް، ގާތްގަނޑަކަށް ހަތަރު އަހަރަށް ފަހު، ވިކްޓްރީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް މެޗަކުން މޮޅު ވެއްޖެ އެވެ.

ތިން އަހަރު ވަންދެން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައި އޮތް ވިކްޓަރީގެ އަދަބު އެފްއޭއެމްގެ ކޮންގްރެސް އިން އުވާލީ މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ.

ވިކްޓަރީ ރަސްމީ މެޗަކުން މޮޅު މިވީ، ތިން އަހަރާއި އަށް މަހާއި 27 ދުވަސް ފަހުންނެވެ. އެންމެ ފަހުން ރަސްމީ މެޗަކުން ވިކްޓަރީ މޮޅުވީ، 2018 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ތ. ތިމަރަފުށްޓާ ދެކޮޅަށެވެ. އެއަހަރުގެ އޮކްޓޫބަރު 18 ވަނަ ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗް ވިކްޓަރީން ކާމިޔާބު ކުރީ ޒުވާން ކުޅުންތެރިޔާ ހާޒިމް ފައުޒީ ޖަހައިދިން ގޯލުން 1-0 އިންނެވެ.

ޑިސެމްބަރު 12، 2019 ގައި ވިކްޓަރީ ސަސްޕެންޑް ކުރުމާ ދެމެދު 19 މެޗު ކުޅެން ޖެހުނު އިރު ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ފަސް މެޗަށް ޓީމު ހަމަ ނުކުރެވުނު އިރު ބާކީ 12 މެޗުން ވަނީ ބަލި ވެފަ އެވެ. ސަސްޕެންޝަނުން ސަލާމަތްވެ އެނބުރި އައުމަށް ފަހު ވިކްޓަރީން މިރޭ މެޗެއް ކުޅުނީ ދެ އަހަރާއި ހަތް މަހާއި ތިން ދުވަސް ފަހުންނެވެ.

ސަސްޕެންޝަނުން ސަލާމަތްވެގެން އެނބުރި އައިސް ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ 10 މިނިޓުތެރޭ ވިކްޓަރީން ވަނީ އެޓީމުން ޖެހި ދެ ގޯލު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލަނޑު ނުވަވަނަ މިނިޓުގައި ރީތި އޯވާހެޑް ކިކަކުން ޖަހައިދިނީ ލެބަނާން ފޯވާޑް މުހައްމަދު ގަދޫހު އެވެ. އަދި ދެވަނަ ލަނޑު ޖެހިގެން އައި މިނިޓުގައި ޖަހައިދިނީ އަހުމަދު ހުސެއިން އެވެ.

ކުރިން ވިކްޓަރީ އާއި ގައުމީ ޓީމުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިން ކުލަބުތަކަކަށް ކުޅުނު ހަސަން އަދުހަމް (ސަޑޭ) ގެ ކެޕްޓަން ކަމުގައި ކުޅުނު ވިކްޓަރީން ވަނީ ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ނަމަވެސް ހަމަލާތައް ގޯލާ އަމާޒު ކޮށެއް ނުލެވުނެވެ. ކުރިން ގައުމީ ޓީމަށް ކުޅެ، މިމަހު ޖެނުއަރީގައި ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގައި ކުޅުން ހުއްޓާލި، އުމުރުން 30 އަހަރުގެ ފޯވާޑް އަހުމަދު އިމާޒް (އާއްކޮ) ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލު އަރިމަތީ ދާގަނޑަށެވެ.

ދެވަނަ ހާފުގައި ބީޖީ ސްޕޯޓްސް އިން ކުރިއަށް ޖެހިގެން ގިނަ ލަނޑުތަކެއް ޖަހަން މަސައްކަތް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ 61 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން ނަތީޖާގެ ފަރަގު ވެސް ކުޑަ ކޮށްފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޔަފާއު މުހައްމަދު (ޔާ) އެވެ. ނަމަވެސް އިތުރު ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ވިކްޓަރީއާ އެކު ގުރޫޕް ބީ ގައި، ސަސްޕެންޝަނުން ސަލާމަތްވެ އަލުން ފުޓުބޯޅައަށް އައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ވެސް ހިމެނެ އެވެ. މި ގުރޫޕުގައި ދެން ހިމެނެނީ އެލްޓީ ސްޕޯޓްސް ކުލަބާއި، ލޮރެންޒޯ ސްޕޯޓޤސް ކުލަބާއި ކުލަބް ޓީނޭޖް އަދި މަހިބަދޫ ސްޕޯޓްސް ކުލަބެވެ. ކްލަބް 010 ވެސް މި ގުރޫޕުގައި ވާދަކުރާ ގޮތަށް ހަމަޖެހުނު ނަމަވެސް، މުބާރާތުގެ ކުޅުން ފެށުމުގެ ކުރިން ވަނީ ދެވަނަ ޑިވިޝަނުގައި ވާދަކުރަން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ.

ދެވަނަ ޑިވިޝަނުގައި މާދަމާ ވެސް މި ގުރޫޕުގެ ދެ މެޗު ކުޅޭނެ އެވެ. މާދަމާގެ ދެ މެޗު ވެސް ކުޅޭނީ މާފަންނު ޓާފް ދަނޑުގަ އެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެލްޓީ ސްޕޯޓްސް ކުލަބާއި ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ. އަދި މާދަމާ ރޭ ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ކްލަބް ޓީނޭޖް އެވެ.