Roadha Mihaaru
ބީޖީ އަތުން ޓެންޓް ސްޕޯޓްސް މޮޅުވެއްޖެ

ބީޖީ އަތުން ޓެންޓް ސްޕޯޓްސް މޮޅުވެއްޖެ

27 ޑިސެމްބަރ 2023

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ބީޖީ ސްޕޯޓްސް ކްލަބާ ވާދަކޮށް 1-0 އިން ޓެންޓް ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ބީޖީ ސްޕޯޓްސް ކްލަބާ ވާދަކޮށް 1-0 އިން ޓެންޓް ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސް ޖެހި ހަމައެކަނި ގޯލު، 79 ވަނަ މިނިޓުގައި ޖަހައިދިނީ އެޓީމުގެ މިޑްފީލްޑުގައި މުހިއްމު ދައުރެއް އަދާކުރި މުހައްމަދު އަހަދުﷲ އެވެ.

ތަޖުރިބާކާރު ކޯޗު އަހުމަދު ނާހިދު (ނާދު) ގެ އިރުޝާދުގެ ދަށުން ކުޅޭ ބީޖީ ސްޕޯޓްސް ކްލަބުން ގޯލެއް ޖަހަން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ޓެންޓް ސްޕޯޓްސްގެ ގޯލްކީޕަރު މުހައްމަދު ޝިފާން ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ބީޖީ ސްޕޯޓްސް އަށް ލިބުނު ޕެނަލްޓީއެއް ވެސް އޭނާ މަތަކުރި އެވެ.

ޓެންޓް ސްޕޯޓްސް އަށް ކުޅޭ ބިދޭސީ މިޑްފީލްޑަރު އަހުމަދު މަހުމޫދު އަބްދުލްފައްތާހު، ބީޖީގެ ކެޕްޓަން މިގްދާދު ސައީދަށް ކުރި ފައުލަކަށް ލިބުނު މި ޕެނަލްޓީން، ބީޖީގެ ޒުވާން ފޯވާޑް މުޒްދާން ހަސަން ތިރީ ކަނަށް ފޮނުވާލި ބޯޅަ، ކީޕަރު ޝިފާން ދިފާއު ކުރި އެވެ.

ބީޖީ އާއި ޓެންޓް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ބީޖީ އާއި ޓެންޓް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ފަހު ހާފުގައި ނަތީޖާ އެއްވަރު ކުރަން މުޒްދާން އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅައެއް ވެސް ކީޕަރު ޝިފާޏް ވަނީ ދިފާއު ކޮށްފަ އެވެ.

ހަމަ އެއާ އެކު ފުރަތަމަ ހާފުގައި، ޓެންޓަށް ކުޅޭ ކުރީގެ މަޝްހޫރު ފޯވާޑް އަހުމަދު ރިލްވާނަށް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ކާމިޔާބެއް ނުވި އެވެ.

މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރުގެ އިރުޝާދުގެ ދަށުން ކުޅޭ ޓެންޓް ސްޕޯޓްސްގެ ކެޕްޓަނަކީ، ފުރަތަމަ ޑިވިޝަނުގައި ށ. ފޯކައިދޫ ފުޓްބޯޅަ ކްލަބުން ފާހަގަވި ފުލްބެކް އަހުމަދު އަމްޖަދެވެ. އޭނާ ވަނީ ބީޖީގެ ޑިފެންސުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ޓެންޓްގެ ފޯވާޑް ހުސެއިން މިފްރާހް ވަހީދަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުން އެޓީމު މެޗު ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ.

މާދަމާގެ ހަވީރު ވެސް މުބާރާތުގައި މެޗެއް ކުޅޭނެ އެވެ. ބައްދަލުކުރާނީ ގުރޫޕް ސީގެ ކްލަބް ޕީކޭ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.