Roadha Mihaaru
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި

ފައިނަލަށް ދާ ދެ ޓީމު ޕްރޮމޯޓް ވާނެ، ގުރޫޕް ސްޓޭޖުގައި ނިއު އާއި ވިކްޓަރީގެ ކުރިމަތިލުން މިފަހަރަކު ނެތް

24 ޑިސެމްބަރ 2023

ތަފާތު ސަބަބުތަކާ ހުރެ އެތައް ފަހަރު މަތިން ފަސްކުރެވުނު މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް، އަންގާރަ ދުވަހު ފަށަން ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ތަފާތު ސަބަބުތަކާ ހުރެ އެތައް ފަހަރު މަތިން ފަސްކުރެވުނު މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް، އަންގާރަ ދުވަހު ފަށަން ތައްޔާރު ވެއްޖެ އެވެ.

މުބާރާތް ފަށާނެ ތާރީހެއް ފައިނަލް ނުކުރެވި ދިގުލައިގެން ދިޔުމުގެ ސަބަބުން ދުރާލާ ތައްޔާރުވަމުން އައި ކްލަބްތަކަށް ވަނީ މާލީގޮތުން އިތުރު ބުރައެއް އުފުލަންޖެހި، ކަންބޮޑުވުންތައް މިހާރުގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އާ ވެސް ހިއްސާ ކޮށްފަ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް މުސާރަ ނުދޭތީ، މުބާރާތް ރާވައި އިންތިޒާމުކުރާނެ ގާބިލުކަން އެފްއޭއެމްގެ ކިބައިގައި މިވަގުތު ނެތުމުން ދެވަނަ ޑިވިޝަން ހިންގައިދޭން ހަވާލުވީ ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާންބެ) އެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ 15 ޓީމުގެ މެދުގައި ބުރާސްފަތި ދުވަހު ވަނީ ގުރުއަތު ނަގައި، ތިން ގުރޫޕަކަށް ބަހާލައިފަ އެވެ. ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު، ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމަށް ވެސް ކުއާޓާގެ ޖާގަ ލިބޭނެ އެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަންގެ ފައިނަލަށްދާ ދެ ޓީމު ވެސް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެ އެވެ. އަދި މިއަހަރު ދެވަނަ ޑިވިޝަނުގެ އެއްވެސް ޓީމެއް ތިންވަނަ ޑިވިޝަނަށް ރެލިގޭޓެއް ނުވާނެ އެވެ.

ދެވަނަ ޑިވިޝަން މުބާރާތުގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

ދެވަނަ ޑިވިޝަންގެ ގުރޫޕްތައް:

• ގުރޫޕް އޭ: މަސްއޮޑި ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްސް ކްލަބް، ޖޭޖޭ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، އެލްޓީ ސްޕޯޓްސް ކްލަބް

• ގުރޫޕް ބީ: ބީޖީ ސްޕޯޓްސް ކްލަބް، ޓެންޓް ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ޓީނޭޖް

• ގުރޫޕް ސީ: ކްލަބް ޕީކޭ، ވިކްޓަރީ ސްޕޯޓްސް ކްލަބް، ލޮރެންޒޯ ސްޕޯޓްސް ކްލަބް، ބިސްބުރު ސްޕޯޓްސް، ލެގޫންސް ސްޕޯޓްސް ކްލަބް

އެފްއޭއެމްގެ މުބާރާތްތަކުގައި ވާދަކުރަން ކްލަބް ލައިސެންސިން ފުރިހަމަ ކުރަން ޖެހޭއިރު، މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ދަ ގްރާންޑޭ އަށް މި ސީޒަންގައި މުބާރާތް ކުޅެން ލައިސެންސް ދޫކުރެވިފައި ވަނީ ޝަރުތުތަކަކާ އެކު އެވެ.

މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ގުރޫޕް އޭ ގެ މަސްއޮޑި ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުންނެވެ. މަސްއޮޑި އަކީ މިދިޔަ އަހަރުގެ ރިންވަނަ ޑިވިޝަންގެ ރަނަރަޕް ޓީމެވެ. ދެހާސް ފަނަރަ ވަނަ އަހަރު ޕްރިމިއާ ލީގުން ރެލިގޭޓްވި މަހިބަދޫ އަށް އަދި ދެވަނަ ޑިވިޝަން ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މިދިޔަ އަހަރު ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ލެގޫންސް ކުޅޭ ފުރަތަމަ މެޗު ކުޅޭނީ ޖެނުއަރީ ހަވަނަ ދުވަހު ކްލަބް ޕީކޭއާ ދެކޮޅަށެވެ. ޕީކޭ ކުޅޭ ފުރަތަމަ މެޗަކީ އަންނަ ބުރާސްފަތި ދުވަހު ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗެވެ.

މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ގުރޫޕް ސްޓޭޖުގައި ވިކްޓަރީ އާއި ނިއު ރޭޑިއަންޑް އެއް ގުރޫޕެއްގައި ހިމެނުނު ނަމަވެސް، މިއަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ދެ ޓީމުގެ ކުރިމަތިލުމެއް ނުފެންނާނެ އެވެ.

ނިއު ރޭޑިއަންޓްގެ ފުރަތަމަ މެޗުގައި މިމަހުގެ 31 ވަނަ ދުވަހު ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ. ދަ ގްރާންޑޭއާ އެކު މިއަހަރުގެ ޕްރިމިއާ ލީގު ޕްލޭއޮފްގައި ވާދަކުރި ޓީނޭޖްގެ ފުރަތަމަ މެޗު ޖެނުއަރީ ފަސްވަނަ ދުވަހު އޮތީ ބީޖީއާ ދެކޮޅަށެވެ.

ހުރިހާ މެޗެއް ގަލޮޅު ދަނޑުގައި

މި ސީޒަންގެ އެފްއޭ ކަޕް ނުބާއްވަން އެފްއޭއެމުން ނިންމުމާ އެކު ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ވަނީ ސީޒަން ނިމިފަ އެވެ. މިއާ އެކު ދެވަނަ ޑިވިޝަން މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.

ހަމަ އެއާ އެކު މިއަހަރުގެ މުބާރާތުގައި ރޭގަނޑު މެޗެއް ނުކުޅޭނެ އެވެ. ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅޭ ދުވަހެއްގެ ހަވީރު، 3:50 ގަ އެވެ.

ގަލޮޅު ދަނޑުގެ ލައިޓް ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ނުކުރެވޭތީ، ރޭގަނޑު ކުޅެން އޮތް ޕްރިމިއާ ލީގުގެ ފަހު ދެ މެޗު ވެސް ކުޅެފައި ވަނީ ހަވީރު އެވެ.

އާއްމުކޮށް މާފަންނު ޓާފް ދަނޑުގައި ދެވަނަ ޑިވިޝަން ބާއްވަމުން އައި ނަމަވެސް ބައެއް މެޗުތައް ގަލޮޅު ދަނޑުގައި ބާއްވައެވެ. ނަމަވެސް ޓާފް ދަނޑުތައް މިހާރު ހުރީ ރަސްމީ މެޗެއް ކުޅެވޭ ފެންވަރަށް ވުރެ ހާލު ދެރަކޮށެވެ.

ހުރިހާ މެޗެއް ހަވީރު ކުޅެން ޖެހުމުގެ ސަބަބުން މުބާރާތް ވެސް މިވަނީ ދިގުލައިފަ އެވެ. ޑިސެމްބަރު 26 ގައި ފަށާ ގުރޫޕް ސްޓޭޖުގެ މެޗުތައް އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް ދާއިރު، ފައިނަލް މެޗު ކުޅޭނީ ފެބްރުއަރީ 15 ވަނަ ދުވަހު އެވެ.