Roadha Mihaaru
ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން

ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން

17 ޖުލައި 2022

ސައޫދީ އަރަބިއްޔާގެ އިސް ވެރިންނާ އެކުގައި އިއްޔެ ބޭއްވި ބައްދަލުވުންތަކުގައި، ތުރުކީގެ އިސްތަންބޯލްގައި ހުންނަ ސައޫދީ ކޮންސުލޭޓްގެ ތެރޭގައި މަރައިލި ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރު މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެއްވި ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ސައޫދީ އަރަބިއްޔާގެ އިސް ވެރިންނާ އެކުގައި އިއްޔެ ބޭއްވި ބައްދަލުވުންތަކުގައި، ތުރުކީގެ އިސްތަންބޯލްގައި ހުންނަ ސައޫދީ ކޮންސުލޭޓްގެ ތެރޭގައި މަރައިލި ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރު މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެއްވި ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވި ގޮތުގައި ޚާޝުގްޖީގެ މަރުގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ބޭފުޅުންގެ ތެރޭގައި، ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން، ސައޫދީ އަރަބިއްޔާގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ސިޔާސީ އިސްލާހުތައް ގެނައުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވެސް، ސައޫދީގެ ވެރިންނާ އެކުގައި މަޝްވަރާ ކުރެއްވި އެވެ. އަދި އެއްވެސް ގައުމެއްގައި އިންސާނީ ހައްގުތައް ނިގުޅިގެން ދާއިރު، އެކަމާ މެދު އެއްޗެއް ނުބުނެ ހަނުހުރުމަކީ އެމެރިކާގެ ރައީސަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ

ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ

ރަސްމީ ދަތުރުފުޅެއްގައި ރައީސް ބައިޑެން ސައޫދީ އަރަބިއްޔާ އަށް ވަޑައިގަންނަވާކަމާއި ސައޫދީ ވަލީ އަހުދާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަން ރަސްމީކޮށް އިއުލާންކުރުމާ އެކު، ބައިނަލްއަގުވާމީ މީޑިއާތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ބައިޑެން އަށް ފާޑުކިޔަމުންނެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުން ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި، ޚާޝުގްޖީ މަރައިލުމުގެ ފަހަތުގައި ހުންނެވީ، ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ.

ސައޫދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ދިޔަ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރައިލީ، 2018 ވަނަ އަހަރުގެ އޮކްޓޫބަރު 2 ވަނަ ދުވަހު، ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ހުންނަ ސައޫދީ އެމްބަސީ އަށް އޭނާ ދިއުމުން، އެ ތަނުގެ ތެރޭގަ އެވެ.

ޖަމާލް ޚާޝުގްޖީ، ސައޫދީ އަރަބިއްޔާގެ ކޮންސުލޭޓަށް އެ ދުވަހު ދިޔައީ އޭނާގެ ތުރުކީ ލޯބިވެރިޔާ ޚަދީޖާ ޖަންކީޒްއާ ކައިވެނި ކުރުމަށްޓަކައި، ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށެވެ. އެ ދުވަހުގެ މެންދުރު އެކެއް ޖެހި އިރު އޭނާ ކޮންސުލޭޓަށް ވަނުމުން، ލިޔުންތައް ހިފައިގެން ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައި، އޭނާގެ ލޯބިވެރިޔާ ކޮންސުލޭޓްގެ ބޭރުގައި ހުއްޓެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) ސައޫދީ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ޖުލައި 15، 2022 ގައި ޖިއްދާ ދެ ގައުމުގެ ވެރިންގެ ފެންވަރުގައި ރަސްމީ ބައްދަލުކުރެއްވުން ބާއްވަނީ. --އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) ސައޫދީ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ޖުލައި 15، 2022 ގައި ޖިއްދާ ދެ ގައުމުގެ ވެރިންގެ ފެންވަރުގައި ރަސްމީ ބައްދަލުކުރެއްވުން ބާއްވަނީ. --އޭއެފްޕީ

ނަމަވެސް ތިން ގަޑިއިރު ފާއިތުވެ ދިޔަ އިރު ވެސް ޚާޝުގްޖީގެ ޚަބަރެއް ނުވުމުން، ޚަދީޖާ ޖަންކީޒް، އެކަން ތުރުކީ ވިލާތުގެ ފުލުހުންނަށް ރިޕޯޓް ކުރި އެވެ. މައްސަލަ އުފެދުނީ އެ ހިސާބުންނެވެ. އެ ވަގުތުން ފެށިގެން ޚަޝޯގީ އަކީ ގެއްލިފައިވާ މީހެއްގެ ގޮތުގައި ބަލައި، ތުރުކީ ސަރުކާރުން ތަހުގީގު ފެށި އެވެ.

ތުރުކީ ސަރުކާރުން ކުރި ތަހުގީގުތަކުން އެނގުނީ، ޚާޝުގްޖީ ސައޫދީ ކޮންސުލޭޓްގެ ތެރެއަށް ވަނުމުން އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލުމަށް ފަހު މަރައިލީ އެވެ. ސައޫދީ އަސްކަރިއްޔާގައި ހިމެނޭ ޚާއްސަ ޓީމެއްގެ މެމްބަރުން، ޚާޝުގްޖީ މަރައިލުމަށް ފަހު، ކަރަންޓު ކީހަކުން އޭނާގެ ހަށިގަނޑުގެ ބައިތައް ބުރިބުރިކޮށްލައި، ބާރުގަދަ އެސިޑެއް ބޭނުންކޮށްގެން ނައްތައިލީ އެވެ.

ސައޫދީ ކޮންސުލޭޓްގެ ތެރެއިން ލިބުނު ފޮރެންސިކް ހެކިތައް ތަހުލީލުކުރުމަށް ފަހު، ތުރުކީގެ ތަހުގީގީ ޓީމުން ބުނެފައިވާ ގޮތުން، ޚާޝުގްޖީގެ ދުލުން އެންމެ ފަހުން ބޭރުވި ޖުމްލައަކީ، "އަހަރެންނަކަށް ނޭވާއެއް ނުލެވޭ" އެވެ. ތުރުކީން ކުރި މި ތަހުގީގުގައި ތުހުމަތު ކުރެވޭ މީހުންގެ ފޯން ކޯލްތަކުގެ ރެކޯޑިންތަކާއި، ތުހުމަތުކުރެވޭ މީހުން ތުރުކީ އަށް ވަނުމާއި ނުކުތުމާ ބެހޭ ރެކޯޑްތަކާއި، އެމީހުން ކޮންސުލޭޓްގެ އެތެރޭގައި ޙަރަކާތްތެރިވި ގޮތުގެ ލިޔެކިޔުންތަކާއި، ހެކިންގެ ހެކިބަސްތަކާއި، ޚާޝުގްޖީގެ ފޯނާއި ލެޕްޓޮޕާއި ޓެބްލެޓުން ލިބުނު ހެކިތައް ބޭނުންކުރި އެވެ.

ތުރުކީން ތުހުމަތުކުރާ ގޮތުގައި، ޚާޝުގްޖީ މަރައިލުމުގެ ޒިންމާ އުފުލަންޖެހޭ 20 މީހަކު ހިމެނެ އެވެ. އެއީ ދުރާލައި އެކަން ރޭވުމުގައި ބައިވެރިވި، ސައޫދީގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ އަހްމަދު އާސިރީ އާއި ސައޫދީ ޝާހީ އާއިލާގެ ކުރީގެ މުޝީރު ސައުދުލް ގަހްތާނީ އެވެ. އަދި ޚާޝުގްޖީ މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި 18 މީހުންގެ ތެރޭގައި، ޖާސޫސީ ސިއްރު އޭޖެންޓު މާހިރު މުތުރިބް އާއި ފޮރެންސިކް ތަޖުރިބާކާރު ސަލާހް އައްތުބައިގީ އާއި ސައޫދީ ޝާހީ ފާރަވެރިންގެ ތެރޭގައި ހިމެނޭ ފަހްދުލް ބަލާވީ އާއި އިތުރު 15 މީހެކެވެ.