Roadha Mihaaru
އުނޑޫދޫގައި ވަޅިހަރައި ޒަހަމްކޮށްލި މީހާ މާލެ ގެންނަނީ

އުނޑޫދޫގައި ވަޅި ހަރައި ޒަހަމްކޮށްލި މީހާ މާލެ ގެންނަނީ

17 ޖުލައި 2022

ބ. އަތޮޅު އުނޑޫދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ދެ ބިދޭސީއެއް ދެމެދު ހިނގި މާރަމާރީއެއްގައި ޒަހަމްވެގެން އޭދަފުށިންް ފަރުވާ ދެމުން އައި މީހާ މާލެ ފުރުވާލަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބ. އަތޮޅު އުނޑޫދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ދެ ބިދޭސީއެއް ދެމެދު ހިނގި މާރަމާރީއެއްގައި ޒަހަމްވެގެން އޭދަފުށިންް ފަރުވާ ދެމުން އައި މީހާ މާލެ ފުރުވާލަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އުނޑޫދޫ ތިބި ދެ ބިދޭސީން މާރަމާރީ ހިންގައި އެކެއްގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ވަޅި ހަރައިފަ އެވެ.

އެ މަރާމަރީގައި އަނިޔާވެފައި ވަނީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. އެ މީހާ އަށް ފަރުވާ ދެމުން އަންނަ އޭދަފުށީ ހޮސްޕިޓަލްގެ ޑިރެކްޓާ އަހުމަދު ވަހީދު "މިހާރު" އަށް ވިދާޅުވީ އޭނާގެ ހާލު އަދިވެސް ވަރަށް ސީރިޔަސް ކަމަށެވެ.

އޭނާގެ ބަނޑަށް ވަޅި ހަރާފައި ހުރުމުން އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށާއި ބޮލުގެ ވެސް އެކި ތަންތަނަށް ޒަހަމްތަކެއް ލިބިފައި ހުރި ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އަތުގެ ދެ ތަނެއްގައި ރެނދުލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މީހާ މަސައްކަތް ކުރާ ކުންފުނީގެ ފަރާތުން މިހާރު މާލެ ފޮނުވާލުމުގެ ކަންކަން ވަނީ ހަމަޖަައްސާފައި،" ވަހީދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މާރަމާރި ހިންގި ދެ ބިދޭސީންނަކީ އުނޑޫދޫގައި ހަވާލު ކޮށްފައިވާ ކުންފުނީގެ ދެ މުއައްޒަފުންނެވެ. އެ ދެ މީހުން މާރަމާރީ ހިންގި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު މާރަމާރީ ހިންގި ދުވަހު ފުލުހުން ވަނީ ވަޅި ހެރި އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހާ ހައްޔަރު ކޮށްފަ އެވެ.