Roadha Mihaaru
ލަންކާ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނޫން

ލަންކާ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނޫން

17 ޖުލައި 2022

ސްރީ ލަންކާގެ އިގްތިސާދު އިނދަޖައްސާލައި ސިޔާސީ އަދި އިޖްތިމާއީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ގައުމު ވައްޓައިލުމުގެ ތުހުމަތު ކުރެވޭ، ރާޖަޕަކްސަ އާއިލާ ވެރިކަމުގެ މަގާމުތަކުން ދުރުކުރުމަށް، ލަންކާ ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ ހަތަރު މަސްވީ އެވެ. ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވީ، މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހު އެވެ.

ސްރީ ލަންކާގެ އިގްތިސާދު އިނދަޖައްސާލައި ސިޔާސީ އަދި އިޖްތިމާއީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ގައުމު ވައްޓައިލުމުގެ ތުހުމަތު ކުރެވޭ، ރާޖަޕަކްސަ އާއިލާ ވެރިކަމުގެ މަގާމުތަކުން ދުރުކުރުމަށް، ލަންކާ ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ ހަތަރު މަސްވީ އެވެ. ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވީ، މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހު އެވެ.

އަދި އޭނާގެ ކޮއްކޮ ގޯޓާބޭ ރާޖަޕަކްސަ ލަންކާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ، މި މަހުގެ 13 ވަނަ ދުވަހު ފިއްލަވައިގެން ރާއްޖެ ވަޑައިގެން އެއް ދުވަހު ރާއްޖޭގައި މަޑުކުރެއްވުމަށް ފަހު، ސިންގަޕޫރަށް ވަޑައިގެން، މި މަހުގެ 16 ވަނަ ދުވަހު އެވެ. ގޯޓާބޭ ރާއްޖެ ވަޑައިގަތުމަށް ފަހު، ގައުމުން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ވަގުތީ ރައީސްގެ މަގާމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ހަމަޖެއްސެވި އެވެ.

ރަނިލްއަކީ ސިޔާސީ ގޮތުން މަގުބޫލު ބޭފުޅެއް ކަމަށް ބެލެވުނަސް، ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅެއް ނޫންކަމަށް ވާތީ، ލަންކާ ރައްޔިތުން މިހާރު ގޮވަމުން ދަނީ، ރަނިލް ވެސް އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަތުމަށެވެ. ނަމުގެ ފަހަތަށް ރާޖަޕަކްސަ ނެތް ކަމުގައި ވިޔަސް، ލަންކާ ރައްޔިތުން މިއަދު ދެކެނީ ރަނިލްއަކީ ރާޖަޕަކްސަ އާއިލާ އަށް ވާގިވެރިވެދޭ ބޭފުޅެއް ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރިއާސީ އިންތިހާބުގައި ވެސް ރަނިލް އަށް ކުރިމަތީވީ ނާކާމިޔާބީ އެވެ. އަދި 2020 ވަނަ އަހަރު ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލައްވައިގެން ވެސް ގޮނޑިއެއް ހޯއްދެވިފައިނުވާތީ، ލަންކާ ރައްޔިތުން ދެކޭ ގޮތުގައި އެ ގައުމު މިހާރު އޮތް ހާލަތުން އަރައިގަނެވޭ ފަދަ، ހިންގުންތެރިކަމެއް ރަނިލްގެ ކިބައިގައި ނެތެވެ.

އިސްތިއުފާގެ އަޑުތައް ގަދަވިޔަސް، ރަނިލް ވިދާޅުވާ ގޮތުގައި ގައުމުގެ ރައީސްގެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރުމަށް މިއަންނަ ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހުގައި ނަގާ ވޯޓުން ގޮތެއް ނިންމުމާ ހަމައަށް، ވަގުތީ ރައީސްގެ މަގާމުގައި ދެމިހުންނަވާނެ އެވެ.

ލަންކާގެ އިގްތިސާދީ ހާލަތު ހަމައަށް އެޅުވުމަށްޓަކައި، އެންމެ ފުރަތަމަ ކަމަކަށް އެ ގައުމުގެ ސިޔާސީ މަސްރަހަށް ހަމަޖެހުމެއް ގެންނަންޖެހެ އެވެ. ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން ގައުމުގެ ކަންކަން ހިނގަމުންދާ އިރު، އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބެ އެވެ.

އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އިއްޔެ ވިދާޅުވި ގޮތުގައި ހަކަތައިގެ ބާވަތްތައް ގަތުމަށް ބޭނުންވާ މިންވަރަށް، މި މަސް ނިމުމަށް ފަހު ބޭރު ފައިސާ ހުންނާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންކަމުން، ގައުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަށްޓަކައި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ އެކުގައި މަޝްވަރާތައް ކުރެއްވުމަށް، ހަރުދަނާ ލީޑަރަކަށް ލަންކާ ބޭނުންވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ލަންކާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ގާނޫނު ހަދާ މަޖިލީހުން ބުދަ ދުވަހަށް ތާވަލުކޮށްފައިވާ ޖަލްސާގައި، ރައީސްގެ މަގާމަށް ހުށަހެޅޭނެ އެއް ނަމަކީ، ރަނިލް ވިކްރަމަސިންހަ އެވެ. އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމުގެ އަޒުމްގައި ހުންނެވި ރަނިލްއަށް، ރާޖަޕަކްސަ އާއިލާގެ ނުފޫޒު އޮންނަ، ސްރީ ލަންކާ ޕީޕަލްސް ފްރަންޓް ޕާޓީގެ ތާއީދު އޮންނާނެ ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، ގައުމުގެ ހަމަޖެހުމަށާއި ސުލްހަ މަސަލަސްކަމަށް އިސްކަން ދެއްވާ ގިނަ މެމްބަރުންގެ ތާއީދު، ރަނިލް އަށް އޮންނާނެ ކަމަށް ބެލެވެ އެވެ. މީގެ ކުރިން ވެސް ހަ ފަހަރެއްގެ މަތިން، ރަނިލް އެ ގައުމުގައި ބޮޑުވަޒީރުކަން ކުރެއްވި އެވެ. ނަމަވެސް ކުރިމަތިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެންމެ ފަހަރަކު ވެސް ދައުރު ފުރިހަމަ ކުރެއްވޭ ގޮތެއް ނުވެ އެވެ.

ނަމަވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ބުނަމުން ދަނީ، އެ ގައުމުގެ ރައީސްގެ މަގާމަށް ރަނިލް އައްޔަންކޮށްގެން ނުވާނެ ކަމަށެވެ. މުޒާހަރާގެ ބައިވެރިން، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގޮވައިލަމުން ދަނީ، ސިޔާސީ ވިސްނުން އެއްފަރާތްކޮށް، ރައްޔިތުންގެ އަޑު އެހުމަށެވެ.