Roadha Mihaaru
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ

އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ

07 މާޗް 2023

ސްރީ ލަންކާގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު ރާވާފައިވާ 2.9 ބިލިއަން ޑޮލަރުގެ މަޝްރޫއަށް ފައިސާ ހޯދަން އެދުމުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ފަރާތުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް ކަމަށް ލަންކާ ސަރުކާރުން މިއަދު ބުނެފި އެވެ.

ސްރީ ލަންކާގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު ރާވާފައިވާ 2.9 ބިލިއަން ޑޮލަރުގެ މަޝްރޫއަށް ފައިސާ ހޯދަން އެދުމުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ފަރާތުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް ކަމަށް ލަންކާ ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް ރަނިލް ވިކްރަމަސިންހަގެ އޮފީހުން ބުނި ގޮތުގައި އައިއެމްއެފްއާ އެކުގައި ކުރެވުނު މަޝްވަރާތަކުން ލިބުނު ނަތީޖާ އާއި ގައުމުގެ އިގްތިސާދުގެ މިހާރު އޮތް ހާލަތު ބަޔާން ކުރައްވައި، ރައީސް ރަނިލް މިއަދު ގާނޫނު ހަދާ މަޖިލީހަށް ބަޔާނެއް ހުށަހަޅުއްވާނެ އެވެ. އޭގެ އިތުރުން ދަރަނިތައް ދެއްކުން ފަސްކުރުމާ ގޮތުން ޗައިނާއާ އެކުގައި ކުރެވުނު މުއާމަލާތްތަކުން ވެސް، ޗައިނާ އިން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކުރުމަށް ޗައިނާ އިން އެއްބަސްވެފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

"ސްރީ ލަންކާ މިހާރު މި އޮތީ، އައިއެމްއެފްގެ ފަރާތުން ވަރަށް އީޖާބީ ޖަވާބެއް ލިބުމާ ދާދި ގާތުގައި. އައިއެމްއެފްގެ ޕްރޮގްރާމް އަހަރެމެންނަށް ވަރަށް މުހިންމު. އެ ޕްރޮގްރާމް ސްރީ ލަންކާ އަށް ހަމަޖެހޭތޯ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މިއަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން،" ސްރީ ލަންކާގެ ޖޫނިއާ ފައިނޭންސް މިނިސްޓަރު ޝޭހާން ސެމަސިންހެ، ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވިދާޅުވި އެވެ.

ސްރީ ލަންކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އައިއެމްއެފުން ލަންކާ އަށް އިތުރު ލޯނެއް ނެގެން އޮތީ، މިހާރު ނަގާފައި ހުރި ލޯނުތައް ދެއްކޭނެ ކަމުގެ ޔަގީންކަމެއް ލިބުމުންނެވެ. އެހެންކަމުން ޗައިނާއާ އެކުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް (އެގްޒިމް) ބޭންކުން މިހާރު ވަނީ އެ ގައުމުން ލަންކާ އަށް ދީފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދޭން ނިންމިކަން، ސިޓީއަކުން އައިއެމްއެފަށް އަންގައިފަ އެވެ.

އެހެންކަމުން އައިއެމްއެފުން ލަންކާ އަށް އިތުރު ލޯނު ދިނުމުގައި، ސްރީ ލަންކާ ސަރުކާރުން މިދިޔަ މަސްތަކުގައި ކުރި މަސައްކަތްތަކަށް ރިއާޔަތްކުރާނެ ކަމަށް ލަންކާ އިން އުންމީދުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ލަންކާގެ މާލީ ހާލަތާ މެދު މި ލިބުނު ޔަގީންކަމާ އެކު، ލަންކާ އިން އެދިފައިވާ ގޮތަށް 2.9 ބިލިއަން ޑޮލަރުގެ ޕްރޮގްރާމް، އައިއެމްއެފުން ވަރަށް އަވަހަށް ހަމަޖައްސައިދޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަސް ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ރަނިލް ވިކްރަމަސިންހަ، ސްރީ ލަންކާގެ ރައީސްކަމުގެ މަގާމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިންތިޚާބުކުރީ މިދިޔަ ޖުލައި 20، 2022ގަ އެވެ. މަގާމުގެ ހުވާ ކުރައްވައި ވެރިކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ޖުލައި 21 ވަނަ ދުވަހު އެވެ.

ލަންކާގެ ރައީސްކަމުގެ މަގާމު ރަނިލް އަށް ލިބިވަޑައިގަތީ، ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އާއި އޭނާގެ ބޭބެ އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން ނުކުމެ ކުރަން ފެށި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބޮޑުވަޒީރުގެ މަގާމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ، މެއި 9، 2022 ގަ އެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ބޮޑުވަޒީރުގެ މަގާމަށް، މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އައްޔަންކުރީ މެއި 11، 2022ގަ އެވެ. އާންމު ރައްޔިތުންގެ މުޒާހަރާތައް ވަރުގަދަވެ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ ހުޅުޖަހަން ފެށުމާއެކު، ރައީސްކަމުގެ މަގާމުން ގޯޓާބޭ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ ޖުލައި 15، 2022ގަ އެވެ.

ގޯޓާބޭ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން، ބޮޑުވަޒީރު ރަނިލްއާ ހަވާލުކުރެއްވުމަށް ފަހު، ޖުލައި 13 ވަނަ ދުވަހު ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތެވެ. އަދި ޖުލައި 14 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެން އެގައުމުގައި ހުންނަވައި މަގާމުން އިސްތިއުފާ ދެއްވިކަން، އީމެއިލެއްގެ ޒަރީއާއިން ލަންކާގެ ޕާލަމެންޓަށް އެންގި އެވެ.