Roadha Mihaaru
ޔޫރަޕްގެ އިރުމަތީ ބިތަށް އާދަޔާ ޚިލާފު ހޫނުކަމެއް

ޔޫރަޕްގެ އިރުމަތީ ބިތަށް އާދަޔާ ޚިލާފު ހޫނުކަމެއް

19 ޖުލައި 2022

ޔޫރަޕްގެ އިރުމަތީ ސަރަހައްދުގެ ބައެއް ގައުމުތަކަށް އާދަޔާ ޚިލާފަށް ހޫނު ގަދަވެ، އާންމުންގެ ފުރާނަ އަށް ނުރައްކާވާ ހިސާބަށް ހާލަތު ގޯސްވެއްޖެ އެވެ.

ޔޫރަޕްގެ އިރުމަތީ ސަރަހައްދުގެ ބައެއް ގައުމުތަކަށް އާދަޔާ ޚިލާފަށް ހޫނު ގަދަވެ، އާންމުންގެ ފުރާނަ އަށް ނުރައްކާވާ ހިސާބަށް ހާލަތު ގޯސްވެއްޖެ އެވެ.

މިހާރު ކުރިމަތިވަމުންދާ ހޫނު ރޯޅިތަކުގެ ސަބަބުން ފަރަންސޭސި ވިލާތާއި ސްޕެއިންގެ ޖަންގަލިތަކުގެ ބޮޑު ބައެއްގައި ވަނީ އަލިފާން ރޯވެ އެތައް ހާސް އޭކަރެއްގެ ބޮޑު ސަރަހައްދަކުން ގަސްތައް އަނދައި އަޅިއަށް ވެފަ އެވެ. މީގެ އިތުރުން ޕޯޗުގަލް އަށް ކުރިމަތިވެފައިވާ ހޫނުކަމުގެ ސަބަބުން ހަނަފަސްކަން އިތުރުވެފައިވާއިރު، އިނގިރޭސި ވިލާތުގައި އިއްޔެ އަކީ ރެކޯޑް މިންވަރަކަށް ހޫނުމިން މައްޗަށް ދިޔަ ދުވަހެކެވެ.

ފަރަންސޭސި ވިލާތުގެ ހުޅަނގުދެކުނު ސަރަހައްދުގައިވާ ގިރޮންޑޭ ކިޔާ ޖަންގަލި ސަރަހައްދުން 27000 އޭކަރުގެ ބޮޑު ބައެއްގައި އަލިފާން ރޯވެފައިވާއިރު، އެ ހިސާބާ ކައިރީގައި ހުރި ގެތަކުގައި ދިރިއުޅޭ 32000 އަށް ވުރެ ގިނަ މީހުން، ގެދޮރު ދޫކޮށް އެހެން ތަންތަނަށް ދިއުމަށް ވަނީ މަޖުބޫރުވެފަ އެވެ. އެ ހިސާބާ ކައިރީގައި އޮންނަ ކަޒައުޒް ކިޔާ އަވަށުގައި، އިއްޔެ ހޫނުމިން ހުރީ 42 ޑިގްރީ ސެލްސިއަސްގައި ކަމަށް އެ ސަރަހައްދުގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.

ފަރަންސޭސި ވިލާތުގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނި ގޮތުގައި، ކަޒައުޒް އަވަށުގައި މީގެ 100 އަހަރު ކުރިން މޫސުމާ ބެހޭ އިދާރާއެއް ގާއިމުކޮށް ފިނި ހޫނިމިނުގެ ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން، އިއްޔެއަކީ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަހެވެ. އޭގެ އިތުރުން ފަރަންސޭސި ވިލާތުގެ ހުޅަނގުގައިވާ ބޮޑެތި ސަހަރުތައް ކަމަށްވާ ނޯތު އާއި ބުޚެސްޓްގައި ވެސް އިއްޔެއަކީ ރެކޯޑް މިންވަރަކަށް ހޫނުމިން މައްޗަށް ދިޔަ ދުވަހެކެވެ.

އެޓްލާންޓިކް ކަނޑުގެ އައްސޭރީގައި އޮންނަ ސަހަރެއް ކަމަށްވާ ފިނިސްތާގެ ޖަންގަލި ސަރަހައްދެއްގައި އިއްޔެ ހެނދުނު ވަނީ އަލިފާން ރޯވެ އަނދަން ފަށައިފަ އެވެ. އަލިފާން ނިއްވާ އިދާރާ އިން ބުނި ގޮތުގައި އެ ޖަންގަލީގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ފުރަތަމަ ލިބުނުތާ އަށް ގަޑިއިރު ފަހުން، 700 އޭކަރުގެ ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު އޮތީ ފެތުރިފަ އެވެ.

ސްޕޭން ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ ކަސްޓީލް އާއި ލިއޯން އަދި ގަލީސިއާގެ ޖަންގަލިތަކުގައި މިދިޔަ އާދީއްތަ ދުވަހު އަލިފާން ރޯވެ މިހާރުވެސް ދަނީ އަނދަމުންނެވެ. މި އަލިފާންގަނޑުގެ ސަބަބުން، ވެރިރަށް މެޑްރިޑާއި ގަލީސިއާއާ ދެމެދު ކުރަމުން އައި ރޭލު ދަތުރުތައް ވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންގައި އިއްޔެ ހޫނުމިން ހުރީ 38.1 ޑިގްރީ ސެލްސިއެސްގަ އެވެ. މިއީ ލަންޑަންގެ ތާރީޚުގައި ހޫނުމިން ތިން ވަނަ އަށް އެންމެ މައްޗަށް ދިޔަ ދުވަހެވެ. މިއަދުގެ ހޫނުމިން 40 ޑިގްރީ އަށް މައްޗަށް ހިނގައިދާނެ ކަމަށް، މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެ އެވެ.

މިހާރު ކުރިމަތިވެފައިވާ ހޫނުކަމުގެ ސަބަބުން، ޔޫރަޕްގެ ގިނަ ކޯރުތަކެއްގެ ފެންގަނޑު ވަރަށް ބޮޑަށް އަޑިވެ، ސާފު ބޯފެން ހޯދުމަށް ވަނީ ބުރޫ އަރައިފަ އެވެ. އަދި މި ހޫނުކަން އިތުރަށް ގޯސްވަމުންދާނެ ކަމަށް ބެލެވޭ އިރު، ކުރިއަށް އޮތް މަސްތަކުގައި ފެނުގެ ދަތިކަން މިހާރަށް ވުރެ ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާ ކުރެ އެވެ.