Roadha Mihaaru
ދެކުނު ޔޫރަޕަށް އާދަޔާ ޚިލާފު ހޫނު ދުވަސްވަރެއް

ދެކުނު ޔޫރަޕަށް އާދަޔާ ޚިލާފު ހޫނު ދުވަސްވަރެއް

13 ޖުލައި 2023

ދެކުނު ޔޫރަޕްގެ ބައެއް ގައުމުތަކަށާއި ހުޅަނގު-އުތުރު އެފްރިކާގެ ބައެއް ގައުމުތަކަށް އާދަޔާ ޚިލާފަށް ހޫނު ގަދަވެ، އެ ސަރަހައްދުތަކުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

ދެކުނު ޔޫރަޕްގެ ބައެއް ގައުމުތަކަށާއި ހުޅަނގު-އުތުރު އެފްރިކާގެ ބައެއް ގައުމުތަކަށް އާދަޔާ ޚިލާފަށް ހޫނު ގަދަވެ، އެ ސަރަހައްދުތަކުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

އެ ސަރަހައްދުގެ މޫސުމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ސަރަހައްދުގެ ހޫނުމިން ހުންނާނީ މަތީގަ އެވެ. އަދި މި ދުވަސްވަރުގެ މޫސުމަށް ބަލާއިރު ހޫނުމިން އެންމެ މައްޗަށް ދާނީ މާދަމާ (ހުކުރު ދުވަހު) ކަމަށް ވެސް އެ އިދާރާތަކުން ބުނެ އެވެ.

ދެކުނު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފަރަންސޭސި ވިލާތާއި ސްޕެއިން އާއި ގްރީކް އަދި ތުރުކީ ވިލާތާއި ކްރޮއޭޝިޔާގެ ހޫނުމިން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް 45 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެ އެވެ. އިޓަލީ ވިލާތުގެ ބައެއް ސަރަހައްދުތަކުގައި 48.8 ޑިގްރީ އަށް ވުރެ މައްޗަށް ހޫނުމިން ދާނެ ކަމަށް ލަފާކޮށް، ފްލޮރެންސާއި ރޯމް ހިމެނޭ ގޮތަށް، 10 ސަހަރެއްގައި މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން، އިޓަލީ ވިލާތުގައި އެތައް ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފައިވާ އިރު، މަގުމަތީގައި މަސައްކަތުގައި އުޅުނު އެކަކު އިއްޔެ ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން ހީޓް ސްޓްރޯކް ޖެހިގެން އެތައް ބަޔަކު ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށް މީޑިއާތަކުން ބުނެ އެވެ.

ޔޫރަޕްގައި މިހާތަނަށް އެންމެ މަތީ ހޫނުމިނެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، 48.8 ޑިގްރީ ސެލްސިއަސް އެވެ. އިޓަލީ ވިލާތުގެ ޖަޒީރާއެއް ކަމަށްވާ ސިސިލީގައި އެ މިންވަރަށް ހޫނުމިން މައްޗަށް ދިޔައީ، އޮގަސްޓް 2021ގަ އެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ވެސް އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން، ޔޫރަޕުގެ އެކި ގައުމުތަކުން 60000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. މި އަހަރުގެ ހޫނު މޫސުމުގެ ކަންތައް މިހާރު ދާ ގޮތަށް ބަލާއިރު، ހޫނުގެ ސަބަބުން މިއަހަރުގެ ތެރޭގައި މަރުވާ މީހުންގެ އަދަދު، މިދިޔަ އަހަރަށް ވުރެ މަތިވެދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފަ އެވެ.

މިހާރު ޔޫރަޕަށް ކުރިމަތިވެފައިވާ ހޫނުރާޅަށް، އިޓަލީގެ މޫސުމާ ބެހޭ އިދާރާ އިން ދީފައިވާ ނަމަކީ ސެބްރަސް (ގްރީކުންގެ ތެރޭގައި މަޝްހޫރު، ތިން ބޯ ލީ ޚިޔާލީ ފުރޭތައެއް) އެވެ. ހޫނުރާޅު (ހީޓްވޭވް) ކިޔައި އުޅެނީ، އެ ދުވަސްވަރެއްގައި އާންމުކޮށް ހުންނަ އެވްރެޖް ހޫނުމިނަށް ވުރެ ހޫނުމިން މައްޗަށް ދާ ހާލަތްތަކަށެވެ.