Roadha Mihaaru
ގޯތި މައްސަލަ: މާލެއާއި ދަފްތަރުގެ މީހުން ކޯޅުމަކަށް!

މާލޭގެ ދަފުތަރުގެ މައްސަލަ އެންމެ ފަހުން ބޮޑު އަރާރުންގަނޑަކަށް

20 ޖުލައި 2022

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި، ސަރުކާރުން މިހާރު ހުޅުވާލާފައިވާ ގޯތި ދިނުމުގެ އުސޫލުތަކާ ބޯހިޔާވެހިކަމުގެ ސިޔާސަތުތަކާ މެދު މާލެ ރަށްވެހިންނާއި އާއި ދަފްތަރުގައި ޖެހިފައި ތިބި މީހުން ދެބަސްވެ އަރައިރުން ވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި، ސަރުކާރުން މިހާރު ހުޅުވާލާފައިވާ ގޯތި ދިނުމުގެ އުސޫލުތަކާ ބޯހިޔާވެހިކަމުގެ ސިޔާސަތުތަކާ މެދު މާލެ ރަށްވެހިންނާއި އާއި ދަފްތަރުގައި ޖެހިފައި ތިބި މީހުން ދެބަސްވެ އަރައިރުން ވެއްޖެ އެވެ.

ލޮނުޒިޔާރަތް ޕާކުގައި ރޭ ބޭއްވި ޖަލްސާގައި އާންމު ރައްޔިތުންގެ ހިޔާލު ފާޅު ކުރުމަށް ފުރުސަތު ހުޅުވައިލުމުން ހައްޖަ ނަމަކަށް ކިޔާ އުމުރުން ދުވަސްވީ އަންހެނަކު ތެދުވެ ބުނީ ސަރުކާރުން ގޯތި ދިނުމުގައި މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުން މަހުރޫމް ނުކުރަން އެދޭ ކަމަށެވެ.

އުމުރުން 10 އަހަރުންސުރެ މާލޭގައި ދިރިއުޅޭ މީހުން އެބަތިބި ކަމަށާއި އެ މީހުންނަށް ނުދީ ގޯތި ބަހަން އުޅޭ އުޅުން ހުއްޓުވައި ދިނުމަށް ކައުންސިލްގެ ފަރާތުން އެދޭ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު މި ދަންނަވަނީ 1400 މީހުންގެ ހައްގުގައި. އަޅުގަނޑު ކޮންމެހެން ގޯތި ބޭނުންވެގެނެއް ނޫން އިނގޭތޯ. އަޅުގަނޑުގެ ހުންނާނެ ލަގްޒަރީ އެޕާޓްމަންޓެއް. ސާދަ ސަތޭކަ މީހުން އަމިއްލައަކަށް ނޫން އެތިބީ ދަފްތަރުގައި ޖެހިގެންނެއް. ބަޔަކު މީހުން އެ މީހުން ޖެއްސީމަ އެ ތިބީ ޖެހިގެން،" އޭނާ ބުންޏެވެ.

އޭނާ އެ ވާހަކަ ދެއްކުމުން އެ ތަނުގައި ތިބި މާލޭގެ ރަށްވެހިން އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅު ކުރަން ފެށި އެވެ.

މާލެ ރަށްވެހިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް ނާޒިމް ތެދުވެ ވިދާޅުވީ ގޯތި ދިނުމުގެ ޝަރުތުތައް މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްފައި ވާތީ އެއީ ރަނގަޅު އިންސާފުވެރި ގޮތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެތައް ހާސް މާލެ ރައްޔިތުން ތިއްބާ އެންމެ 3000 ގޯއްޗަށް ހުޅުވާލާފައި ވަނިކޮށް އަނެއްކާ އޭގެ ތެރެއަށް އިތުރު ބަޔަކު ވައްދާކަށް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅާ އަމިއްލަ އަށް ވެސް ވިދާޅުވެއްޖެ ލަގްޒަރީ އެޕާޓްމަންޓު އެބަހުއްޓޭ. ދެން ކޮން ވާހަކައެއްތޯ މިދައްކަނީ. ރަށުގައި އެބަހުރި ފަޅު ގޯތި އާއިލާ ފަރާތުން ވާރުތަވާ، އެހެންވެ ނުޖެހޭ އެ މީހުންނަށް [މާލެއިން ގޯތި] ދޭކަށް." ނާޒިމް ވިދާޅުވި އެވެ.

މާލޭ މީހުންނާ ބައްދަލުކުރުމަށް ލޮނުޒިޔާރަތް ޕާކުގައި ކައުންސިލުން ބޭއްވި ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭ މީހުންނާ ބައްދަލުކުރުމަށް ލޮނުޒިޔާރަތް ޕާކުގައި ކައުންސިލުން ބޭއްވި ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވި އެހެން މީހަކު ބުނީ ދަފްތަރު ވަގުތުން ވަގުތަށް އުވާލަން މުއިއްޒުގެ ފަރާތުން އެދިވަޑައިގަންނަވާ ކަމަށެވެ. ދަފްތަރާ ހެދި ވަރަށް ދަތިވާ ކަމަށް އޭނާ ބުންޏެވެ.

ދަފްތަރުގައި ޖެހިފައި ހުރި އެހެން އަންހެނަކު ބުނި ގޮތުގައި އޭނާ އުމުރުން ހަތް އަހަރުން ފެށިގެން އުޅެނީ މާލޭގަ އެވެ. އޭގެ ފަހުން މާލެ އަށް އުފަން އަށް ދަރިން ލިބިފައިވާ ކަމަށާއި އެ ދަރިންނަށް ވެސް ދަރިން ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އޭނާގެ އަތުގައި ފްލެޓެއް އަދި ގޯއްޗެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"މާލޭގައި 10 ބުރީ އިމާރާތް ތިބި ފަރާތްތަކަށް [ކުރީގެ ރައީސް] މައުމޫންގެ ދައުރުގައި ލ. އަތޮޅު ގަމުން ގޯތި ދިނީ އެއީ ކޮން ޝަރުތެއް ފުރިހަމަވެގެންތޯ. އެއީ ގަމު ރައްޔިތުންތޯ އަޅުގަނޑަށް ސާފުކޮށްދެއްވާ،" އޭނާ ބުންޏެވެ.

ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާގައި އާންމު މީހަކު ކައުންސިލް މެމްބަރުންނާ ސުވާލުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާގައި އާންމު މީހަކު ކައުންސިލް މެމްބަރުންނާ ސުވާލުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަށް ރައްދު ދެމުން އުމުރުން ދުވަސްވީ އެހެން އަންހެނަކު ބުނީ ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ރަށްރަށުން އެ މީހުންނަށް އަމިއްލަ ގޯތި ލިބިފައިވާ ކަމަށާއި މާލެއިން ފްލެޓާއި ގޯތި ލިބިއްޖެ ނަމަ އެތަންތަން ވެސް ދައުލަތަށް ދޫކޮށްލަން ޖެހޭ ގޮތް ހަދަން ޖެހޭ ކަމަށެވެ.

މާލެ ރައްޔިތެއް ވިޔަސް އަމިއްލަ ރަށުގައި ރެފިއުޖީންނަށް ވެގެން އުޅެން ޖެހިފައިވާ ކަމަށާއި އޭނާގެ ދަރިން އާޓިފިޝަލް ބީޗުގައި ހިލަ ގޮނޑިތަކުގައި ނިދަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ލ. ގަމުން އެއިރެއްގެ މަތިފަޑީގައި ތިބި ބޭފުޅުންނަށް 5000 އިން 6000 އިން 10،000 އަަކަފޫޓުން ގޯތި ދީފައި އެބަތިބި. މާރިޔާ ރީކޯ މޫސަ ރައީސް ނަޝީދު އެހެން ދަންނަވާނެ ކަމެއް ނެތް އިލްޔާސް އިބްރާހިމް. އެއީކީ މާލޭގެ ނިކަމެތި ރައްޔިތުންނެއް ނޫން އިންގޭތޯ،" ވަރަށް އަސަރާއެކު އޭނާ ބުންޏެވެ.

ރަށްރަށުގެ މީހުންނަށް ގޯއްޗަށް ކުރިމަތި ނުލެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާތީ އެކަމަށް ފާޑު ކިޔައި ހިޔާލު ފާޅު ކުރި މީހަކު ވަނީ ސިރާޖުގެ ރަށުގައި އޭނާގެ ގޯއްޗެއް ނެތްތޯ ސުވާލު އުފައްދައިފަ އެވެ.

ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާގައި ކުރީގެ އެލެކްޝަން ކޮމިޝަނަރު ކައުންސިލް މެމްބަރުންނާ ސުވާލުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާގައި ކުރީގެ އެލެކްޝަން ކޮމިޝަނަރު ކައުންސިލް މެމްބަރުންނާ ސުވާލުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މާލެ ރައްޔިތުން މިހާ ބޮޑަށް ފިއްތާލާފައި މި އޮންނަނީ. އެއްވެސް ކޮޅަކުން ނުލިބޭ ރެފިއުޖީން އަޅުގަނޑުމެންނަކީ. އެހެން މީހުން އައިސް ފައިޖައްސާލާ ކޮންމެ ތާކުން ބޯހިޔާވެހިކަން ދޭކަށް ނުޖެހޭނެ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މައިބަފައިންގެ ފަރާތުން ލިބޭ ގޯތި ފަޅިކޮށްގެން ދެ އަކަފޫޓު ލިބުނަސް މިހާރު އޮތް އުސޫލުގެ ދަށުން އެތަން ވެސް ދޫކޮށްލަން ޖެހެ އެވެ. އެހެންކަމުން އެއީ ހިލޭ ދޭ ގޯތި ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

އެ ބައްދަލުވުމުގެ ހޯސްޓް އަދި މާލެ ސިޓީ ކައުންސިލްގެ ސްޕޯކްސްޕާސަން މަރިޔަމް ޝިއުނާ ވަނީ އެއްބޭފުޅެއް އަނެއް ބޭފުޅަކާ ރައްދު ނުދިނުމަށާއި އެހެން ފަރާތްތަކުން ހިޔާލު ފާޅު ކުރަން ފުރުސަތު ދިނުމަށް އެދިފަ އެވެ.

އެ ހިޔާލުތަކާ ގުޅޭ ގޮތުން މުއިއްޒު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ނަމަވެސް ހިޔާލު ފާޅު ކުރަން ފުރުސަތު ހުޅުވައިލުމުގެ ކުރިން މުއިއްޒު ދެއްކެވި ވާހަކާގައި އޭނާ ވަނީ މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި ކިރިޔާ ވެސް ޝަރުތު ހަމަވާ ފަރާތެއް ނަމަ ފޯމުލައި ކުރިމަތިލާން އެދިލައްވައިފަ އެވެ.