Roadha Mihaaru
ފްލެޓް ލިބުނު މީހުން ދަފްތަރުން އުނިކުރަނީ

ފްލެޓާއި ގޯތި ލިބުނު މީހުން މާލޭ ދަފްތަރުން އުނިކުރަނީ

11 ޖުލައި 2021

މާލޭ ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް/ގޯތި ލިބިފައިވާ މީހުން ދަފްތަރުން އުނިކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭ ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް/ގޯތި ލިބިފައިވާ މީހުން ދަފްތަރުން އުނިކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ދަފްތަރުގައި ޖެހިފައިވާ މީހުންގެ ތެރެއިން ފްލެޓް ނުވަތަ ގޯތި ލިބިފައިވާ މީހުންނާއި މައިމުޅަވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މީހުން އެ މައުލޫމާތު ސިޓީ ކައުންސިލަށް ހިއްސާކުރުމަށް ވެސް މުއިއްޒު އެދިވަޑައިގަތެވެ.

މާލެ އަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން މަގު ޗާޓެއް އެކުލަވާލެވެންދެން، ދަފްތަރުގައި މީހުން ޖެއްސުން ވެސް އޮތީ މެދުކަނޑާލައިފަ އެވެ.

ދަފްތަރުގައި ޖެހިފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތާއި އެ މީހުންނަށް ގެދޮރުގެ މައްސަލަ ހައްލުކޮށްދެވޭނެ ގޮތަކާއި އެ މީހުންގެ ތެރެއިން ސަރުކާރުގެ އެކި މަޝްރޫއުތަކުން ގެދޮރު މިހާރު ހަމަޖެހުނީ ކިތައް މީހުންނަށްތޯ ވެސް މަގު ޗާޓެއް ހަދާއިރު ބަލާނެ ކަމަށް ކުރިން މުއިއްޒު ވިދާޅުވި އެވެ.

މާލޭ މީހުން ދަފްތަރުގައި ރަޖިސްޓްރީކޮށްދޭން ފެށީ 1987ގަ އެވެ. އަދި މާލޭގައި އުޅޭތާ ފަސް އަހަރު ވެގެން މާލޭގެ ރަށްވެއްސަކަށް ވާން އެދޭ ރަށްރަށު މީހުންނަށް 1994 ގައި ދަފްތަރުން ފުރުސަތު ދޭން ފެށި އެވެ.

ކައުންސިލްގެ ރިޕޯޓްގައިވާ ގޮތުން ދަފްތަރުގެ މަގްސަދަކީ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެސް އެކި ސަބަބުތަކާ ހުރެ ގެއެއްގައި ރަޖިސްޓްރީ ނުވެވޭ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ ގޮތް ދަފްތަރުން ހަމަޖައްސައިދިނުމެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރުމުގެ ގޮތުން މާލޭގައި ދިރިއުޅޭ މީހުންނަށް ވެސް ރަޖިސްޓްރީ ވާނެ ފުރުސަތު ހޯދައިދިނުމެވެ.

ދަފްތަރުގައި މިހާތަނަށް ޖެހުނު މާލޭ ރައްޔިތުންގެ އަދަދަކީ 3،000 އެވެ. އެއަށް ވުރެ ރަށްރަށުގެ މީހުންގެ ނިސްބަތް އިތުރެވެ. ދަފްތަރާއި ގޭގޭގައި ރަޖިސްޓްރީވުން ހިމެނޭ ގޮތަށް ވޭތުވެދިޔަ 26 އަހަރު ތެރޭ ރަށްރަށުގެ 15،000 އަށް ވުރެ ގިނަ މީހުން މާލޭގެ ރަށްވެހިކަން ހޯދާފައިވާ ކަމަށް ކައުންސިލްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.