Roadha Mihaaru
"އީސީސީ ހޮސްޕިޓަލަކަށް ހެދުމަކީ އެތަން ހަލާކު ކުރުން"

އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ އެތަން ހަލާކު ކުރުން: ނަޝީދު

02 ޖެނުއަރީ 2017

އައްޑޫ ހިތަދޫގައި އެމްޑީޕީގެ ސަރުކާރުން ހެދި އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެތަން ހަލާކު ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި އެވެ.

އައްޑޫ ހިތަދޫގައި އެމްޑީޕީގެ ސަރުކާރުން ހެދި އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެތަން ހަލާކު ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި އެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސީސީ ބިނާކުރީ ވަކި ބާވަތެއްގެ އިގްތިސާދީ ހަރަކާތަކުން އައްޑޫ އަށް ތަރައްގީ ގެންނަން ކަމަށެވެ. އަދި އެކަން ނުކޮށް އީސީސީ، ހޮސްޕިޓަލަކަށް ބަދަލު ކުރުމަކީ އެތަން ހަލާކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އީސީސީގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް 161.8 މިލިއަން ރުފިޔާ އަށް އެލިއާ ކޮންސްޓްރަކްޝަނާ ނޮވެމްބަރު 14، 2016 ގައި ހަވާލުކޮށްފައިވާއިރު، އެތަނުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އައްޑޫގައި 2011 ވަނަ އަހަރުގެ ސާކް ސަމިޓް ބޭއްވުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހެދި ބޮޑު ކޮންވެންޝަން ސެންޓަރު، އެ ސަމިޓްގެ ފަހުން ބައެއް ޖަލްސާތައް ބޭއްވުމަށް ބޭނުންކުރި އެވެ. އަދި އެތަނުގެ މަރާމާތަށް މަސައްކަތެއް ނުކޮށް އޮތުމުން އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލާއި ބައެއް އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ ކަންބޮޑުވުންތައް ހުރި ނަމަވެސް، އީސީސީ، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަގްސަދާއި ފައިދާ އަށް ބެލުން މުހިންމު ކަމަށެވެ. އެގޮތުން، ސަރުކާރުގެ ނިންމުމުގެ ސަބަބުން، ބޭނުމެއް ނުކުރެވި، ބޭކާރު ގޮތެއްގައި ހުރި ކޮންވެންޝަން ސެންޓަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. "ކުރީގައި ނަޝީދު ސަރުކާރުން ކޮށްފައިވާ ވަރަށް ބޭކާރު ހަރަދެއް އަދި އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް އަމަލެއް ވެސް ހިމެނޭ ކަމެއް ކަމަށް އޭރުގައި ހެދިފައިވާ އޮޑިޓް ރިޕޯޓުތަކުން ވެސް ފެންނަ ތަނެއް. އެހެންވީމަ، ތަނުގެ ބޭނުން ނުހިފި، ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ހުރި ތަނެއް. އެ ތަން ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ވެސް އައްޑޫ ސިޓީގެ ރައްޔިތުންގެ ހައްގުގައި ވެސް ކުރަންޖެހޭނެ ކަމެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.