Roadha Mihaaru
އައްޑޫ ރައްޔިތުންނަށް އޮތީ ދަރާފައި: ނަޝީދު

އައްޑޫ ރައްޔިތުންނަށް އޮތީ ދަރާފައި، އިސްކަން ދޭނީ ތަރައްގީއަށް: ނަޝީދު

06 ނޮވެމްބަރ 2018

އައްޑޫގެ ރައްޔިތުންނަށް އެންމެން ވެސް ވަނީ ދަރާފައި ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން އެންމެ ބޮޑަށް މަސައްކަތް ކުރާނީ އެ ސިޓީ ތަރައްގީ ކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން ސ. ފޭދޫން މުހައްމަދު ޔާމީން

އައްޑޫގެ ރައްޔިތުންނަށް އެންމެން ވެސް ވަނީ ދަރާފައި ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން އެންމެ ބޮޑަށް މަސައްކަތް ކުރާނީ އެ ސިޓީ ތަރައްގީ ކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ތިން އަހަރު ދުވަސް ވަންދެން އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެން މާލެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އައްޑު އަށް ވަޑައިގެން ނަޝީދު ވިދާޅުވީ އައްޑޫ ތަރައްގީ ކުރުމަކީ ރާއްޖެއަށް މިއަދު މަޖުބޫރު ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، މާލެ އަށް ލުޔެއް ލިބެން އޮތީ އައްޑޫ ތަރައްގީ ކޮށްގެންނެވެ.

ނަޝީދު މިއަދު އައްޑުއަށް ވަޑައިގެން މީހަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

ނަޝީދު މިއަދު އައްޑުއަށް ވަޑައިގެން މީހަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

"އައްޑޫ ތަރައްގީ ކުރުމަކީ ރާއްޖެއަށް މަޖުބޫރު ކަމެއް. [އައްޑޫ ތަރައްގީ ކުރުމަކީ] އަޅުގަނޑުމެން އެންމެން، އައްޑޫގެ ރައްޔިތުންނަށް ދަރާފައި އޮތް ބޮޑު ދަރަންޏެއް. އެ ދަރަނި އަދާކުރުމަށް އަނެއްކާވެސް އެމްޑީޕީގެ ރައީސެއް، އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރު ވެފައި،" ނަޝީދަށާއި އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ އައްޑޫގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މި މަހުގެ 17 ވަނަ ދުވަހު އުފެދޭ، އިބޫގެ ސަރުކާރުގައި އައްޑޫގެ ތަރައްގީއަށް އިސްކަން ދެއްވާނެ ކަމާ މެދު އެމަނިކުފާނުގެ ޝައްކެތް ނެތެވެ. ނަޝީދު ވަނީ އައްޑު އަށް ބޭނުންވާ ބައެއް ކަންކަން ތަފްސީލްކޮށް ވެސް ދެއްވައިފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ބަނދަރު އިތުރަށް ތަރައްގީވާން ޖެހެ އެވެ. އައްޑޫގައި ޓޫރިޒަމްގެ ވިޔަފާރި ފުޅާވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ވިޔަފާރީގެ މަޝްރޫއުތަކުން އާމްދަނީ އާއި ހިތްހަމަޖެހުން ހޯދައި ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އައްޑު އަށް އަސާސީ ހިދުމަތްތައް ލިބެން ޖެހޭ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އާ ސަރުކާރު އައުމާ އެކު، މި ލިބެނީ އެ ކަންކަން ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް ނިންމަން ފުރުސަތެއް ކަމަށެވެ.

ނަޝީދު މިއަދު އައްޑުއަށް ވަޑައިގެން، ކުޑަކުއްޖަކާއެކު ސެލްފީއެއް ނަންގަވަނީ. --- ފޮޓޯ: އެމްޑީޕީ

ނަޝީދު މިއަދު އައްޑުއަށް ވަޑައިގެން، ކުޑަކުއްޖަކާއެކު ސެލްފީއެއް ނަންގަވަނީ. --- ފޮޓޯ: އެމްޑީޕީ

ނަޝީދު ވިދާޅުވީ، އައްޑޫގައި އުޅޭ މީހުންނަކީ ރާއްޖޭގެ މަސްލަހަތާ ހަމައެކަނި ގުޅިފައިވާ ބައެއް ނޫން ކަމަށާއި އެއާ އެކު އިންޑިއާގެ މަސްލަހަތާ ވެސް މާބޮޑަށް ގުޅިފައިވާ ބައެއް ކަމަށެވެ.

އަދި އެމަނިކުފާނު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާ އާއި މަގުތަކާއި ގޯތިގެދޮރާއި ސިއްހީ ހިދުމަތާއި ތައުލީމާއި ދަތުރުފަތުރަކީ ރައްޔިތުންގެ ހައްގެކެވެ.

ނަޝީދުގެ ވިސްނުންފުޅު: 100 އެނދުގެ ހޮސްޕިޓަލް ނިންމުން

ނަޝީދު ނުވަތަ އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގައި އައްޑޫގައި ހެދި އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަކީ އެކިއެކި ބައްދަލުވުންތައް ބޭއްވުމުގެ ބޭނުމުގައި ހެދި ތަނެކެވެ. ނަމަވެސް، ނަޝީދު މިއަދު ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ވަނީ އީސީސީ ހަލާކު ކޮށްލައްވައިފަ އެވެ.

އީސީސީ، ހޮސްޕިޓަލަކަށް ހެދުމުގެ ބަދަލުގައި ރައީސް ޔާމީންގެ ސަރުކާރުން އެ ތަން ރޫޅާލާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އީސީސީ ހުރި ބިމުގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް މި ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އައްޑޫ އާ ހޮސްޕިޓަލްގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނުން ކުރާއިރު، ކުންފުންޏަށް 161.8 މިލިއަން ރުފިޔާ ސަރުކާރުން އޮތީ ދީފަ އެވެ.

މިއީ، ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ހިންގާ މަޝްރޫއެކެވެ. ރައީސް ޔާމީންގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އައްޑޫ އާ ހޮސްޕިޓަލް ވެގެން ދާނީ މާލޭން ވެސް ނުލިބޭ ސިއްހީ ގިނަ ހިދުމަތްތަކެއް ލިބޭ ތަނަކަށެވެ.

ނަޝީދު މިއަދު އައްޑޫގައި. އެމަނިކުފާނަށް ހޫނު މަރުހަބާއެއް އައްޑޫ ރައްޔިތުން ދެންނެވި. --- ފޮޓޯ: އެމްޑީޕީ

ނަޝީދު މިއަދު އައްޑޫގައި. އެމަނިކުފާނަށް ހޫނު މަރުހަބާއެއް އައްޑޫ ރައްޔިތުން ދެންނެވި. --- ފޮޓޯ: އެމްޑީޕީ

ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ފެއްޓެވި މަސައްކަތްޕުޅު އަލުން ބަދަލު ކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. އަދި އީސީސީ، ހޮސްޕިޓަލް ނޫން ތަނަކަށް ހަދަން ނުފެންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ މިހާރު އޮތް މަޝްރޫއު ބާރަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރުން. އަލުން އަނބުރާ މިހާރު ކުރި ހަރަދު އުކާލައި ބޭކާރު ކުރުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން އެކަކަށް ވެސް ފައިދާވާނެ ކަމެއް ނޫން،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކޮންވެންޝަން ސެންޓަރެއް ބޭނުން ނަމަ، އާ ސެންޓަރެއް އަޅާނެ އެވެ. ރައީސް ޔާމީނަށް އީސީސީ މުޅިން އެއްކޮށް ހަލާކުކޮށްލެވިފައި ނުވަނީ އެތަން ހަދާފައި ހުރި ވަރުގަދަވުމުގެ ސަބަބުން ކަމަށް ވެސް ހިނިފުޅުވަޑުވަމުން ނަޝީދު ވިދާޅުވި އެވެ.

ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، އައްޑު އަށް އިތުރު ހޮސްޕިޓަލްތަކެއް އަންނަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މަތީ ތައުލީމާއި ކުޅިވަރުގެ ވަސީލަތްތައް އުފައްދައި، ޒުވާނުންނަށް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގޭނެ ގޮތް އޮންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.