Roadha Mihaaru
ހޮސްޕިޓަލަކަށް ބަދަލުކުރާ އީސީސީގެ ފުރާޅު ބަދަލުކުރަނީ

ހޮސްޕިޓަލަކަށް ބަދަލުކުރާ އީސީސީގެ ފުރާޅު ބަދަލުކުރަން ބަޔަކު ހޯދަނީ

04 ޖުލައި 2019

ހޮސްޕިޓަލަކަށް ބަދަލުކޮށް، ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ފުރާޅު ބަދަލުކުރަން ނިންމައި، އެ މަސައްކަތް ކޮށް ދޭނެ ބަޔަލު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮސްޕިޓަލަކަށް ބަދަލުކޮށް، ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ފުރާޅު ބަދަލުކުރަން ނިންމައި، އެ މަސައްކަތް ކޮށް ދޭނެ ބަޔަލު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރާ އިމާރާތުގެ ފުރާޅުގެ ޓިނު ބަދަލު ކުރުމުގެ އިތުރުން އެޑްމިނިސްޓްރޭޓިވް އިމާރާތާއި މައި އިމާރާތުގެ ދެމެދުގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ވެސް ކުރަން ބޭނުންވާ ކަމަށެވެ.

އެހެންވެ އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްކުން ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ.

ބީލަމުގައި ބައިވެރިވާން 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ވެސް ދައްކަން ޖެހެ އެވެ. އެއީ ފަހުން އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ. ފައިސާ ބަލައިގަންނާނީ މި މަހުގެ 29 ގެ ނިޔަލަށެވެ.

އީސީސީގެ ބަދަލުކުރާ ފުރާޅަކީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން 2017 ގައި ފެށި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކޮށްފައިވާ ތަނެކެވެ. އެނގިފައިވާ ގޮތުގައި، ފުރާޅު ބަދަލުކުރަނީ ފެން ލީކުވުމުގެ މައްސަލަ ދިމާވާތީ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އީސީސީ ހޮސްޕިޓަލަކަށް ބަދަލުކޮށް، ތަނަށް ބޭނުންވާ އިކްއިޕްމަންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ އިރު، އަންނަ މަހުގެ ތެރޭގައި އެތަން ހުޅުވައި ހިދުމަތް ދޭން ފެށޭނެ ލަފާކޮށްފައިވެ އެވެ.