Roadha Mihaaru
މަންކީޕޮކްސްގެ "އެންމެން" އެއްޖިންސުން ގުޅުން ހިންގާ

މަންކީޕޮކްސް ޖެހުނު 98 ޕަސެންޓަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން

24 ޖުލައި 2022

ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގައި މިހާރު އޮތް މަންކީޕޮކްސް މި ފަހުން ޖެހުނު މީހުންގެ ތެރެއިން 98 ޕަސެންޓް މީހުންނަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަމަށް އެކަމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގެ ކުރި ފުރަތަމަ ދިރާސާ އިން ހާމަވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގައި މިހާރު އޮތް މަންކީޕޮކްސް މި ފަހުން ޖެހުނު މީހުންގެ ތެރެއިން 98 ޕަސެންޓް މީހުންނަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަމަށް އެކަމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގެ ކުރި ފުރަތަމަ ދިރާސާ އިން ހާމަވެއްޖެ އެވެ.

އެކި ގައުމުތަކުން ފެނިފައިވާ މަންކީޕޮކްސްގެ ކޭސްތަކާ ބެހޭ ގޮތުން ދިރާސާކޮށް ފުރަތަމަ ފަހަރަށް ޕިއަ-ރިވިއުކުރި ދިރާސާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފަ އެވެ.

އެޕިޑެމިއޮލޮޖިސްޓުން ގަބޫލުކުރައްވާ ގޮތުގައި މި ފަހަރު މަންކީޕޮކްސް ފެތުރެން ފެށީ މިދިޔަ ސްޕްރިންގް ތެރޭ ޔޫރަޕްގައި ބޭއްވި އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ އެއްވުމަކަށް ފަހުގަ އެވެ. އޭގެ ފަހުން އެކި ގައުމުތަކުން އެ ބަލީގެ 16،000 އަށް ވުރެ ގިނަ ކޭސް ވަނީ ފެނިފަ އެވެ.

އެ ބަލި ހަލުވިކަމާ އެކު ފެތުރި، އެކި ގައުމުތަކުން ފެންނަމުން ދާއިރު، ބަލި ފެތުރުމުގައި ހުރި އެއްގޮތް ކަންތައްތައް ވަނީ ސާފުކޮށް އެނގެން ފަށައިފަ އެވެ.

"އެއްކުރި މައުލޫމާތުން ކަނޑައެޅިގެން ސާފުކޮށް ފެންނަ ހެއްކަކީ މަންކީޕޮކްސްގެ ގާތްގަނޑަކަށް ހުރިހާ ކޭސްތަކަކީ ނުވަތަ ބަލި ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭގައިކަން،" ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބްރައުން ޔުނިވަސިޓީގެ އެޕިޑެމިއޮލޮޖިސްޓް ޖެނިފާ ނޫޒޯ ވިދާޅުވި އެވެ.

"އަދި ކްލިނިކަލް ގޮތުން ބަލާއިރު ބެލެވެނީ މި ބަލި އާންމުވަމުން ދަނީ ޖިންސީ ގުޅުމުގެ ތެރެއިން ކަމަށް. ހަމައެކަނި ގައިގޯޅިކަމުގެ ސަބަބުން ނޫންކަން."

އޭނާ ވިދާޅުވީ އެކި ގައުމުތަކުން މައުލޫމާތު އެއްކޮށްގެން ހެދި އެ ދިރާސާ އަކީ މަންކީޕޮކްސް އާންމުވެފައި ނުވާ ތަންތަނުގައި އެ ބަލި ފެތުރެމުންދާ ގޮތް މިހާތަނަށް އެންމެ ފުރިހަމައަށް ދެނެގަތް ދިރާސާ ކަމަށެވެ.

އެ ދިރާސާ އަށް އޭޕްރީލް 27 އާއި ޖޫން 24 އާ ދެމެދު ފެނުނު 528 ކޭހެއްގެ މައުލޫމާތު އެއްކުރި އެވެ. އޭގެ ތެރޭގައި 16 ގައުމެއްގެ 43 ސަރަހައްދެއްގެ ކޭސްތައް ހިމެނެ އެވެ. އެ ކޭސްތައް އުޅެނީ ފިރިހެނުންގެ ތެރޭގަ އެވެ. ބަލި ޖެހުނު މީހުންގެ 98 ޕަސެންޓަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންނެވެ. އެކަކީ ޓްރާންސްޖެންޑާ ފިރިހެނެއް ކަމަށް ބުނެފައިވާ މީހެކެވެ. އޭގެ ތެރެއިން ބައެއް ފިރިހެނުންނަކީ އަންހެނުންނާ އެކު ވެސް ގުޅުން ހިންގާ މީހުންނެވެ.

މަންކީޕޮކްސް ޖެހިފައިވާ މީހެއް

މަންކީޕޮކްސް ޖެހިފައިވާ މީހެއް

އެ ދިރާސާ، މަންކީޕޮކްސް ފެނުނު އެހެން ގައުމުތަކުން ފެންނަ ކަންކަމާ ދިމާވެ އެވެ. ބްރިޓިޝް ހެލްތު ސެކިއުރިޓީ އެޖެންސީން ހެދި ދިރާސާއަކުން ވެސް ދައްކަނީ މަންކީޕޮކްސްގެ 699 ކޭހުގެ ތެރެއިން 97 ޕަސެންޓަކީ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނި ފިރިހެނުން ކަމަށެވެ. އެމެރިކާގައި އެ ބަލި އެންމެ ބޮޑަށް ފެތުރޭ ނިއު ޔޯކުން 639 ކޭސް ފެނިފައި ވާއިރު މި މަހުގެ 19 އާ ހިސާބަށް އެއްކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އޭގެ ތެރޭގައި ހިމެނެނީ އެންމެ އަންހެނެކެވެ.

ޔޫރަޕިއަން ސެންޓ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލުން ބުނީ، އެކި މީހުންނާ އެކު ޖިންސީ ގުޅުން ނުހިންގާ މީހުންނަށް އެ ބަލީގެ ނުރައްކާ އޮތީ ވަރަށް ކުޑަކޮށް ކަމަށެވެ.

އާ ދިރާސާއިން އެނގުނު ގޮތުގައި މަންކީޕޮކްސް ޖެހިފައިވާ މީހުންގެ މީޑިއަން އުމުރަކީ 38 އަހަރެވެ. މީގެ ތެރޭ އުމުރުން 18 އަހަރާއި 68 އަހަރާ ދެމެދުގެ މީހުން ހިމެނެ އެވެ. އަދި އޭގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބަޔަކީ ދޮން މީހުންނެވެ. އަދި 41 ޕަސެންޓަކީ އެޗްއައިވީ ޖެހިފައިވާ މީހުންނެވެ.

އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ނޫނަސް، ގައިންގަޔަށް އަރާ އެހެން ބަލިތައް ޖެހޭ އާންމު ގޮތްތަކުން ވެސް އެ ބަލި ޖެހިދާނެ ކަމުގެ އިންޒާރު، ސިއްހީ އިދާރާތަކުން ދެ އެވެ. ސީޑީސީގެ މައުލޫމާތުން ދައްކަނީ 528 ކޭހުގެ ތެރެއިން އެގޮތަށް ބަލި ޖެހުނު މީހުންގެ ނިސްބަތަކީ 0.6 ޕަސެންޓް ކަމަށެވެ. އަދި ޖިންސީ ގުޅުން ނޫން އެހެން ގޮތްގޮތުން ބަލި ޖެހުނު ކަމަށް ދައްކާ ނިސްބަތަކީ 0.8 ޕަސެންޓެވެ.

އެފްރިކާ ނޫން ސަރަހައްދަކުން މި ފަހަރު އެ ބަލީގައި އަދި މީހަކު މަރުވެފައި ނުވިޔަސް އަދި ގިނަ މީހުންނަށް ބަލީގައި ބޮޑުވަރު ނުވިޔަސް ދިރާސާގައި ބުނީ، ބަލީގެ ވޭން ބޮޑުވާ މީހުންނަކީ ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ މީހުންކަން ފާހަގަވާ ކަމަށެވެ.

"ފުރަގަސްފަރާތުގައި އަޅާ ވޭން، ފާހާނާކުރާ ކޮންމެ ފަހަރަކު ބޮޑުވުމާއި ކުޑަކަމުދާއިރު ޖިންސީ ގުނަވަނަށް ތަދުވުމާއި ކަރުގައި ރިއްސުމަކީ މަންކީޕޮކްސް ޖެހޭ މީހުން ފަރުވާ ހޯދަން އަންނަ ކަންކަން،" ކޮލަމްބިއާ ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮފް މެޑިސިންގައި މަސައްކަތްކުރައްވާ ގައިންގަޔަށް އަރާ ބަލިތަކުގެ ތަޖުރިބާކާރު ޑރ. ޖޭސަން ޒަކާ އެންބީސީ ނިއުސް އަށް ވިދާޅުވި އެވެ.

މަންކީޕޮކްސް އަކީ މިހާރު ދުނިޔެ އަށް ކުރިމަތިވެފައިވާ ހެލްތު އިމަޖެންސީއެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައި، ނުރައްކަލުގެ އެންމެ މަތީ އެލާޓް އިއްޔެ ވަނީ ނެރެފަ އެވެ. ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި އަލަށް މަންކީޕޮކްސް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.