Roadha Mihaaru
ރާއްޖޭގައި ހެޕަޓައިޓިސްބީ ކޮންޓްރޯލް ކަމަށް ނިންމައިފި

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފި

17 ޖެނުއަރީ 2024

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ގައުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ރާއްޖެ ބަލައިގަތީ ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުން އިތުރުވެފައިވާތީ، ހެދި ސާވޭއަކާ ގުޅިގެން ކަމަށެވެ.

ސްކޫލްތަކުގައި ކިޔަވާ އުމުރުން ހަ އަހަރާއި ހަތް އަހަރުގެ ކުދިންގެ ޓެސްޓު އެ ސާވޭގައި ކުރިއިރު އެއްވެސް ކުއްޖެއްގެ ގައިން އިންފެކްޝަން ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މާބަނޑު އަންހެނުން ހެޕަޓައިޓިސް ބީ އަށް ސްކްރީން ކުރުމާއި އެ ބައްޔަށް ޕޮޒިޓިވް ވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމާއި ޕޮޒިޓިވް ވެފައިވާ އަންހެނުން ވިހާ ކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ފިޔަވަޅުތައް އަޅަމުން އަންނަ އެ ސާވޭ އިން އެނގުނު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ ކަންކަމުގެ ސަބަބުން ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ އެވެ.

ހެޕަޓައިޓިސް އަކީ ފުރަމޭ އަށް ޖެހޭ ބައްޔެކެވެ. އެ ބަލީގެ މައިގަނޑު ފަސް ބާވަތެއް ހުރި ނަމަވެސް އެންމެ އާންމުކޮށް ފެންނަނީ ހެޕަޓައިޓިސް ބީ އާއި ސީ އެވެ.

މިއީ މައިމީހާ ގާތުން ތުއްތު ކުއްޖާ އަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހިފައި ހުރި މީހަކު ބޭނުންކޮށްފައި ހުރި ސިރިންޖު ފަދަ ތަކެތި ބޭނުން ކުރުމުންނާއި ހުރަސް ބޭނުންނުކޮށް ބަލި ޖެހިފައި ހުންނަ މީހުންނާ އެކު ޖިންސީ ގުޅުން ހިންގުމުން ވެސް އެ ބަލި ފެތުރެ އެވެ.