Roadha Mihaaru
އެމްޕޮކްސް: ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ

އެމްޕޮކްސްގެ ނުރައްކާ މުޅި ދުނިޔެ އަށް އޮތްކަން އިއުލާން ކުރުމުން ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ

15 އޯގަސްޓް 2024

އެފްރިކާ ސަރަހައްދުގައި މިހާރު އާންމުވެފައިވާ އެމްޕޮކްސް (މަންކީ ޕޮކްސް) އަކީ މިހާރު މުޅި ދުނިޔަށް ނުރައްކާވެދާނެ ހާލަތެއްގައި އޮތް ބައްޔެއް ކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާނު ކުރުމާ އެކު، ރާއްޖޭގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެޗްޕީއޭ އިން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެފްރިކާ ސަރަހައްދުގައި މިހާރު އާންމުވެފައިވާ އެމްޕޮކްސް (މަންކީ ޕޮކްސް) އަކީ މިހާރު މުޅި ދުނިޔަށް ނުރައްކާވެދާނެ ހާލަތެއްގައި އޮތް ބައްޔެއް ކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާނު ކުރުމާ އެކު، ރާއްޖޭގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެޗްޕީއޭ އިން ފަށައިފި އެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރޭސަސް ވިދާޅުވީ، އެ ޖަމާއަތުގެ އިމަޖެންސީ ކޮމިޓީ ބައްދަލުކުރުމަށް ފަހު، އެ ބަލީގެ ހާލަތު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހިސާބުގައި ކަމަށް ފެންނަ ކަމަށް ކަނޑައަޅައި އެގޮތަށް ލަފާ ދީފައި ކަމަށެވެ.

"މި ލަފާ އަޅުގަނޑު ބަލައިގެންފިން،" އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، އެ ބައްޔާ ގުޅޭގޮތުން އެ އިދާރާ އިން ރިސްކް އެސެސްމަންޓެއް ހަދަމުން އަންނައިރު، އާންމު ސިއްހަތަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ އިރުޝާދު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއިން މިހާތަނަށް އެ ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވި ނަމަވެސް އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ އިތުރު ތަފްސީލު މިއަދު ހާމަކުރާނެ ކަމަށެވެ.

މަންކީ ޕޮކްސް ޖެހިފައިވާ މީހެއްގެ ގައިން ސާމްޕަލް ނަގަނީ.--

މަންކީ ޕޮކްސް ޖެހިފައިވާ މީހެއްގެ ގައިން ސާމްޕަލް ނަގަނީ.--

އެމްޕޮކްސް

ކުރިން މަންކީޕޮކްސްގެ ނަން ދީފައިވާ މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލް ވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރަ އެވެ. އެކަމަކު އެއީ އެކަކު އަނެކަކު ގައިގައި ޖެހި، ވަރަށް ގައިގޯޅިކޮށް އުޅުމުން ނޫނީ އާންމުކޮށް ދިމާވާ ކަމެއް ނޫނެވެ.

އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މި ބަލި ޖެހުމުން ހުން އައިސް ގައިގައި ރިއްސައި ދޮސް ލާފައި ހުންނަ މުލިހިތަކެއް ފާޑު ބިހިތަކެއް ގައިގައި ނަގަ އެވެ.

މި ވައިރަހުގެ ދެ ބާވަތެއް ފާހަގަވެފައި ވެ އެވެ. އެއީ މެދުތެރޭ އެފްރިކާގެ ކޮންގޯ ސަރަހައްދުގައި އާންމުވެފައިވާ ކްލޭޑް 1 އާއި ހުޅަނގު އެފްރިކާ ސަރަހައްދުގައި އާންމު ކްލޭޑް 2 އެވެ. މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑީ ކްލޭޑް 1 ގަ އެވެ.

މެއި 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑް އެވެ. އެފަހަރު މިއީ ދުނިޔެއަށް ސިއްހީ ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ.

ޖުލައި 2022 އިން ފެށިގެން މެއި 2023 އަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އުވާލީ ބަލީގެ ކޭސްތައް މަދުވުމުންނެވެ. އެކަމަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން 11،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށާއި 445 މީހަކު މި ބަލީގައި މަރުވެފައިވާ ކަމަށް ޓެޑްރޮސް ވަނީ މިދިޔަ މަހު 11 ގައި ވިދާޅުވެފަ އެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ 524 މީހުން މަރުވެފައިވެ އެވެ.