Roadha Mihaaru
ލޮރެންޒޯ ބަލިކޮށް މަހިބަދޫ ފުރަތަމަ މޮޅު ހޯދައިފި

ދެ ވަނަ ޑިވިޝަން: ފަހު ވަގުތު ލޮރެންޒޯ ބަލިކޮށް މަހިބަދޫން ފުރަތަމަ މޮޅު ހޯދައިފި

24 ޖުލައި 2022

ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މަހިބަދޫ އިން ފަހަތުން އަރައި ލޮރެންޒޯ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މަހިބަދޫ އިން ފަހަތުން އަރައި ލޮރެންޒޯ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު ގުރޫޕް ބީ ގެ މެޗުގެ 23 ވަނަ މިނިޓުގައި ލޮރެންޒޯ ސްޕޯޓްސް އަށް ލީޑު ނަގައިދިނީ ނަސޫހު ސައީދެވެ. ނަސޫހުގެ ލަނޑުން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލިޔަސް، މަހިބަދޫ އިން ޖެހި ދެ ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ.

މަހިބަދޫ އިން އެއްވަރުކުރި ލަނޑު 58 ވަނަ މިނިޓުގައި ޖަހައިދިނީ އިސްމާއިލް ނަސީރެވެ. އަދި މެޗުގެ އެންމެ ފަހު މިނިޓުގައި ލޮރެންޒޯ ސްޕޯޓްސްގެ އަހުމަދު ޔާޒީ ނާޒިމް ކުރި ކުށަކަށް، މަހިބަދޫ އަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދީ، މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދިނީ އިބްރާހިމް ޝާތިރެވެ.

މިއީ މަހިބަދޫ އިން މިއަހަރުގެ މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ހަތް ޓީމު ހިމެނޭ މި ގުރޫޕުގައި މަހިބަދޫ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ތަފާތު ބޮޑުކޮށް ކްލަބް ޓީނޭޖް އަތުން ބަލި ވެފަ އެވެ. އަދި މި ނަތީޖާ އާއެކު ދެވަނަ ޑިވިޝަނުގައި އަލަށް ވާދަކުރާ ލޮރެންޒޯ ސްޕޯޓްސް ވަނީ ކުޅުނު ތިން މެޗުން ވެސް ބަލި ވެފަ އެވެ.

ލޮރެންޒޯ ސްޕޯޓްސްއާ ދެކޮޅަށް މަހިބަދޫ އިން ނެރުނު ފުރަތަމަ 11.-- ފޮޓޯ: އެފްއޭއެމް

ލޮރެންޒޯ ސްޕޯޓްސްއާ ދެކޮޅަށް މަހިބަދޫ އިން ނެރުނު ފުރަތަމަ 11.-- ފޮޓޯ: އެފްއޭއެމް

މަހިބަދޫ ސްޕޯޓްސް އަކީ 2013 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތް ކާމިޔާބު ކޮށްގެން، އެއަހަރުގެ ޕްރޮމޯޝަން ޕްލޭއޮފްގައި އެއްވަނަ ހޯދައިގެން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ޓީމެކެވެ. އެފަހަރުގެ ޕްލޭއޮފްގައި، މިހާރުގެ ނިއު ރޭޑިއަންޓުގެ ކޯޗު ސޮބާހު މުހައްމަދުގެ ކެޕްޓަން ކަމުގައި ކުޅުނު ވިކްޓަރީ ސްޕޯޓްސް އިން ވަނީ ޕްލޭއޮފް ފަހު މެޗުގައި އޭރުގެ މަޝްހޫރު ވީބީ އައްޑޫ އެފްސީ ބަލިކޮށް ދެވަނަ ހޯދައި، ދެވަނަ ޑިވިޝަނަށް ރެލިގޭޓް ނުވެ ސަލާމަތް ވެފަ އެވެ.

މަހިބަދޫ އިން ޕްލޭއޮފުގެ ފުރަތަމަ މެޗުގައި އެ އަހަރު ވީބީއާ އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި ވިކްޓަރީ ބަލިކުރި އެވެ. އަދި ދެވަނަ ޑިވިޝަން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިކުރި ސްޕޯޓްސް ކްލަބް މެކާނޯއާ ދެކޮޅަށް ފަހު މެޗުގައި ވަނީ އެޓީމުކޮޅަށް 10 ލަނޑު ޖަހައިފަ އެވެ. މަހިބަދޫ އާއެކު ވިކްޓަރީ އާއި ނިއު ވެސް ދެވަނަ ޑިވިޝަނުގައި މިއަހަރު ވާދަކުރަނީ އެއް ގުރޫޕެއްގަ އެވެ.

މަހިބަދޫ އަލުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ސީޒަނުގައި، 2015 ގައި، ލީގު ފުލަށް ގޮސްގެންނެވެ. ޖެހިގެން އައި ސީޒަނުގައި އަލުން އެއްވަނަ ޑިވިޝަނަށް އަރަން އެޓީމު ކުރި މަސައްކަތަށް ހުރަސް އެޅީ، ސެމީ ފައިނަލް މެޗުގައި އެފަހަރުގެ ދެވަނަ ޑިވިޝަން ހޯދި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ނަމަވެސް ދެން މުބާރާތް ބޭއްވި ތިން ފަހަރު ވެސް ގުރޫޕް ސްޓޭޖުގައި މަހިބަދޫ އަށް ކާމިޔާބުވާ ގޮތެއް ނުވެ އެވެ.

މިއަދު ވެސް ދެވަނަ ޑިވިޝަނުގައި މި ގުރޫޕުގެ ދެ މެޗް ގަލޮޅު ދަނޑުގައި ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ބީޖީ ސްޕޯޓްސް ކުލަބާއި އެލްޓީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ އިރު، މިރޭގެ މެޗުގައި ނުކުންނާނީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ދެ ކުލަބު ކަމަށްވާ ނިއު އާއި ވިކްޓަރީ އެވެ.