Roadha Mihaaru
މޫދުގައި ދުއްވާ ބައިސްކަލުތަކެއް ސިޔާމް ވޯލްޑަށް

މޫދުގައި ދުއްވާ ބައިސްކަލުތަކެއް ސިޔާމް ވޯލްޑަށް ގެނެސްފި

24 ޖުލައި 2022

ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ހައިޑްރޮފޮއިލް އީ-ބައިކް ނުވަތަ މޫދުގައި ދުއްވާ، "މަންޓާ5 ހައިޑްރޮފޮއިލާ އެކްސްއީ-1" ގެ ބައިސްކަލުތަކެއް ސިޔާމް ވޯލްޑަށް ގެނެސްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ހައިޑްރޮފޮއިލް އީ-ބައިކް ނުވަތަ މޫދުގައި ދުއްވާ، "މަންޓާ5 ހައިޑްރޮފޮއިލާ އެކްސްއީ-1" ގެ ބައިސްކަލުތަކެއް ސިޔާމް ވޯލްޑަށް ގެނެސްފި އެވެ.

ނ. އަތޮޅުގައި ހިންގާ ސިޔާމް ވޯލްޑަށް ގެނައި އެ ބައިސްކަލުތަކަކީ ނިއުޒިލޭންޑްގެ އުފެއްދުމެކެވެ. އެމެރިކާގެ ކަޕް ޔޮޓާ އެއްފަދަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ އެ ބައިސްކަލު ގަޑިއަކު 11 މޭލަށް ދުވެ އެވެ.

ތިމާވެއްޓާ ރައްޓެހި، އަޑުމަޑު އަދި ދުއްވާލަން އަރާމު އެ ބައިސްކަލު ރާއްޖެ އަށް ގެނައި މިއީ ފުރަތަމަ ފަހަރެވެ.

އެ ވައްތަރުގެ ބައިސްކަލު ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ 2020 ވަނަ އަހަރު އެވެ. މަންޓާ5 ގެ ވެބްސައިޓުގައި ވާގޮތުން، އޭގެ ބައިސްކަލެއްގެ އަގަކީ 8990 ޑޮލަރު (138،000ރ.) އެވެ.

މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުވި ސިޔާމް ވޯލްޑުން ވަނީ މޫދު ބައިސްކަލުގެ އިތުރުން "ސީ ބްރީޗާސް" ކިޔާ ސެމީ ސަބްމެރިން އުޅަނދެއް ވެސް ދާދިފަހުން ރާއްޖެ ގެނެސްފަ އެވެ.

ސީ ބްރީޗާސް އަކީ އެއާކްރާފްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން މިޔަރެއްގެ ބައްޓަމަށް ހަދާފައި ހުންނަ އުޅަނދެކެވެ. ކޯމަހެއް ހެން މައްޗަށް ފުންމައި، މޫދު އަޑިއަށް ޑައިވްކޮށް، ރާޅުތަކުގައި ދެ ފަޅިއަށް އަރި ކުރެވޭ، އަދި ކަނޑުމަތީގައި 360 ޑިގްރީ އަށް އަނބުރާލެވޭ އެ އުޅަނދަކީ ގަޑިއަކު 50 މީޓަރަށް ދުވާ އުޅަނދެކެވެ.

ސިޔާމް ވޯލްޑަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމް ރިސޯޓް ކުންފުނިން ނ. ދިގުރަށުގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.