Roadha Mihaaru
ސަޕޯޓަރުންގެ ފޯރިއާއެކު ނިއުއިން ވިކްޓަރީ ބަލިކޮށްފި

ސަޕޯޓަރުންގެ ފޯރިއާއެކު ނިއުއިން ވިކްޓަރީ ބަލިކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފި

24 ޖުލައި 2022

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކަލްބުން ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކަލްބުން ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

ގިނަ ބަޔަކު ދަނޑަށް ވަތް މި މެޗުގައި ނިއުގެ ސަޕޯޓަރުންގެ ފޯރި ފެނުނީ ގަދަކޮށެވެ. "ރަސް ވާދަ" އިގެ ނަމުގައި ޕްރޮމޯޓް ކުރި މި މެޗުގައި ދަނޑުގެ އުތުރު ފަރާތު (މަޖީދީ މަގާ ވި ފަޅި) ސިޑިބަރީގައި ތިބި ނިއުގެ ސަޕޯޓަރުން ވަނީ މެޗު ފެށިގެން ނިމެންދެން އެ ޓީމަށް ތަރުހީބު ދީފަ އެވެ. ދަނޑުގެ މަޖީދީ މަގާވީ ފަޅި ސިޑިބަރި، ޒަމާނުން ސުރެ މަޝްހޫރު ވެފައި ވަނީ ނިއު ރޭޑިއަންޓްގެ ފަޅީގެ ގޮތުގަ އެވެ.

ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށް ނިއު އޮތީ ގުރޫޕް 2 ގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ މިއަދު ބީޖީ ބަލިކުރި އެލްޓީ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން އެއްވަނަ އާއި ދެވަނަ ޓީމެވެ. ގުރޫޕް ސްޓޭޖުގައި ނިއު އަދި ވިކްޓަރީ އަށް ވެސް އޮތީ ބާކީ ތިން މެޗެވެ. ވިކްޓަރީ ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ.

މެޗުގައި ނިއު އަށް ލީޑް ނަގައިދިނީ އަހްމަދު ސުހައިލް (ބަންބުޗު) އެވެ. މެޗުގެ 12 ވަނަ މިނެޓްގައި ނިއުގެ ގާނާގެ ފޯވާޑް ކޯފީ އޮސޫ ދިން ބޯޅަ ހިފައިގެން ސުހައިލް އޭރިއާ ތެރެއަށް ވަނީ މުޅިން ހުސްކޮށެވެ. އޭނާ އަށް ހުރަސް އަޅަން ހުރީ ވިކްޓަރީގެ ކީޕަރު މިސްރުގެ އަހްމަދު ސައްޔިދު އިބްރާހިމް ހެބާ އެވެ. އޭނާ ބޯޅަ އަށް ޑައިވްކުރި ނަމަވެސް ސުހައިލް ފޮނުވާލި ބޯޅަ ގޮސް ގޯލްގެ ކަނަށް ވަނީ ކީޕަރު އަތް ކައިރިން ގޮހެވެ.

މެޗުގެ 26 ވަނަ މިނެޓްގައި ނިއުގެ މުހައްމަދު ލިޔާހް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. މުޅިން ހުސްކޮށް އޭނާ ވިކްޓަރީގެ އޭރިއާ ތެރެއަށް ވަނުމުން ކީޕަރު ސައްޔިދު ވެސް ބޯޅަ އަށް ކުރިމަތިލި އެވެ. ލިޔާހް މަސައްކަތް ކުރީ ކީޕަރު ސައްޔިދު ކައިރިން ނައްޓާލާފައި ދާށެވެ. އެކަމަކު ކީޕަރު ވަނީ ޑައިވްކޮށް ބޯޅަ ސަލާމަތް ކޮށްފަ އެވެ.

އޭގެ ފަހުން ވިކްޓަރީން ވެސް ރަނގަޅު ހަމަލާއެއް ވެސް އުފެއްދި އެވެ، އަހްމަދު އިމާޒު (އާއްކޮ) ދިން ބޯޅަ އަހްމަދު ހުސައިން ފޮނުވާލުމުން ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ނިއުގެ ދެވަނަ ލަނޑު 42 ވަނަ މިނެޓްގައި ކޯފީ ޖެހީ، ވިކްޓަރީގެ ކީޕަރު ސައްޔިދު އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އޭނާ ކުރިއަށް ދިން ބޯޅަ ވިކްޓަރީގެ ކުޅުންތެރިޔެއްގެ ބޮލުގައި ޖެހިފައިން ދެން ލިބުނީ ސުހައިލް އަށެވެ. އޭނާ ދިން ބޯޅަ ހިފައިގެން ކުރިއަށް އަރައި ކޯފީ ވަނީ ކީޕަރު ސައްޔިދު ކައިރިން ވެސް ނައްޓާލާފައި ގޮސް މުޅިން ހުސްކޮށް އޮތް ގޯލަކަށް ބޯޅަ ވައްދައިލަފަ އެވެ.

ނިއުގެ ތިން ވަނަ ލަނޑު ވެސް ކޯފީ ޖެހީ ހުހަށް އޮތް ގޯލަކަށެވެ. ވިކްޓަރީގެ އޭރިއާގެ އަރި މަތިން ގޯލް ކައިރިން ސުހައިލް ބޯޅަ އަށް އެރުމުން، އޭނާ އަތުން ބޯޅަ ހޯދަން ކީޕަރު ސއްޔިދު ނުކުތެވެ. ކީޕަރު އެރުމުން ގޯލް ކުރިމައްޗަށް ސުހައިލް ބޯޅަ ހުރަސް ކޮށްދިނުމުން ކޯފީ ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.

މުޅި މެޗުގައި ވެސް ނިއުގެ ޑިފެންސުން ވަނީ ރަނގަޅު މަސައްކަތެއް ކޮށްފަ އެވެ. ފުރަތަމަ ހާފުގައި ގޯލަށް ސީދާ އަމާޒުވާ ގޮތަށް ވިކްޓަރީ އަށް ފޮނުވާލެވުނީ އެންމެ ބޯޅަ އެކެވެ. އެ ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ނިއުގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ވިކްޓަރީގެ އުސާމާ ފޮނުވާލުމުން ނިއުގެ ކީޕަރު މިފްދާދު އަހްމަދު ސަލާމަތް ކުރި އެވެ.

ދެވަނަ ހާފުގައި ނިއު އަށް އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ގާނާގެ ފޯވާޑް ތޯރިގް ޖިބްރީން އަށެވެ. އޭނާ ފޮނުވާލި ހަމަލާތައް މި ހާފުގައި ވިކްޓަރީގެ ކީޕަރު ސައްޔިދު ދިފާއު ކުރި އެވެ. ވިކްޓަރީން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ނިއުގެ ކީޕަރު މިފްދާދު ވެސް ހުށިޔާރު ކަމާއެކު ދިފާއު ކުރި އެވެ.

ވިކްޓަރީގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީ އެއްގައި ޖެހީ ލުބުނާންގެ ފޯވާޑް މުހައްމަދު ޖަލާލް ގްދުވާ އެވެ. އެ ޕެނަލްޓީ އަކީ އޭނާ ބޯޅަ ހިފައިގެން ނިއުގެ އޭރިއާ ތެރެއަށް ވަނުމުން ނިއުގެ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

އޭގެ ފަހުން ނިއުގެ ތާރީގް އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ފާރޫގް ހައިދޮރޯވް ދިން ބޯޅަ ހިފައިގެން ގޮސް ތޯރިގް މަސައްކަތް ކުރީ ކީޕަރު ނައްޓާލުމަށް ފަހު ބޯޅަ ފޮނުވާލާށެވެ. ދެވަނަ ހާފުގައި ރަނގަޅު ސޭވްތަކެއް ކުރި ކީޕަރު ސައްޔިދު އެ ބޯޅަ ހޯދި އެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި ނިއު އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުން ނަތީޖާ ފުޅާ ކުރި އެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި ނިއުގެ ޝަމްވީލް މުހައްމަދަށް ވިކްޓަރީގެ ޑިފެންޑަރުން ފައުލު ކުރުމުން ދިން ޕެނަލްޓީން ލަނޑު ޖެހީ ތޯރިގް އެވެ.

މިއަދު ހަވީރު ލިޓްލް ޓައުން (އެލްޓީ) އިން ބީޖީގެ މައްޗަށް ކާމިޔާބު ހޯދީ 2-1 ންނެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ އެލްޓީންނެވެ. އެ ޓީމުގެ ލަނޑު ޖެހީ އާދަމް ލަރީފް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 49 ވަނަ މިނެޓްގަ އެވެ. މެޗުގެ 68 ވަނަ މިނެޓްގައި ދެވަނަ ލަނޑު ޖެހީ އިސްމާއިލް ވިފާގް އެވެ. އޭގެ ދެ މިނެޓް ފަހުން ބީޖީގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ޔަފާއު އެވެ.