Roadha Mihaaru
ކެރެލާގައި މަރުވި މީހެއް މަންކީޕޮކްސް އަށް ޓެސްޓުކުރަނީ

އިންޑިއާގެ ކެރެލާގައި މަރުވި ޒުވާނެއް މަންކީޕޮކްސް އަށް ޓެސްޓުކުރަނީ

31 ޖުލައި 2022

އިންޑިއާގެ ކެރެލާގައި އިއްޔެ މަރުވި 22 އަހަރުގެ ފިރިހެނަކު މަންކީޕޮކްސް އަށް ޓެސްޓްކުރަމުން އަންނަ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.

އިންޑިއާގެ ކެރެލާގައި އިއްޔެ މަރުވި 22 އަހަރުގެ ފިރިހެނަކު މަންކީޕޮކްސް އަށް ޓެސްޓްކުރަމުން އަންނަ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.

ކެރެލާގެ ކުރަންޖިޔޫރްގައި މަރުވި މި މީހާ އަކީ މީގެ ދުވަސްކޮޅެއް ކުރިން ޔޫއޭއީ އިން އައި މީހެކެވެ. މަންކީޕޮކްސް ޖެހުމުން ފެންނަ ފަދަ އަލާމާތްތައް ފެންނާތީ އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

މަރުވި މީހާގެ އާއިލާ އިން ބުނެފައިވާ ގޮތުގައި އޭނާ ހުން ގަދަވެގެން އަނބުރައިގަނެގެން ވެއްޓުނީ އެވެ. އެންމެ ފުރަތަމަ ޑޮކްޓަރުން ޝައްކުކުރީ މި ޒުވާނާއަށް މެނިންޖައިޓިސް ޖެހިފައިވާ ކަމަށެވެ. އަދި ޓީބީ ވެސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވުމާ އެކު އެކަހެރިކޮށްގެން އައީ ފަރުވާ ދެމުންނެވެ.

ނަމަވެސް ފަހުން އާއިލާ އިން ބުނެފައިވަނީ ޔޫއޭއީގައި އުޅުނު އިރު، މަންކީޕޮކްސް ޖެހިފައިވާ މީހަކާ މި ޒުވާނާ ބައްދަލުވެފައިވާ ކަމަށެވެ. އަދި މަންކީޕޮކްސް ޖެހިފައިވާ ކަމަށް ބުނާ މީހާ ފޮނުވާފައިވާ، ޓެސްޓްތަކުގެ ފޮޓޯތަކެއް ވެސް އާއިލާ އިން ޑޮކްޓަރުންނަށް ދީފައިވެ އެވެ. އެކަމަކު މި ޓެސްޓްތަކުގައި އެއްވެސް މީހެއްގެ ނަމެއް ނެތުމުން ޑޮކްޓަރުން ނިންމީ އިންޑިއާގައި އަލުން ޓެސްޓު ކުރުމަށެވެ.

މަންކީޕޮކްސް އަކީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ހާލަތެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ކަނޑައަޅައިފަ އެވެ. ބައެއް ގައުމުތަކުގައި މި ބަލި ފެނުން އާންމުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަނީ ވަރުގަދަކުރަމުންނެވެ.