Roadha Mihaaru
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި

ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް އިންޑިއާގައި ހުއްދަ ދީފި

08 ސެޕްޓެމްބަރ 2024

އުމުރުން ސާޅީހަކަށް އަހަރުވުމާ އެކު ލޮލުގެ ބާރު ދަށްވެ ކައިރީގައި ހުންނަ އެއްޗެހި ފުސްކޮށް ފެންނަ މައްސަލަ ކަމަށްވާ ޕްރެޒްބިއޯޕިއާ އަށް ހައްލަކަށް ވެދާނެ، ލޮލަށް އަޅާ ބޭހަކަށް އިންޑިއާގެ ޑްރަގް ރެގިއުލޭޓަރީ އެޖެންސީން ހުއްދަ ދީފި އެވެ.

އުމުރުން ސާޅީހަކަށް އަހަރުވުމާ އެކު ލޮލުގެ ބާރު ދަށްވެ ކައިރީގައި ހުންނަ އެއްޗެހި ފުސްކޮށް ފެންނަ މައްސަލަ ކަމަށްވާ ޕްރެޒްބިއޯޕިއާ އަށް ހައްލަކަށް ވެދާނެ، ލޮލަށް އަޅާ ބޭހަކަށް އިންޑިއާގެ ޑްރަގް ރެގިއުލޭޓަރީ އެޖެންސީން ހުއްދަ ދީފި އެވެ.

ރީޑިން ގްލާސް ނުވަތަ ފޮތްކިޔާ އައިނު އަޅަންޖެހޭ މި ހާލަތަށް ހައްލެއްގެ ގޮތުގައި "ޕްރެސްވޫ އައި ޑްރޮޕްސް" ގެ ނަމުގައި ބޭސް އުފެއްދީ މުމްބާއީގެ ކުންފުންޏެއް ކަމަށްވާ އޮންޓޮޑް ފާމަޝޫޓިކަލްއިން ނެވެ.

އަންނަ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ބޭސްފިހާރަތަކުން ބޭސްފިހާރަތަކުން 350 ރުޕީސް އަށް މި ގަންނަން ލިބޭނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

މި ބޭސް ހާއްސަކޮށްފައިވަނީ ކުޑަކޮށް އަދި އާދައިގެ ވަރަކަށް ޕްރެޒްބިއޯޕިއާ ހުންނަ، އުމުރުން 40-55 އަހަރުގެ މީހުންނަށެވެ.

ޕްރެޒްބިއޯޕިއާ އަކީ އުމުރުން ދުވަސްވާ ވަރަކަށް ގޯސްވަމުންދާ މައްސަލައެކެވެ. އާންމުކޮށް، އުމުރުން 40 އަހަރުން ފެށިގެން ބޮޑަށް ފާހަގަވާން ފަށާ މި މައްސަލަ މުޅި ދުނިޔޭގެ 1.09 ބިލިއަނާއި 1.80 ބިލިއަނާ ދެމެދުގެ މީހުންނަށް ކުރިމަތިވެފަ އެވެ.

އޮންޓޮޑް ފާމަޝޫޓިކަލްސް އަށް ޑްރަގް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާ (ޑީސީޖީއައި) ގެ ފައިނަލް އެޕްރޫވަލް ލިބުނީ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްސީއޯ) ގެ ސަބްޖެކްޓް އެކްސްޕާޓް ކޮމިޓީ (އެސްއީސީ) އިން މި ބޭހަށް ހުއްދަ ދިނުމުގެ ލަފާ ދިނުމާ އެކުގަ އެވެ.

ޕްރެސްވޫ އަކީ 40 އަހަރުން މައްވަށް ދިއުމުން ދިމާވާ، ޕްރެޒްބިއޯޕިއާ ހުންނަ މީހުންނަށް ރީޑިން ގްލާސް ބޭނުންކުރަން ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ގޮތަށް އިންޑިއާގައި ފުރަތަމަ އުފެއްދި، ލޮލަށް އަޅާ ބޭސް ކަމަށް އީޖާދުކުރި ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ވަނީ މި ބޭހުގެ ފޯމިއުލާ އާއި އެ އުފައްދަން ބޭނުންކުރާ ހާއްސަ އަދި ވަރަށް ތަފާތު ޕްރޮސެސް ޕޭޓަންޓްކުރުމަށް ވެސް ހުށަހަޅައިފަ އެވެ.

މި ބޭހަކީ ރީޑިން ގްލާސް އަޅަންނުޖެހުމުގެ އިތުރުން ލޮލުގެ ތެތްކަން ވެސް ހިފަހައްޓައިދޭ ގޮތަށް ހަދާފައިވާ އެއްޗެކެވެ.

މިއީ ދިގު މުއްދަތަށް ބޭނުންކުރުން ރައްކާތެރި ގޮތަކަށް އުފައްދާފައިވާ ބޭހަކަށްވުމީ ވެސް ހާއްސަ ކަމެކެވެ.

އެންޓޮޑް ފާމަޝޫޓިކަލްސްގެ ސީއީއޯ ނިކިލް ކޭ މަސޫރުކާރު ވިދާޅުވީ "ޕްރެސްވޫ އަކީ އަހަރުތަކެއް ވަންދެން ކުރި ހާއްސަ ދިރާސާތަކުގެ ނަތީޖާ ކަމަށެވެ. މިއީ އެތައް މިލިއަން ބައެއްގެ ފެނުން ރަނގަޅުކޮށްދީ "މިނިވަންކޮށްދޭނެ" ބޭހެއް ކަމަށް އޭނާ ވިދާޅުވި އެވެ.