Roadha Mihaaru
ޑައުންޕޭމަންޓް އެއްބަސްވުން ނުހަދާ ނަަމަ ފްލެޓް އަތުލަނީ

އެމްޕީއެލްގެ ފްލެޓްތަކުގެ ޑައުންޕޭމަންޓް އެއްބަސްވުމުގައި ސޮއިނުކުރާ ނަމަ ލިސްޓުން އުނިކުރަނީ

31 ޖުލައި 2022

އެމްޕީއެލްގެ ހައުސިން ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ތިން ޓަވަރުން ފްލެޓް ލިބުނު މީހުން އަންނަ މަހުގެ ނިޔަލަށް ޑައުންޕޭމަންޓް އެއްބަސްވުމުގައި ސޮއިނުކުރާ ނަމަ ފްލެޓް ލިސްޓުން އުނިކުރާނެކަން އަންގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެމްޕީއެލްގެ ހައުސިން ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ތިން ޓަވަރުން ފްލެޓް ލިބުނު މީހުން އަންނަ މަހުގެ ނިޔަލަށް ޑައުންޕޭމަންޓް އެއްބަސްވުމުގައި ސޮއިނުކުރާ ނަމަ ފްލެޓް ލިސްޓުން އުނިކުރާނެކަން އަންގައިފި އެވެ.

އެމްޕީއެލްގެ ސީއީއޯ ބިއުރޯ އިން ފްލެޓް ލިބުނު މީހުންނަށް ފޮނުވި މެމޯއެއްގައި ބުނީ ފްލެޓްތަކަށް ބޭންކް ލޯނު މެދުވެރިކޮށް އަދި އެއްފަހަރާ ގަނޑުކޮށް ފައިސާ ދެއްކުމަށް ބޭނުންވާ މުވައްޒަފުން އޮގަސްޓް ހަތަރު ވަނަ ދުވަހުގެ ކުރިން އިގްރާރުގައި ސޮއިކުރަން ޖެހޭނެ ކަމަށެވެ. އެ އިގްރާރުގައި ސޮއިކުރާ ނުކުރާ މީހުންނަކީ އެމްޕީއެލްގެ ހާއްސަ ފައިނޭންސިން ސްކީމު ނަގާ މީހުންގެ ގޮތުގައި ބެލޭނެ ކަމަށާއި އެ މީހުން އެ އިގްރާރުގައި ސޮއިކުރަން ނުޖެހޭނެ ކަމަށް މެމޯގައިވެ އެވެ.

އެމްޕީއެލްގެ ޗީޕް އެގްޒެކެޓިވް އޮފިސަރު ސޮއިކުރައްވައި، މުވައްޒަފުންނަށް ފޮނުވި އެ މެމޯގައި ބުނީ މި ފެށޭ އޮގަސްޓް މަހުގެ ތެރޭގައި ޑައުންޕޭމަންޓް އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާތީ އެކަމުގެ މައުލޫމާތު އޮގަސްޓް ހަތެއްގައި އިއުލާންކުރާނެ ކަމަށެވެ. އެހެންވެ، ތާވަލާ އެއްގޮތަށް އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވުމަށް އެންގި އެވެ.

"އެއްވެސް ސަބަބަކާ ހުރެ އޮގަސްޓް 31 ވަނަ ދުވަހާ ހަމައަށް ފައިނޭންސިން އޮޕްޝަނެއް ހިޔާރުނުކޮށް، އެމްޕީއެލްގެ ހާއްސަ ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓް އެއްބަސްވުމުގައި ނުކުރާ މުވައްޒަފުން ފްލެޓް ލިސްޓުން އުނިކުރެވި، ވެއިޓިން ލިސްޓުގައި ތިބި މުވައްޒަފުންނަށް ލިސްޓު ތަރުތީބުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ،" "މިހާރު" އަށް ލިބިފައިވާ އެ މެމޯގައިވެ އެވެ.

ޑައުންޕޭމަންޓް ދެއްކުމަށް ތިން އޮޕްޝަނެއް އެމްޕީއެލުން ދީފައިވިޔަސް އެކަމުގެ ނުރުހުން ފްލެޓް ލިބުނު ގިނަ ބަޔަކު ފާޅުކުރަމުން އެބަދެ އެވެ.

ފްލެޓް ލިބުނު މީހަކު ކިޔައިދިން ގޮތުގައި، އެމްޕީއެލްގެ ސްކީމުގެ ދަށުން ޑައުމްޕޭމަންޓް ދައްކާ ނަމަ، ފުރަތަމަ ތިން މަހުގެ ތެރޭގައި 150،000ރ. ދައްކަން ޖެހެ އެވެ. އެއީ ކޮންމެ މަހަކަށް ބަލާ ނަމަ 50،000ރ. އެވެ. ބާކީ 150،000ރ. ކޮންމެ މަހަކު 25،000ރ. ގެ އުސޫލުން ދައްކަމުން ދެވިދާނެ އެވެ.

އެކަމަކު ފްލެޓް ލިބުނު މީހުންގެ ކަންބޮޑުމަކީ ކުއްލިއަކަށް އެކަހަލަ ގޮތަކަށް އެންގުމުގެ ސަބަބުން އެމީހުންނަށް ފްލެޓަށް ނުވަދެވިދާނެ ކަމުގެ ބިރުހީވެފައިވާތީ އެވެ.

"ރެންޓަށް އުޅެމުން ކޮންމެ މަހަކު 25،000ރ. ކުންފުންޏަށް ދައްކަމުން އުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނީ. އަދި ފްލެޓަށް ވަދެވޭނެ ދުވަހެއް އެނގެނީއެއް ނޫން. އެ ހުރިހާ އެއްޗެއް ނޭނގި ބޮޑު އަދަދެއް ދެއްކުން ވާނީ މާލޭގައި އުޅޭ މީހުންނަށް ވަރަށް ބޮޑު އުނދަގުކަލަށް،" އެމީހާ ބުންޏެވެ.

"ބޮޑު ޗުއްޓީއަކަށް ދިއުމުން އެއް ދުވަސްކުރިން މި ފޮނުވާލަނީ މެމޯޯ [25 ގައި] ޑައުންޕޭމަންޓް ދައްކަން ޖެހޭނީ މިހެންނޭ ކިޔާފައި. މިހެން ކަނޑައެޅި ފަހުން ފްލެޓް ދޫކޮށްލަން ވެސް ބައެއް މީހުން އެބަ ވިސްނާ،" ފްލެޓް އެހެން ބަޔަކަށް ދޭން އުޅޭ ކަމަށް ތުހުމަތުކޮށް އޭނާ ބުންޏެވެ.

ފްލެޓް ގަންނަން ދެން އޮތް އޮޕްޝަނަކީ ބޭންކް ލޯނު ނެގުމެވެ. އެކަމަކު ބޭންކަށް ފައިސާ ދައްކަމުން ރެންޓަށް ދައްކަން އުނދަގޫވާތީ ގިނަ ބަޔަކު އެ އޮޕްޝަން ނުނަގާ ކަމަށްވެ އެވެ. ދެން އޮތް ގޮތަކީ ޑައުންޕޭމަންޓަށްވާ ފައިސާ އެއްކޮށް ދެއްކުމެވެ.

"ފްލެޓް ލިސްޓުން އުނިކުރާނެ ކަމަށް އެންގިއިރު ގިނަ މީހުންނަކީ އެހާ ބޮޑު މުސާރައެއް ލިބޭ ބައެއް ނޫން. އެހެންވީމަ އެހާ ބޮޑު އަދަދެއް ދެ ތަނަކަށް ދައްކަންވީމަ އެއީ އުނދަގޫ ކަމަކީ،"

މުވައްޒަފުންގެ ކަންބޮޑުވުމަކީ ފްލެޓަށް ޑައުންޕޭމަންޓަށް ބޮޑު އަދަދެއް ދައްކާނެ ގޮތްތައް އިއުލާންކުރިއިރު ވެސް އެމީހުންނަށް ފްލެޓް ދައްކާފައި ނުވާތީ އެވެ.

އެކަމަކު އެމްޕީއެލުން ބުނީ ފްލެޓަށް ފައިސާ ދެއްކުމަށް ވެސް އޮތީ ވަރަށް ފަސޭހަ ގޮތްތަކެއް ކަމަށާއި ފްލެޓާ ގުޅޭ މައުލޫމާތު ވެސް އެމީހުންނަށް ފޯރުކޮށްދީިފައިވާ ކަމަށެވެ.

އެމްޕީއެލުން ވަނީ ފްލެޓް ލިބޭ މީހުންގެ މެދުގައި މިދިޔަ ޖޫން މަހު ގުރު ނަގައިފަ އެވެ. އެ ކުންފުނީގައި ހިމެނެނީ 534 ފްލެޓެވެ. އެއީ އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 330 އެޕާޓްމަންޓެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 2017 ވަނަ އަހަރު ފެށި މަޝްރޫއުގެ ދަށުން އެމްޕީއެލުން އަޅާ ފްލެޓްގެ މަސައްކަތް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފައި ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ފްލެޓްތައް ނިންމަންދީފައިވާ އެންމެ ފަހު މުއްދަތަކީ އަންނަ އޮކްޓޫބަރުގެ ނިޔަލެވެ.

މިހާރު ފްލެޓްތަކުގެ ފައިނަލް ފިނިޝިންގެ މަސައްކަތްކުރަމުންދާއިރު ވަރަށް އަވަހަށް އެތަނަށް ވަދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެެވެ.