Roadha Mihaaru
ލިވަޕޫލް އެއްވަރު، ޔުނައިޓެޑާއި ސިޓީ އަށް މޮޅެއް

ލިވަޕޫލް އެއްވަރު، ޔުނައިޓެޑާއި ސިޓީ އަށް މޮޅެއް

03 ޖެނުއަރީ 2017

ލަންޑަން (ޖެނުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ލިވަޕޫލް އެއްވަރުވިއިރު، މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

ލަންޑަން (ޖެނުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ލިވަޕޫލް އެއްވަރުވިއިރު، މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

ލިވަޕޫލް ރަށުން ބޭރުގައި އެއްވަރުވީ ސަންޑަލެންޑާ ވާދަކޮށް 2-2 އިންނެވެ. ސިޓީ ވަނީ 10 ކުޅުންތެރިންނާ އެކު ކުޅެ ބާންލީގެ މައްޗަށް 2-1 އިން ކުރިހޯދައިފަ އެވެ. ވެސްޓް ހޭމް އަތުން ޔުނައިޓެޑް މޮޅުވީ 2-0 އިންނެވެ.

މިރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓުގެ ފަރަގު ކުޑަކުރަން ލިވަޕޫލަށް އޮތް ފުރުސަތުގެ ބޭނުން އެ ޓީމަށް ނުހިފުނެވެ. ޗެލްސީ ލީގުގެ އެއް ވަނައިގައި 19 މެޗުން 49 ޕޮއިންޓާ އެކު އޮތްއިރު، ލިވަޕޫލް ދެ ވަނައިގައި އޮތީ 20 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ.

ސިޓީ ވަނީ މިރޭގެ މޮޅާ އެކު ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 20 މެޗުން 42 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް މިރޭ މޮޅުވި ނަމަވެސް އެ ޓީމު އޮތީ ހަ ވަނައިގަ އެވެ. އެ ޓީމަށް 20 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.

ލީގުގެ 18 ވަނައިގައި އޮތް ސަންޑަލެންޑް ކައިރިން ލިވަޕޫލަށް ލީޑު ނަގައިދިނީ މެޗުގެ 19 ވަނަ މިނިޓްގައި ޑެނިއަލް ސްޓަރިޖް އެވެ. އޭގެ ހަ މިނިޓް ފަހުން ސަންޑަލެންޑަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ތަޖުރިބާކާރު ފޯވާޑް ޖަމެއިން ޑެފޯ އެވެ.

ލިވަޕޫލަށް ދެ ވަނަ ފަހަރަށް ލީޑު ނަަގައިިދިނީ މެޗުގެ 72 ވަނަ މިނިޓްގައި ސަޑިއޯ މާނޭ އެވެ. ނަމަވެސް ސަންޑަލެންޑުން ދެ ވަނަ ފަހަރަށް އެއްވަރުކުރީ މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ޑެފޯ ވައްދާލި ދެ ވަނަ ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ ލިވަޕޫލް އޭރިއާ ތެރެއިން އެ ޓީމުގެ މާނޭ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

ލިވަޕޫލްގެ މާނޭ (ކ) ކައިިރިން ސަންޑަލެންޑުގެ ބޮރީނީ ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ މާނޭ (ކ) ކައިިރިން ސަންޑަލެންޑުގެ ބޮރީނީ ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ އަށް އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިވީ މެޗުގެ 32 ވަނަ މިނިޓްގައި އެ ޓީމުގެ ފެނާންޑީނިއޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ބާންލީގެ ޔޯހަން ގުޑްމުންޑްސަން އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ގައެލް ކްލިޗީ އާއި ސާޖިއޯ އަގުއޭރޯގެ ލަނޑުތަކާ އެކު ސިޓީން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ބާންލީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ބެން މީ އެވެ.

ވެސްޓް ހޭމް މިރޭގެ މެޗުގައި ޔުނައިޓެޑާ ދެކޮޅަށް މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 15 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ފިލް ޖޯންސް އަށް ކުރި ފައުލަކަށް ވެސްޓް ހޭމްގެ ސޮފިއަން ފެގޫލީ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.

ޔުނައިޓެޑުން ލަނޑުތަައް ކާމިޔާބުކުރީ ދެ ވަނަ ހާފްގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 63 ވަނަ މިނިޓްގައި ކާމިޔާބުކުރީ ހުއާން މަޓާ އެވެ. އޭނާ މި ލަނޑު ޖެހީ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ދިން ބޯޅައަކުންނެވެ.

ޔުނައިޓެޑްގެ ދެ ވަނަ ލަނޑު މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ތަޖުރިބާކާރު ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް އެވެ.