Roadha Mihaaru
ޔުނައިޓެޑް ބަލި، ވާދަވެރި ލިވަޕޫލާއި ސިޓީ ގަދަ

ބައިގޯލުން ޔުނައިޓެޑް ބަލި، ވާދަވެރި ލިވަޕޫލާއި ސިޓީ ގަދަ

20 އޯގަސްޓް 2023

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ދަށް ކުޅުމެއް ދެއްކި މެންޗެސްޓާ ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާ އަތުން ބަލިވެއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ދަށް ކުޅުމެއް ދެއްކި މެންޗެސްޓާ ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާ އަތުން ބަލިވެއްޖެ އެވެ.

އެކަމަކު ޔުނައިޓެޑާއި ވާދަވެރި ލިވަޕޫލާއި މެންޗެސްޓާ ސިޓީ ވަނީ އެ ދެ ޓީމު ކުޅުނު މެޗުތަކުން މޮޅުވެފަ އެވެ.

ޓޮޓެންހަމް އަތުން ރަށުން ބޭރުގައި ޔުނައިޓެޑް ބަލިވީ 0-2 އިންނެވެ. ސިޓީ ވަނީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް 0-1 އިން ބަލިކޮށްފަ އެވެ. ލިވަޕޫލުން އަމިއްލަ ދަނޑުގައި ފަހަތުން އަރައި ބޯންމައުތު ބަލިކުރީ 1-3 އިންނެވެ.

ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވަނީ ވުލްވްސް ބަލިކޮށްފަ އެވެ. އެކަމަކު އެ މެޗުގައި ވެސް އެޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ރޭ ޓޮޓެންހަމް އަތުން ބަލިވި މެޗުގައި އެޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ޖެހީ ޕަޕޭ މަޓާ ސާ އެވެ. އެޓީމުގެ ދެ ވަނަ ލަނޑަކީ ލިސަންޑްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ގޯލު ޖަހާނެ ފުރުސަތު ލިބި ބޭކާރުވި އެވެ.

ޓޮޓެންހަމް އާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން

ޓޮޓެންހަމް އާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން

ޗެމްޕިއަން ސިޓީ އިން ނިއުކާސަލާ ދެކޮޅަށް ކުޅުނު މެޗުގެ ހަމައެކަނި ގޯލު ފިލް ފޯޑެންގެ އެހީގައި ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ. ދެ ވަނަ ހާފުގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑަށް ގޯލު ޖަހާނެ ފުރުސަތު ލިބި ބޭކާރުވި އެވެ.

ލިވަޕޫލް މެޗުގެ ކުރީކޮޅު އެންޓޮއިން ސެމެންޔޯގެ ގޯލުން ބޯންމައުތު ލީޑު ނެގި އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލި އެވެ. ލިވަޕޫލްގެ ފުރަތަމަ ގޯލު ޖެހީ ލުއިޒް ޑިއާޒް އެވެ. ދެ ވަނަ ގޯލަކީ ލިވަޕޫލަށް ލިބުނު ޕެނަލްޓީއެއް މުހައްމަދު ސަލާހް ފޮނުވާލުމުން ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ސަލާހް ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 58 ވަނަ މިނިޓުގައި މި ސީޒަނުގައި ލިވަޕޫލާ ގުޅުނު އަލެކްސިސް މެކަލިސްޓާ ކުރި ފައުލަކަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކި އެވެ. ރަތް ކާޑުގެ ނިންމުން ރެފްރީ ދެމެހެއްޓީ ވީއޭއާރު ޓީމުގެ އެހީގަ އެވެ. އޭގެ އިރުކޮޅެއް ފަހުން ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ޑިއޯގޯ ޖޯޓާ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މެޗަށް ފަހު ބުނީ މެކަލިސްޓާ އަށް ދެއްކީ ހައްގު ރަތް ކާޑެއް ނޫން ކަމަށެވެ.

"އެއީ ގޯސް ނިންމުމެއް. ރަތް ކާޑު ދައްކަން ޖެހޭ ވަރުގެ ފައުލެއް ނޫން. މުޅި މެޗުގައި ވެސް އެގޮތަށް ކުޅުންތެރިން ކޮންޓެކްޓް ކުރި" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ލީގުގައި މިރޭ އާސެނަލުން ރަށުން ބޭރުގައި ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.