Roadha Mihaaru
މުސާރަ ބޮޑުކޮށް އެންޑީއޭ ސީއީއޯ މަގާމަށް އިއުލާނުކޮށްފި

މުސާރަ ބޮޑުކޮށް އެންޑީއޭގެ ސީއީއޯގެ މަގާމަށް އަނެއްކާ ވެސް އިއުލާނުކޮށްފި

04 އޯގަސްޓް 2022

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މުސާރަ ބޮޑުކޮށް އެ މަގާމަށް ކުރިމަތިލާން އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މުސާރަ ބޮޑުކޮށް އެ މަގާމަށް ކުރިމަތިލާން އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

އެ އެޖެންސީން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނުގައި ބުނީ ތިން އަހަރު ދުވަހުގެ ދައުރަކަށް އައްޔަންކުރާ މަގާމަށް އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެ މަގާމުގެ މުސާރައިގެ ގޮތުގައި މިހާތަނަށް ދެމުން އައީ މަހަކު 18،000ރ. އާއި 1،000ރ. ގެ ފޯނު އެލަވަންސް އަދި ލިވިން އެލަވަންސަށް 12،500ރ. އާ އެކު ޖުމްލަ 31،500ރ. އެވެ. އެކަމަކު، މި ފަހަރު ސީއީއޯގެ މަގާމަށް އިއުލާންކުރީ 48،450ރ. އަށް މުސާރަ ބޮޑުކުރުމަށް ފަހު އެވެ.

ސީއީއޯގެ ޝަރުތުތަކުގެ ތެރޭގައި މާސްޓާސް ޑިގްރީ ނުވަތަ ކަމާ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށް، ލީޑަޝިޕްގައި ފަސް އަހަރު މަސައްކަތްކުރުމުގެ ތަޖުރިބާ ނުވަތަ ހިންގުމުގެ ދާއިރާގައި 10 އަހަރު މަސައްކަތްކުރުމުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެޖެންސީގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން ދިމާވާ އެންމެ ބޮޑު ދައްޗަކީ ވެސް މުސާރަ ކުޑަވުމެވެ. އެ ސަބަބާ ހެދި އެ މަގާމު ހުސްކޮށް އޮންނަތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެންޑީއޭގެ ކަންކަން ރަނގަޅުކުރުމަށް އެ އެޖެންސީ ވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ނަގައި، ހެލްތު މިނިސްޓްރީގެ ދަށަށް މިދިޔަ އަހަރުގެ މެއި މަހު ބަދަލުކޮށްފަ އެވެ. އޭގެ ފަހުން އެ ތަނުގެ ބޯޑަށް ބޮޑެތި ބަދަލުތައް ގެނެސްފައިވެ އެވެ.

މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން، އެންޑީއޭ ބޯޑުގެ މަސައްކަތަކީ އެކި ކަންކަމުގައި ލަފަ އާއި އިރުޝާދު ދިނުމެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިި ވާނީ ސީއީއޯ އެވެ.