Roadha Mihaaru
ބަދަލުތަކެއް ގެންނާނެ ހާފްވޭ ހައުސް ހުޅުވައިފި

ބަދަލުތަކެއް ގެންނާނެ ހާފްވޭ ހައުސް ހުޅުވައިފި

13 ނޮވެމްބަރ 2022

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް، ހުޅުމާލޭގައި އާ ހާފްވޭ ހައުސްއަކާއި އަންހެނުންނަށް ހާއްސަ ރިހެބިލިޓޭޝަން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް، ހުޅުމާލޭގައި އާ ހާފްވޭ ހައުސްއަކާއި އަންހެނުންނަށް ހާއްސަ ރިހެބިލިޓޭޝަން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

ހާފްވޭ ހައުސް މީގެ ކުރިން ވެސް ހިންގި ތަން އެމްޓީސީސީގެ އެހީގައި ވަރަށް ބޮޑަށް މަރާމާތުކޮށް އަދި އާ އިމާރާތެއް އެޅުމަށްފަހު ހެދި ރިހިބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވީ ރައީސްގެ ސޯޝަލް ޕޮލިސީ އެޑްވައިޒަރު ޑރ. މުސްތަފާ ލުތުފީ އެވެ.

އެ ރަސްމިއްޔާތުގައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް 2012 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަން ފެށިއަސް އެކަން ކުރިއަށްގެންދާނެ ދިރާސާ މައުލޫމާތެއް ނެތް ކަމަށެވެ. އެކަމަކު، މަސްތުވާތަކެތީގެ މިހާރުގެ ހާލަތު ފެންނާނެ މަގު ޗާޓެއް އެބައޮތް ކަމަށް އިމާދު ވިދާޅުވި އެވެ.

ހާފްވޭ ހައުސް އަދި އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރު، ރައީސްގެ ސޯޝަލް އެޑްވައިޒަރު ޑރ. މުސްތަފާ މިއަދު ހުޅުވައިދެއްވަނީ: މި ތަން ހަދާފައިވަނީ އެމްޓީސީސީގެ އެހީގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހާފްވޭ ހައުސް އަދި އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރު، ރައީސްގެ ސޯޝަލް އެޑްވައިޒަރު ޑރ. މުސްތަފާ މިއަދު ހުޅުވައިދެއްވަނީ: މި ތަން ހަދާފައިވަނީ އެމްޓީސީސީގެ އެހީގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ފާހަގަކުރަން ބޭނުންވަނީ މިއީ ގައުމީ މަސައްކަތެއްކަން. މުހިއްމު އިސްކަމެއް ދީގެން ކުރެވޭ މަސައްކަތެއް. މިއީ ހަމައެކަނި އެންޑީއޭއަށް ކުރެވޭނެ ކަމެއް ނޫން،" އިމާދު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ނަތީޖާ ނެރެވޭނީ ގައުމީ ލެވެލްގައި ވިސްނައިގެން ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.

އެންޑީއޭ ބޯޑުގެ ޗެއާމަން އަދި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އޭނާ އެންމެ ކަންބޮޑުވި ކަމަކީ މަސްތުވާތަކެއްޗާ ހެދި މާޔޫސްވެގެން ދަރިން ޖަލަށް ގެންގޮސްދިނުމަށް މައިންބަފައިން އެދުމުންނެވެ.

ނަމަވެސް، ގިނަ މަސައްކަތްތަކަށްފަހު ހުޅުވި ސެންޓަރުން އާފްޓާ ކެއާ އަދި ރީއިންޓަގްރޭޝަން ފަރުވާ ލިބޭނެ ކަމަށާއި އެ ތަން ބޭނުންކުރަން ފަށަނީ ޕްރޮގްރާމްތައް މުރާޖައާކުރުމަށްފަހު ކަމަށް ޝަމާއު ވިދާޅުވި އެވެ.

ހާފްވޭ ހައުސްގެ ގޯތިތެރެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހާފްވޭ ހައުސްގެ ގޯތިތެރެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންހެނުންނަށް ފަރުވާ ދިނުމަށް ހާއްސަ ރިހެބެއް ހުޅުވިއިރު، އެ މީހުންނަށް މީގެ ކުރިން މަސްތުވާތަކެތިން ދުރުކުރުމުގެ ފަރުވާ ދިނީ ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި އިންނަ އަންހެނުންގެ ހާއްސަ ވިންގުގަ އެވެ. ހުޅުމާލޭގައި އަންހެނުންގެ ރިހެބެއް ހުޅުވުމުން އެ ތަން ބޭނުމެއް ނުކުރާނެ އެވެ.

ޝަމާއު ވިދާޅުވި އަންހެނުންނަށް ފަރުވާދޭ ރިހެބު މިހާތަނަށް ހުރީ ނަމެއްގަ އެވެ. އެ ތަނުގައި ތިން ދުވަސްވާއިރު ނުކުންނަން ޖެހޭތީ ފަރުވާ ނުދެވޭކަން ފާހަގަކުރެއްވި އެވެ.

އަލަށް މި ހުޅުވީ އެއްފަހަރާ 20 މީހުންނަށް ފަރުވާ ދެވޭނެ ތަނެކެވެ. ރެސިޑެންޝަލް ސެންޓަރުން ފަރުވާ ދިނުމަށް ފަހު، ހާފްވޭ ހައުސްގައި އެއްފަހަރާ 58 މީހުންނަށް ޖާގަ ދޭނެ އެވެ.

ހުޅުމާލޭގައި ހެދި ހާފްވޭ ހައުސް އަދި އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމުގައި ރަސްމިއްޔާތުގައި، އެ ތަނުގެ ސީއީއޯ އިމާދު ވާހަކަަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލޭގައި ހެދި ހާފްވޭ ހައުސް އަދި އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމުގައި ރަސްމިއްޔާތުގައި، އެ ތަނުގެ ސީއީއޯ އިމާދު ވާހަކަަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންޑީއޭއިން ވަނީ ނޭޝަނަލް ޑްރަގް ޕޮލިސީއެއް މި އަހަރު ލޯންޗު ކުރަން ވެސް ނިންމައިފަ އެވެ. އެއީ، ޝަމާއު، ފާހަގަކުރެއްވި ގޮތުގައި ނިޒާމަށް އަންނާނެ ވަރަށް ބޮޑު ބަދަލެކެވެ.

"އޭރުން މަސްތުވާތަކެތީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ. އަންނަ އަހަރު މުޅި މަންޒަރު ބަދަލުކޮށް، ދައްކާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ހާފްވޭ ހައުސްގެ ގޯތިތެރެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހާފްވޭ ހައުސްގެ ގޯތިތެރެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި މީހުންނަށް ނަސޭހަތްތެރިވެގެން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތެއް ނުވާނެ ކަމަށެވެ. މިއީ، ގަދަބާރުން ކުރެވޭ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބައިވަރު މީހުން ޖަލަށް ލެވިދާނެ. އެއަކުން މައްސަލަ ހައްލެއް ނުވޭ. އެ މީހުންނަށް ކޮންވިންސް ވާން އެބަޖެހޭ މިއީ ރަނގަޅު ގޮތަކީ،" ނަސީމް ވިދާޅުވި އެވެ.

ކައުންސެލިން ދޭނެ އެކަށީގެންވާ މީހުން ނުލިބޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަންނަ އަހަރު ސިއްހީ ހިދުމަތްދޭ ތަންތަނުން ފަރުވާ ދިނުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.