Roadha Mihaaru
އާ ސްކޫލް ހުޅުވަންދެން ކިޔަވާނީ ތިން ސްކޫލެއްގައި

ހުޅުމާލެ 2 ގެ ޕްރައިމަރީ ސްކޫލް ހުޅުވެންދެން ކުދިން ކިޔަވާނީ އެހެން ސްކޫލްތަކުގައި

05 އޯގަސްޓް 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް، އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލުން ޖާގަ ލިބުނު ދަރިވަރުން، އެ ސްކޫލް ހުޅުވެންދެން ކިޔަވާނީ ހުޅުމާލޭގެ ތިން ސްކޫލެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް، އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލުން ޖާގަ ލިބުނު ދަރިވަރުން، އެ ސްކޫލް ހުޅުވެންދެން ކިޔަވާނީ ހުޅުމާލޭގެ ތިން ސްކޫލެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ޖުމުލަ 12 ކްލާސް ރޫމް ހިމެނޭ އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއެކު އެޗްޑީސީން ސޮއިކުރީ މިދިޔަ މާޗު މަހު އެވެ. އެއީ 165 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

އަންނަ އާދިއްތަ ދުވަހު ފަށާ ދިރާސީ އާ އަހަރާ ގުޅޭ މައުލޫމާތު ދިނުމަށް އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މި ފެށޭ ހަފުތާގެ ތެރޭގައި އެ ސްކޫލް، މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ. އެ އަށް ފަހު، ސްކޫލްގެ ނެޓްވޯކް އެޅުން ފަދަ މަސައްކަތްތައް ނިންމައި، ވީހާ ވެސް އަވަހަކަށް ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން ކިޔަވަން ދާނީ ހުރަވީ ސްކޫލާއި ރެހެންދި އަދި ގާޒީ ސްކޫލަށް ކަމަށެވެ.

އެ މަސައްކަތްތައް ލަސްވީ ވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ޔުކްރެއިނާއި ރަޝިޔާގެ ހަނގުރާމައާ ގުޅިގެން ތަކެތި ލިބުން ލަސްވުމުންނެވެ.

އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުވަން ނިންމާފައިވާ އެންމެ ލަސް ތާރީހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ. ނަމަވެސް މިނިސްޓްރީން މަސައްކަތްކުރަނީ އެ އަށް ވުރެ އަވަހަށް ވެސް ޕްރައިމަރީ ސްކޫލް ހުޅުވާށެވެ.

މިނިސްޓަރު ވިދާޅުވީ އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން ކިޔަވަން ދާނީ ހުރަވީ ސްކޫލާއި ރެހެންދި އަދި ގާޒީ ސްކޫލަށް ކަމަށެވެ. އެ ތަނަށް ދާނީ ވެސް އާ ސްކޫލްގެ ޔުނީފޯމުގައި ކަމަށާއި އެކަމާ ގުޅޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހުޅުމާލެ 2 ގެ ފުރަތަމަ ޕްރީ ސްކޫލް ވެސް އަންނަ އޮކްޓޯބަރު މަހު ހުޅުވާނެ އެވެ. އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރަތްކުރާ ސަލާހުއްދީން ސްކޫލް އަންނަ އަހަރުގެ ޖެނުއަރީ މަހު އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ ސީއެޗްއެސްއީގެ އާ އިމާރާތް ވެސް އަންނަ މާޗު މަހު ބޭނުންކުރަން ފަށާނެ އެވެ.