Roadha Mihaaru
"ދިރާސީ އަހަރު ބަދަލުކުރީ ރަނގަޅަށް ދިރާސާނުކޮށް"

އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފަށާ ގޮތަށް ބަދަލުކުރީ ރަނގަޅަށް ދިރާސާނުކޮށް: މިނިސްޓަރު

21 ނޮވެމްބަރ 2023

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަހަރުގެ މެދުތެރެއިން ދިރާސީ އާ އަހަރު ފަށާ ގޮތަށް ނިންމައި އަމަލުކުރަން ފެށީ އެކަށީގެންވާ ދިރާސާއެއް ނުކޮށް ކަމަށާއި ކުރިއެކޭ އެއްގޮތަށް މި ސަރުކާރުން ބަދަލު ގެންނާނީ ދަރިވަރުންގެ ކިޔެވުމަށް ބުރުނާރާނެ ގޮތަށް، މުއްދަތު ކުރު ކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަހަރުގެ މެދުތެރެއިން ދިރާސީ އާ އަހަރު ފަށާ ގޮތަށް ނިންމައި އަމަލުކުރަން ފެށީ އެކަށީގެންވާ ދިރާސާއެއް ނުކޮށް ކަމަށާއި ކުރިއެކޭ އެއްގޮތަށް މި ސަރުކާރުން ބަދަލު ގެންނާނީ ދަރިވަރުންގެ ކިޔެވުމަށް ބުރުނާރާނެ ގޮތަށް، މުއްދަތު ކުރު ކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރުގެ މިނިސްޓަރު ދެއްވި ފުރަތަމަ އެކްސްކްލޫސިވް އިންޓަވިއުގައި، ޝަފީއު "މިހާރު" އަށް ވިދާޅުވީ ޖެނުއަރީ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި، މިހާތަނަށް ފަށަމުން ދިޔަ ދިރާސީ އާ އަހަރު، އޮގަސްޓް މަހަށް ބަދަލުކުރީ ހިޔާލު ހޯދުމުގެ ޕޯލްއަކުން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެކަމަކު ހިޔާލު ހޯދުމުގެ ޕޯލްއަކާއި ސައިންޓިފިކް ދިރާސާއަކީ ތަފާތު ދެ އެއްޗެއް ކަމަށާއި ދިރާސާއެއް ނުކޮށް އެފަދަ ބޮޑު ނިންމުމެއް ނިންމިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު 100 ޕަސެންޓް ދަންނަވާނީ، މި ހުރިހާ ފައިންޑިންސްތަކަކާ އެއްޗެހި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ނަމަ މި ނިންމުން ނުނިންމާނެއޭ އަޅުގަނޑު ދަންނަވާނީ." އޭނާ ވިދާޅުވި އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޝަފީއު ވަނީ މާލޭ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި، ދިރާސީ އާ އަހަރު 2025 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކުރާނެ ކަމަށާއި އެކަމުގެ ދިރާސާތައް ހަދައި، ގޮންޖެހުންތައް ދެނެގަންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ބައްދަލުވުމުގައި ޕްރިންސިޕަލުން އަދި މިނިސްޓަރު ވެސް ވަނީ އަހަރުގެ މެދުތެރެއިން ކިޔެވުން ފަށާތީ ސްކޫލުތަކަށް ބޭނުންވާ މަރާމާތަށް ބަޖެޓު ނުލިބޭ ކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވައިފަ އެވެ. އެނގިފައިވާ ގޮތުގައި، ބަޖެޓު ނުލިބޭތީ ސްކޫލުތައް މަރާމާތުނުކުރާތާ ތިން އަހަރުވެއްޖެ އެވެ.

ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމްގައި ދަރިވަރުންތަކެއް ކިޔަވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމްގައި ދަރިވަރުންތަކެއް ކިޔަވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ގަބޫލެއް ނުކުރަން ސިސްޓަމެޓިކްކޮށް، ދިރާސާއެއް ނުކުރެވި، އެހެން ބުނާކަމަށް ވަންޏާ ކޮންވީނިއެންސްއަކަށް ވަންޏާ ނޫނީ ސެލެކްޓިވް ސާމްޕަލްއަކަށް އެހެން ދެވޭ އޮޕީނިއަން ޕޯލްއަކަށް ބަދަލުކޮށްލަންޖެހޭ ވަރުގެ ކަމެއްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"

"އެގޮތަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ އޮޕީނިއަން ޕޯލްއެއްގެ މައްޗަށް ނިންމި ނިންމުމެއް ކަމަށް އަދި އެއާއެކު އޭގެ ސަބަބުން އުފެދިދާނެ ނަތީޖާތަކަކަށް ވެސް ރަނގަޅަށް ޑެލެބަރޭޓްކުރެވިފައި އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ޓީޗަރުކަމުން ފެށިގެން ސްކޫލު ހިންގުމުގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރެއްވުމަށްފަހު މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝަފީއު ވިދާޅުވި އެވެ.

ދިރާސީ އާ އަހަރު، އަހަރުގެ މެދުތެރެއަށް ބަދަލުކުރުމުން ގިނަ ބައެއްގެ ހިތްހަމަނުޖެހުންތައް މިނިސްޓްރީއަށް އޭރު ވެސް އަމާޒުވި އެވެ. އެކަންކަމަށް ދިން ޖަވާބުގައި މިނިސްޓްރީން އޭރު ބުނީ ދިރާސީ އަހަރު ބަދަލުކުރީ، ދިރާސާކޮށް، ގިނަ ބައެއްގެ ހިޔާލު ހޯދުމަށްފަހު ކަމަށެވެ.

އެ ފަހަރު ބަދަލުތައް ގެނައީ ވެސް، 2020 ވަނަ އަހަރުގެ ދިރާސީ އަހަރު އިތުރު ހަ މަސް ދުވަހަށް ދެންމުމުމަށްފަހުގަ އެވެ. މާނައަކީ، ކުދިންގެ ކިޔެވުމުން އިތުރު ހަ މަސް ދުވަސް ގެއްލުމެވެ. އޭގެ ފަހުން، އެ ނިންމުން ދާއިމީކޮށް، ޖެހިގެން އައި އޮގަސްޓް، 2021 އިން ފެށިގެން ދިރާސީ އާ އަހަރު ފަށަމުން އަންނަނީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގަ އެވެ.

މިނިސްޓަރު ވިދާޅުވީ ދިރާސީ އާ އަހަރު ދިގުކޮށްލުމުން ދައުލަތަށް 1.7 ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެއީ ޓީޗަރުންގެ މުސާރަ އާއި އުމްރާނީ ތަރައްގީއަށް އިތުރަށް މަސައްކަތް ކުރަން ޖެހުމެވެ. އެކަމަކު، މި ފަހަރު ބަދަލުތައް ގެންނައިރު އެ ހުރިހާ ކަމަކަށް ރިއާޔަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް މިއަދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް މިއަދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އެއީ ދައުލަތަށް ލިބުނު މާލީ ވެސް ވަރަށް ބޮޑު ގެއްލުމެއް އަދި ދަރިވަރުންނަށް ލިބުނު، އެ ކުދިންގެ އުމުރުން ވެސް ލިބުނު ގެއްލުމެއް. ވަރަށް ބޮޑު ގެއްލުމެކޭ އަޅުގަނޑު ދަންނަވާނީ." އޭނާ ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ މި ފަހަރު ދިރާސީ އަހަރަށް ބަދަލު ގެންނައިރު، ދަރިވަރުންގެ ކިޔެވުން އަވަސްކޮށްލާނެ ކަމަށެވެ. އެއާއެކު، ސިލަބަހަށް ވެސް ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަދަލު ގެންނާނީ އިރާދަކުރެއްވިއްޔާ ހަ މަސް ދުވަސް ދިގެއް ނުނޭ އަޅުގަނޑުމެން ކުރާނީ. ހަ މަސް ދުވަހުގެ އަވަސް ކުރުމެކޭ އަޅުގަނޑުމެންގެ ސިސްޓަމަށް ގެންނާނީ. [ސިލަބަހަށް] އިންޓަގްރޭޓް ކުރަންޖެހޭ ބައިތައް އިންޓަގްރޭޓް ކޮށްގެން، އަދި ރިޕެޓެޓިވްވާ ބައިތައް ކޮންމެ ވެސް ވަރަކަށް އުނިކޮށްގެން، އެފަދަ ބަދަލުތަކާ އެކު ވެސް އެ ހަ މަސް ދުވަސް ނާންނާނެ ފަދަ ގޮތަކަށް އަޅުގަނޑުމެން އެ ބަދަލު ގެންނާނީ،"

"ކުދިންނަށް އުމުރުން އިތުރު ހަ މަސް ދުވަހެއް ގެއްލޭ ގޮތަކަށް އަޅުގަނޑުމެން އެ ބަދަލެއް ނުގެންނާނެ...އަޅުގަނޑުމެން މި ބަދަލު ގެންނަ އިރު މިހާރު ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ރިއާޔަތްކުރާނަން. ރައީސް ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް އެކަށީގެންވާ މުއްދަތެއް، އެކަށީގެންވާ ހޮލިޑޭއެއް އަހަރުގެ މެދުތެރެއިން ހަމަ ލިބޭނެ ގޮތަކަށް އަޅުގަނޑުމެން ބައްޓަންކުރަމުން ދާނީ."

ޝަފީއު ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ލުއި ފަސޭހަވާނެ ގޮތަށް ދިރާސީ އާ އަހަރު ބަދަލުކުރާއިރު އަހަރުގެ މެދުތެރެއިން ހަތަރު ހަފުތާ ނޫނީ އެއް މަސް ދުވަހުގެ ޗުއްޓީއެއް ދެވޭނެ ގޮތަށް ބަދަލުކުރެވޭނެ ކަމަށެވެ. ނަމަވެސް، އެކަންކަން ފައިނަލްކުރާއިރު އެ މުއްދަތު ދިގުވެ، ނުވަތަ ކުރުވުމުގެ ފުރުސަތު އަތުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.