Roadha Mihaaru
ބިސްބުރު ބަލިކޮށް ކުޑަހެންވޭރު ސެމީގެ އުއްމީދުގައި

ފަހު ވަގުތު ބިސްބުރު ބަލިކޮށް ކުޑަހެންވޭރު ސެމީ ފައިނަލުގެ އުއްމީދުގައި

08 އޯގަސްޓް 2022

ފަހަތުން އަރައި ފަހު ވަގުތު ކާމިޔާބުކުރި ލަނޑާ އެކު ބިސްބުރު ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ކުޑަހެންވޭރު ޔުނައިޓެޑުން ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ އުއްމީދު ދަމަހައްޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފަހަތުން އަރައި ފަހު ވަގުތު ކާމިޔާބުކުރި ލަނޑާ އެކު ބިސްބުރު ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ކުޑަހެންވޭރު ޔުނައިޓެޑުން ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ އުއްމީދު ދަމަހައްޓައިފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު އިރު، ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބިސްބުރު ސްޕޯޓްސް އިންނެވެ. މެޗުގެ 72 ވަނަ މިނިޓުގައި މި ލަނޑު ޖެހީ މުހައްމަދު އިހްސާން ސައީދެވެ.

ބިސްބުރުން ލީޑު ނަގާފައި ވަނިކޮށް ކުޑަހެންވޭރުން އެއްވަރުކުރީ 81 ވަނަ މިނިޓުގައި ބިދޭސީ ކުޅުންތެރިޔާ މުހައްމަދު އަހުމަދު މުހައްމަދު އަބްދުއްރައްޒާގު ޖެހި ލަނޑުންނެވެ. އަދި އެ ޓީމު މޮޅުވީ، އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓިގައި، ބިސްބުރަށް ލީޑު ނަގައިދިން އިހުސާން އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

މިއާ އެކު ކުޑަހެންވޭރަށް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅެން އޮތް ހަތް މެޗުގެ ކުޅުން ވެސް ނިމިފަ އެވެ. އެޓީމު އޮތީ 15 ޕޮއިންޓާ އެކު ގުރޫޕް އޭގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ހުރިހާ މެޗަކުން މޮޅުވެގެން 21 ޕޮއިންޓް ހޯދާފައިވާ ބުރު ސްޕޯޓްސް ކުލަބެވެ. ތިން ވަނައިގައި އޮތް ޓެންޓް ސްޕޯޓްސް ކްލަބަށް ބާކީ އެއް މެޗު އޮތް އިރު، އެ ޓީމަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.

ގުރޫޕުގެ ދެ ވަނައިގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދާ ޓީމެއް ޔަގީން ވާނީ، ޓެންޓް ސްޕޯޓްސް އާއި ޖޭޖޭ ސްޕޯޓްސް ބައްދަލުކުރާ ގުރޫޕުގެ ފަހު މެޗުންނެވެ. އެ މެޗު ކާމިޔާބު ކޮށްގެން ޓެންޓް ސްޕޯޓްސް އަށް ޕޮއިންޓުގެ ގޮތުން ކުޑަހެންވޭރާ އެއްވަރު ކުރެވުނަސް، ދެ ވަނައަށް އަރައި ސެމީގެ ޖާގަ ޔަގީން ކުރަން ޖެހޭނީ ފައިދާ ގޯލުން ކުރި ހޯދާށެވެ.

ޓެންޓް ސްޕޯޓްސް އިން ފައިދާ ގޯލުގެ ތަފާތުން ކުޑަހެންވޭރު ފަހަތަށް ޖައްސާލަން ބޭނުން ނަމަ، ޖޭޖޭ ސްޕޯޓްސް އަތުން ބޮޑު ތަފާތަކުން މޮޅުވާން ޖެހެ އެވެ. ކުޑަހެންވޭރަށް ފައިދާ 16 ގޯލު ލިބިފައި ވާއިރު، ޓެންޓަށް މިހާތަނަށް ލިބިފައި ވަނީ ފައިދާ 10 ގޯލެވެ.

ޖޭޖޭ ސްޕޯޓްސް ވަނީ މިރޭ ގަލޮޅު ދަނޑުގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްގެން ގުރޫޕުގެ ހަތަރު ވަނައަށް ޖެހިލައިފަ އެވެ.

މެޗުގައި ޖޭޖޭ އިން ޖެހި ދެ ލަނޑު ވެސް ޖަހައިދިނީ އަހުމަދު އާހިލް އާމިރެވެ. އާހިލް މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 41 ވަނަ މިނިޓުގަ އެވެ. އަދި ދެވަނަ މިނިޓު ޖަހައިދިނީ ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގަ އެވެ.

ޖޭޖޭ އާއި ކްލަބް ޕީކޭ އަށް ވެސް ހަ މެޗުން ނުވަ ޕޮއިންޓް ލިބިފައި ވާއިރު، ޖޭޖޭ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އަދި ސިފައިންގެ ކްލަބަށް ކުޅުނު ހަ މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ބިސްބުރު ސްޕޯޓްސް އަށް ގުރޫޕް ސްޓޭޖުގައި ކުޅެން އޮތް ހަތް މެޗުން ހަ ޕޮއިންޓް ހަމަކުރެވުނު އިރު، ފުލުގައި އޮތް ކެޕިޓަލް ސިޓީ އަކަށް ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް އޭ ގައި ބާކީ ހުރި މެޗުތައް

10 އޮގަސްޓް 16:00 (ޓާފް ދަނޑު): ކްލަބް ޕީކޭ - ދިވެހި ސިފައިންގެ ކްލަބް 10 އޮގަސްޓް 21:00 (ގަލޮޅު ދަނޑު): ޓެންޓް ސްޕޯޓްސް ކްލަބް - ޖޭޖޭ ސްޕޯޓްސް ކްލަބް