Roadha Mihaaru
ދަނޑުގެ މާރާމާރީ:ހައްޔަރުކުރި 13 މީހަކު ދޫކޮށްލަައިފި

ގަލޮޅު ދަނޑުގައި ހިންގި މާރާމާރީ: ހައްޔަރުކުރި 16 މީހުންގެ ތެރެއިން 13 މީހަކު ދޫކޮށްލައިފި

28 ފެބުރުއަރީ 2024

ގަލޮޅު ދަނޑުގައި މި މަހުގެ ހަތްވަނަ ދުވަހު ކުޅުނު ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގެ މެޗެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 16 މީހުންގެ ތެރެއިން 13 މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގަލޮޅު ދަނޑުގައި މި މަހުގެ ހަތްވަނަ ދުވަހު ކުޅުނު ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގެ މެޗެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 16 މީހުންގެ ތެރެއިން 13 މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ މާރާމާރީ ހިންގީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނިޓުގެ ތެރޭގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މެޗުގެ ކުޅުން ކުރިއަށް ގެންދަނިކޮށް ބަޔަކު މީހުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގައި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު މާރާމާރީ ހިންގި މައްސަލާގައި 16 މީހަކު ހައްޔަރުކުރި ކަމަށެވެ.

އެކަމަކު، އޭގެ ތެރެއިން 13 މީހަކު ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މީހުންގެ ތެރެއިން ފުލުހުންގެ ބަންދުގައި މި ވަގުތު ތިބީ ތިން މީހުން،" އޮފިޝަލް ވިދާޅުވި އެވެ.

މެޗެއްގެ ތެރެއިން ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރަނީ-- ފޮޓޯ | މިހާރު

މެޗެއްގެ ތެރެއިން ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރަނީ-- ފޮޓޯ | މިހާރު

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޮންމެ މީހެއްގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ ދުވަހުގެ މެޗުގައި ހިންގި ހަމަނުޖެހުމުގައި ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ވެސް ހަމަލާ ދީފައި ވެ އެވެ. މެޗުގައި 82 ވަނަ މިނިޓް ކުޅުނު ފަހުން، ހިންގި އެ ހަމަނުޖެހުމުގެ ތެރޭގައި ކުޑަހެންވޭރަށް ސަޕޯޓުކުރަން ތިބި ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަދެ އިތުރަށް ހަމަނުޖެހުން ހޫނު ކުރި އެވެ.

އެ ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ވަނީ ސޮބާގެ މޫނު މަތީގައި ގޮށްމުށުން ޖަހައި، އޭނާގެ އަނގަމަތި ފަޅާލައިފަ އެވެ.

މެޗުގައި ހަމަނުޖެހުން ހިންގަން މެދުވެރިވީ، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު، ވިކްޓަރީގެ އެނަޓޮލީ އަށް ކުރި ފައުލަކާ ގުޅިގެން އެނަޓޮލީ ގަސްދުގައި ހާޒިމް ގައިގައި ކޮޅުފައިން ޖެހުމުންނެވެ. އެއާ ގުޅިގެން ރެފްރީ މުހައްމަދު ޖާވިޒް އެނަޓޮލީ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ނިންމުމާ ގުޅިގެން މައްސަލަ ހޫނުވި އެވެ. އޭގެ ކުރިން ވެސް ކުޑަހެންވޭރުން ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.