Roadha Mihaaru

ޓަގު ބޯޓު ބާ ދަގަނޑަށް ވެފައި، އެކަމަކު ބަދަލަށް 160 މިލިއަން!

ތިލަފުށީގައި އޮތް ޓަގު ބޯޓު ބާ ދަގަނޑަށް ވިތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ބޯޓު ބަންނަން ފެށުމާ އެކު މައްސަލަތައް އޮތީ އުފެދިފަ އެވެ. އޭގެ ބޭނުމެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަކަށް ނުކުރެވެ އެވެ. އެކަމަކު އެބޯޓުގެ މައްސަލާގައި އަމިއްލަ ކުންފުންޏަކަށް 160 މިލިއަން ރުފިޔާ ދޭން، އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ދާދި ފަހުން ހުކުމްކުރުމުން، އެތައް ބަޔަކު ހައިރާންވެ އަންތަރީސްވި އެވެ.

ބޯޓު ބާ ދަގަނޑަށް ވެފައި، ބަދަލަށް 160 މިލިއަން!
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

03 ޖެނުއަރީ 2017

ތިލަފުށީގައި އޮތް ޓަގު ބޯޓު ބާ ދަގަނޑަށް ވިތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ބޯޓު ބަންނަން ފެށުމާ އެކު މައްސަލަތައް އޮތީ އުފެދިފަ އެވެ. އޭގެ ބޭނުމެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަކަށް ނުކުރެވެ އެވެ. އެކަމަކު އެބޯޓުގެ މައްސަލާގައި އަމިއްލަ ކުންފުންޏަކަށް 160 މިލިއަން ރުފިޔާ ދޭން، އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ދާދި ފަހުން ހުކުމްކުރުމުން، އެތައް ބަޔަކު ހައިރާންވެ އަންތަރީސްވި އެވެ.

ސެންޓަ އެންޓަޕްރައިސަސް އަށް 160 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް، މިދިޔަ ހަފުތާގައި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ހުކުމް އިއްވެވީ 13 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކުރި ދައުވާގަ އެވެ.

އެމްޕީއެލް އަށް އެ ބޯޓު ބަނދެދޭން ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކުރީ 2008 ގަ އެވެ. އެކަމަކު އެ މަސައްކަތުގެ ބައެއް ނިންމާފައި އޮއްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ، ބޮޑެތި ތުހުމަތުތަކާ ގުޅިގެން، އެކަން ހުއްޓުވައިފަ އެވެ. އޭސީސީން އަންގާފައި ވަނީ ސެންޓަ އެންޓަޕްރައިސަސް އަށް ދޭން ޖެހޭނީ އެ ކުންފުނިން ކުރި މަސައްކަތެއްގެ އަގު ކަމަށެވެ. އެ ކުންފުނިން އުޅުނީ ނުކުރާ މަސައްކަތަށް އަގު ނަގަން ކަމަށް އޭސީސީން ބުނެ އެވެ.

ޓަގް ބަނުމުގެ މަސައްކަތް ހުއްޓުމަކަށް އައީ ސެންޓަ އެންޓަޕްރައިސަސް އާއި ސަބް ކޮންޓްރެކްޓަރާ ދެމެދު ޖެހުނު ފައިސާގެ މައްސަލައެއްގަ އެވެ. ސަބް ކޮންޓްރެކްޓަރު ކުރި މަސައްކަތުގެ ފައިސާ ސެންޓަ އެންޓަޕްރައިސަސް އިން ނުދޭ ކަމަށް ސަބް ކޮންޓްރެކްޓަރު ބުނެ އެވެ. މައްސަލަ އުފެދި މަސައްކަތް ހުއްޓުމަކަށް އައީ އެ ހިސާބުންނެވެ.

އެމްޕީއެލް އާއި ސެންޓަ އެންޓަޕްރައިސަސް އިން އެއްބަސްވީ، ޓަގްގެ ކޮންމެ މަސައްކަތެއް ވެސް ނިމުމުން، އެ މަސައްކަތެއްގެ އަގު ދިނުމަށެވެ.

އެންމެ ފަހުން ސިވިލް ކޯޓުގައި ސެންޓަ އެންޓަޕްރައިސަސް އިން ދައުވާކުރީ ނިންމާފައިވާ މަސައްކަތަށް ޖެހޭ 13 މިލިއަން ރުފިޔާ ނުލިބި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެއްޖެ ކަމަށް ބުނެ، އެ ފައިސާ އާއި ޖޫރިމަނާ ހޯދާށެވެ.

މިއީ މިހާ ބޮޑު އަދަދެއް ސަރުކާރު ކުންފުންޏަކުން ދައްކަން ރާއްޖޭގެ ކޯޓަކުން ހުކުމްކުރި ފުރަތަމަ ފަހަރެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ވިދާޅުވީ 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެމްޕީއެލުން ދައްކަން ކުރި ހުކުމް އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޓަގުގެ މަސައްކަތް ހުއްޓާލުމުން މިހާރު އޮތީ ތިލަފުށީގައި ބާ ދަގަނޑަށް ވެފަ އެވެ.

ސެންޓަ އެންޓަޕްރައިސަސް އިން އެ މަޝްރޫއު ނެގުމަށް ފަހު ބޯޓު ބަންނަން ހަވާލުކުރި ސަބް ކޮންޓްރެކްޓަރާއި ސެންޓަ އެންޓަޕްރައިސަސްއާ ދެމެދު ވެސް ސިވިލް ކޯޓުގައި މައްސަލައެއް ކުރިއަށް ދާ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

"ޓަގު ބޯޓަކީ ސްޓީލުން ހުންނަ އެއްޗެއް. ގިނަ ދުވަސް ވާ ވަރަކަށް އޭތި ހަލާކުވަމުން ދާނީ. މިހާރު އޮތީ އެ ބޯޓު ބާ ދަގަނޑަށް ވެފައި ތިލަފުށީގައި،" ޖުނައިދު ވިދާޅުވި އެވެ.

"ދެން 60 ޕަސެންޓް މަސައްކަތް ނިންމީއޭ އެ މީހުން ބުންޏަސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެވަރަށް މަސައްކަތް ނިންމި ކަމަކަށް."

އޭނާ ވިދާޅުވި ގޮތުގައި ޖޫރިމަނާގެ ގޮތުގައި ކޯޓުން ނަގައިދިނީ އެއްގޮތަކަށް ވެސް ގަބޫލުކުރެއްވޭ ވަރުގެ އަދަދެއް ނޫނެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ބައްލަވާ، 160 މިލިއަން ރުފިޔާއޭ ބުނާއިރު އެއީ ކިތައް ޓަގު ބޯޓު ގަނެވޭނެ ފައިސާތޯ؟ ކިތައް ރަށުގެ ބަނދަރު ހެދޭނެ އަގުތޯ؟ އެހެންވީމަ އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ އަދަދެއް ނޫން،" ޖުނައިދު ވިދާޅުވި އެވެ.

"މިއީ ރައްޔިތުންގެ ފައިސާ ދެއްތޯ؟. ދެން ކޯޓުގެ އެ ހުކުމް އައީ ކިހިނެއް ކަމާ މެދު އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން. އެކަމަކު އަޅުގަނޑުމެން އެ މައްސަލަ ހައި ކޯޓަށް އިސްތިއުނާފް ކުރާނަން. ހައި ކޯޓުން ނުވިއްޔާ ސުޕްރީމް ކޯޓަށް ވެސް ދާނަން."

ޖުނައިދު ވިދާޅުވީ އެ މައްސަލާގެ އިސްތިއުނާފް މަރުހަލާގައި ދައުލަތުން ވެސް އެމްޕީއެލްއަށް އެހީތެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ކޯޓުގެ ހުކުމުގަައިވާ ގޮތުން ޖޫރިމަނާ އާއި ޖީއެސްޓީ އާއި މަސައްކަތުގެ އަގުގެ ގޮތުގައި އެމްޕީއެލް އިން ދައްކަން ޖެހެނީ 293 މިލިއަން ރުފިޔާ އެވެ. އެކަމަކު ބައެއް ގާނޫނީ އުސޫލުތަކަށް ރިއާޔަތްކޮށް، އެ އަދަދު އޭގެ ދެ ބައި ކުޅަ އެއްބަޔަށް ވާ 160 މިލިއަން ރުފިޔާއަށް ދަށްކުރެއްވީ ކަމަށް ގާޒީ ހަލީމް ކުރެއްވި ހުކުމުގައިވެ އެވެ.

ޖޫރިމަނާ އެހާ ބޮޑުވީ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދައްކައިފި ނަމަ، ދުވާލަކަށް އަރާ ޖޫރިމަނާ ބޮޑުކަމުންނެވެ. އެގްރިމެންޓްގައި ބުނާ ގޮތުން ދުވާލަކަށް ދެ ޕަސެންޓްގެ ޖޫރިމަނާއެއް އަރާނެ އެވެ. އެއީ 13 މިލިއަން ރުފިޔާ އަށް ބަލާ ނަމަ ދުވާލަކު 260،000ރ އެވެ.