Roadha Mihaaru
މެރީޑިއަމާ އެކު އޮތީ ބާތިލް އެއްބަސްވުމެއް: އެމްޕީއެލް

މެރީޑިއަމާ އެކު އޮތީ ބާތިލް އެއްބަސްވުމެއް، އެ މައްސަލަ އިސްތިއުނާފް ކުރާނަން: އެމްޕީއެލް

04 ޖެނުއަރީ 2017

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ގަތުމަށް މެރީޑިއަމް ކުންފުންޏާ އެކު ހަދާފައި އޮތް އެއްބަސްވުން ދަމަހައްޓަން ކޯޓުން ހުކުމް ކުރިޔަސް އެއީ ބާތިލް އެއްބަސްވުމެއް ކަމަށާއި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ގަތުމަށް މެރީޑިއަމް ކުންފުންޏާ އެކު ހަދާފައި އޮތް އެއްބަސްވުން ދަމަހައްޓަން ކޯޓުން ހުކުމް ކުރިޔަސް އެއީ ބާތިލް އެއްބަސްވުމެއް ކަމަށާއި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމް ކުންފުނިން އެމްޕީއެލް އަށް ތެޔޮ ގަތުމަށް އެއްބަސްވުން ހަދާފައި ވަނިކޮށް އެމްޕީއެލް އިން މި އަހަރު ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ މެރީޑިއަމުން ކޯޓަށް ހުށަހެޅުމުން މިދިޔަ މަހު ކޯޓުން ހުކުމްކުރީ އެ އެއްބަސްވުން ދެމެހެއްޓުމަށެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވި ގޮތުގައި އެ އެއްބަސްވުން ދަމަހައްޓަން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށާއި އެ އެއްބަސްވުމަކީ އުފެދުނު އިރު ވެސް ބާތިލް އެއްބަސްވުމެއް ކަމަށެވެ. ސަބަބަކީ ވަކި އަދަދަކަށް ވުރެ ބޮޑެތި މަސައްކަތްތައް ހަވާލު ކުރެވޭނީ ކުންފުނީގެ ބޯޑުން ފާސްކޮށްގެން ކަމަށްވިޔަސް މެރީޑިއަމާ އެކު ހެދި އެއްބަސްވުމަކީ އެމްޕީއެލްގެ ބޯޑުން ފާސްކުރި އެއްބަސްވުމެއް ނޫން ކަމަށްވާތީ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

"އަޅުގަނޑު ޗެއާމަނަކަށް ހުއްޓައި މިކަމެއް ހިނގީ. އޭރަކު ހަމަ ގައިމު ވެސް ބޯޑަކަށް ނާދޭ އެއްބަސްވުން ފާސް ކުރާކަށް،" ޖުނައިދު "މިހާރު" އަށް ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ އެއްބަސްވުން ދަމަހައްޓަން ނެރުނު ވަގުތީ އަމުރު އިސްތިއުނާފްކޮށްފައި ވަނިކޮށް އެ މައްސަލައިގެ ހުކުމް އައުމުން ހައިރާންވާ ކަމަށެވެ. މެރީޑިއަމުން އެމްޕީއެެލް އަށް ތެޔޮ ވިއްކަނީ ބާޒާރުގައި ވިއްކާ އަގަށް ވުރެ ބޮޑު އަގުގައި ކަމަށާއި އެފަދަ ހުކުމްތައް ކުރާ އިރު "ބަލާލަން އެބަޖެހޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަގުތީ އަމުރު އިސްތިއުނާފް ކުރީމަ އެ މައްސަލަ ހައި ކޯޓުން ނުނިމެނީސް ދަށު ކޯޓުގެ މި އަންނަނީ ހުކުމެއް އެއްބަސްވުން ދަމަހައްޓާށޭ. ކިހިނެއްތޯ ނެތް އެއްޗެއް ދަމަހައްޓާނީ؟ އެއީ ބާތިލް އެއްބަސްވުމެއް،" ޖުނައިދު ވިދާޅުވި އެވެ.

އެކަމަކު ޖުނައިދުގެ އެ ވާހަކަތައް މެރީޑިއަމުން ދޮގު ކުރި އެވެ. މެރީޑިއަމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އެއްބަސްވުން ހެދީ އެމްޕީއެލްގެ ބޯޑަށް ހުށަހަޅައި، އެ ބޯޑުން ފާސް ކޮށްގެންނެވެ. އެއްބަސްވުން ހެދީ ބޯޑުން ފާސްކޮށްގެން ކަން ކޯޓުގެ ހުކުމުން ވެސް އެނގޭނެ ކަމަށާއި އެމްޕީއެލް އިން ކަންކަން އޮޅުވާލަނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ބޯޑުން ފާސްކޮށްގެން އެއްބަސްވުން ހަދާފައި އޮންނާނީ. ޖުނައިދު އޭރު ހުންނާނީ އެމްޕީއެލްގެ ޗެއާމަނަށް. ހުކުމުގައި އޮންނާނެ ބޯޑުން އެކަން ފާސްކުރި ވާހަކަ ވެސް ބުނެފައި،" އޮފިޝަލް ވިދާޅުވި އެވެ.

މެރީޑިއަމްގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެމްޕީއެލް އިން މަސައްކަތް ކުރީ ސަރުކާރާ ގުޅުން އޮންނަ އެހެން ބަޔަކާ ގުޅިގެން ތެޔޮ ކުންފުންޏެއް އުފެއްދުމަށް ފަހު އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރާށެވެ.

"މެރީޑިއަމުން އަގު ބޮޑުކޮށް ތެޔޮ ވިއްކަނީއޭ ބުނާ އިރު މެރީޑިއަމުން ހުށަހެޅި އަގު ކުޑަ ވީމަ މެރީޑިއަމަށް އެ ބިޑް ކާމިޔާބު ކުރެވުނީ. އަދި އެއްބަސްވުމުގައި އޮންނާނެ ބުނެފައި ބާޒާރުގައި ތެލުގެ އަގު ބޮޑުވާ ވަރަކަށް ބޮޑުކޮށޭ ވިއްކާނީ، ހަމަ އެގޮތަށް ބާޒާރުގައި އަގު ދަށްވެއްޖެ ނަމަ ދަށް އަގުގައޭ ވިއްކާނީ. މިގޮތަށް ވެސް އޮންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.