Roadha Mihaaru
އެމްޕީއެލްއަށް ތެޔޮ ހޯދޭނީ މެރީޑިއަމުން އެކަނި

އެމްޕީއެލްއަށް ތެޔޮ ސަޕްލައި ކުރުން މެރީޑިއަމް ނޫން ބަޔަކަށް ނުދޭން ވަގުތީ އަމުރެއް ނެރެފި

11 އޮކްޓޯބަރ 2016

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުން މެރީޑިއަމް ނޫން އެހެން ފަރާތަކާ ހަވާލުނުކުރަން އަންގައި، އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް އިއްޔެ ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުން މެރީޑިއަމް ނޫން އެހެން ފަރާތަކާ ހަވާލުނުކުރަން އަންގައި، އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް އިއްޔެ ނެރެފި އެވެ.

އެގޮތަށް އަމުރުކުރީ އެމްޕީއެލްގެ ވެހިކަލްތަކަށް ތެޔޮ ސަޕްލައި ކުރުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމާ ހަވާލުކޮށްފައި ވަނިކޮށް އެހެން ފަރާތަކާ އެކަން ހަވާލުކޮށްގެން އެމްޕީއެލް އިން ތެޔޮ ހޯދަމުންދާތީ އެ މައްސަލަ މެރީޑިއަމުން ކޯޓަށް ހުށަހެޅުމުންނެވެ.

މެރީޑިއަމުން ކޯޓުގައި އެދިފައިވަނީ މައްސަލަ ނިމެންދެން އެމްޕީއެލްއަށް ތެޔޮ ސަޕްލައި ކުރުން އެހެން ފަރާތަކަށް ނުދޭން ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ.

މެރީޑިއަމުން ބުނެފައިވާ ގޮތުގައި އެމްޕީއެލްގެ ވެހިކަލްތަކަށް ތެޔޮ ސަޕްލައި ކުރުން މެރީޑިއަމާ ހަވާލުކުރީ މިި އަހަރުގެ އޭޕްރީލް މަހު އެވެ. އެ އެއްބަސްވުން އެގޮތަށް އޮއްވާ، އެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުމަކީ އެއްބަސްވުމުގެ މަގްސަދާ ޚިލާފް ކަމެއް ކަމަށް މެރީޑިއަމުން ކޯޓަށް ހުށަހެޅި މައްސަލާގައިވެ އެވެ.

ކޯޓުގެ އަމުރުގައި ވަނީ މައްސަލައިގެ ވަކި ގޮތެއް ނިންމަންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ތެޔޮ ސަޕްލައި ކުރުމުގެ މަސައްކަތް މެރީޑިއަމް ނޫން އެހެން ފަރާތަކާ ހަވާލުނުކުރަން އެމްޕީއެލްގެ މައްޗަށް އަންގާ ކަމަށެވެ.

އެގޮތަށް އަމުރު ނުނެރެފި ނަމަ މެރީޑިއަމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަން މެރީޑިއަމުން ކޯޓުގައި ބަޔާންކޮށްދީފައިވާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

އަމުރަށް ޖަވާބުދާރީވާން ކޯޓަށް ހާޒިރުވާން އެމްޕީއެލްއަށް ޗިޓް ފޮނުވުމުން އެ ކުންފުނިން އެ ޗިޓާ ހަވާލުވެފައިނުވާތީ އެ އަމުރު ނެރުމުގައި އެމްޕީއެލްގެ ބަހެއް ކޯޓަށް ލިބިފައެއް ނުވެ އެވެ.

އެފަދަ ހާލަތުގައި އަމުރަށް އެދޭ ފަރާތަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރަން އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދުމެއް ނެތި ވަގުތީ އަމުރު ނެރެވިދާނެ ކަން ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި އޮންނަ ކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.